މިއަދަކީ ދިރާސީ އާ އަހަރެއްގެ ކިޔެވުން ފެށުނު ދުވަހެވެ. އެހެންކަމުން،
ހައްދުންމަތީގެ ހުރިހާ ރަށްރަށުގެ ސުކޫލު މަދަރުސާތަކާއި ޕްރީސުކޫލުތަކުގެ
އެންމެހާ ލޮބުވެތި ދަރިވަރުންނަށާއި މުދައްރިސުންނަށާއި އެތަންތަނުގެ ވެރިންނަށާއި
އެންމެހާ މުވައްޒަފުންނަށް އަދި ވަރުބަލިކަމެއްނެތި މަސައްކަތްކުރައްވާ
ބެލެނިވެރިންނަށް ދުވަހުގެ ތަޙުނިޔާ އަރިސްކުރަމެވެ.
ޤައުމު މިއޮތީ ނުބައި ފައްތަރެއްގައެވެ. ބަލާލި ކޮންމެ ދިމާއަކުންވެސް
އަޅުގަނޑުމެންނަށް ފެންނަމުންދަނީ މުޖުތަމަޢުގެ ފޭރާން ވީދިފައިވާ މަންޒަރެވެ.
ތަފާތު އެތަކެއް ސަބަބުތަކާއިހުރެ، ހައްދުންމަތީގެ ހާލަތު އަދި އަމުދުން ގޯހެވެ.
އެހެންކަމުން، މިއަދު އަޅުގަނޑުމެން އެންމެންވެސް އަވަސްވާންވީ އަޅުގަނޑުމެންގެ
ކާބަފައިން އަޅުގަނޑުމެންނަށް ދައްކައިދިން ރިވެތި މަގުން ހިނގުމަށް ކުރެވެންހުރި
ކަންކަމާއި ޒަމާނީ ތަހުޒީބު އަޅުގަނޑުމެންނަށް ގެނެސްދީފައިވާ ރަނގަޅުކަންކަން
ދެނެގަނެ، އެ ކަންކަން އަޅުގަނޑުމެންގެ ދަރިންގެ ކިބާގައި އަށަގެންނެވުމަށެވެ. އެންމެންގެ
ރައްކަލަށްޓަކައެވެ.
އިސްލާމްދީނަކީ އެންމެ ފުރިހަމަ ދީނެވެ. މިއީ ފޮތުގެ އަހުލުވެރިންގެ ތެރެއިން
ހަމަ އެކަކުވެސް އިންކާރުނުކުރާ ކަމެކެވެ. ނަޞާރާއިންނާއި ޔަހޫދީން ގޮތްދޫނުކޮށް
އުޅުނަސް މިކަމަކަށް އިންކާރެއް ނުކުރެތެވެ. އެހެންކަމުން،
އިސްލާމުންކަމުގައިވެތިބެ، އަޅުގަނޑުމެންގެ ޅަ ދަރިން ހަމަ މަގުން ކަސިޔާރުވާން
ދޫކޮށްލުމީ އަޅުގަނޑުމެން ކޮށްގެންވާނެ ކަމެއްނޫނެވެ. ދީން ދެކެ ލޯބިވުމީ ޤައުމުގެ
ވެރިކަން ބަދަލުކުރުމަށް ނެރޭ އުޒުރެއްކަމުގައި ހެދުމުގެ ބަދަލުގައި ހަމަ ކޮންމެ
މީހަކުވެސް އެމީހެއްގެ ފެންވަރުގައި ދީނަށް ނަސްރުދޭން އެބަޖެހެއެވެ. މިކަމުގައި ސުކޫލުތަކުން
ކުރެވިދާނެ އެތައްކަމެއް އެބަހުއްޓެވެ.
1. މަދަނީ ތަޢުލީމާއި ދީނީ ތަޢުލީމުގެ ޝިޢާރުތަކުގެ މައްޗަށް ކޮންމެ
ހަފުތާއަކުވެސް ގަޑި ނަގައިދެވިދާނެއެވެ. ނުވަތަ، އެ ހަފުތާއެއްގެ
އިސްލާމް/ޤުރުޢާންކުލާހުގައި އެކަމަށް ބާރު އެޅިދާނެއެވެ. ސުކޫލުގެ އެސެމްބްލީގައިވެސް
މި އުސޫލުން، ބަޔާންކުރެވޭ ޝިއާރުގެ މައްޗަށް ސުކޫލުގެ ވެރިންނަށް
ވާހަކަދެއްކެވިދާނެއެވެ. ހަމަ އެހެންމެ، އެސެމްބްލީގައި ވާހަކަދެއްކުމުގެ ފުރުޞަތު
ދަރިވަރުންނަށްވެސް ދެވިދާނެއެވެ. މިކަން ކުރުމަށްޓަކައި، އިޚުލާސްތެރިކަން، ތެދުވެރިކަން،
އަމާނާތްތެރިކަން ފަދަ މަޢުލޫއުތަކުގެ ލިސްޓެއް އެކުލަވާލުމަށްފަހު އިސްކަންދޭ
ތަރުތީބަކުން މަސްމަހުގެ ނުވަތަ ހަފުތާތަކުގެ މައްޗަށް ބަހާލެވިދާނެއެވެ.
2. މި އަތޮޅުގެ ކޮންމެ ސުކޫލެއްގައި ނަމާދުކުރާ މަރުކަޒެއް ސުކޫލުގެ ގޯތީގެ
ތެރޭގައި ނެތެވެ. އެހެނަސް، ވަރަށް ގިނަ ރަށްރަށުގައި މިސްކިތްތައް ހުރީ ސުކޫލު
ފެންނަފަށުގައެވެ. އެހެންކަމަށް ވުމާއެކު، ދުވާލުގެ ނަމާދުތައް ސެޝަނުގެ ތެރެއަށް
ވައްދައިގެން ނަމާދުކުރަން ދަރިވަރުންނަށް ފުރުޞަތުދިނުމާއި ދަސްކޮށްދިނުމަކީ
ކުރެވިދާނެކަމެކެވެ. މިކަމަށް ތަފާތު އުޒުރުތައް މެދުވެރިވެފައިވާ ސުކޫލުތަކުން
ދުރާލާ ރޭވުމަށްފަހު ކަމާބެހޭ އިދާރާތައް މެދުވެރިކޮށް އެކަމަށް މަގުފަހި ކުރުން
މުހިންމެވެ.
3. ކީރިތި ޤުރުއާން ކިޔެވުމުގެ ލާބަޔާއި މަންފާއަކީ އެކަކަށްވެސް އޮޅިފައިވާނެކަމެއްނޫނެވެ.
އެހެނަސް މި އަތޮޅުގައި ދަރިވަރުންނަށް ޤުރުއާން އުންގަންނައިދިނުމުގެ ރޫޙު ވަރަށް
ކުޑައެވެ. ލ. މުންޑޫ، ލ. ގަން، ލ. ފޮނަދޫ އަދި ލ. މާވަށް ފިޔަވައި ދެން ހުރި ރަށްރަށުގައި
ޤުރުއާނަށް ދޭ އަހައްމިއްޔަތުކަން އަމުދުން ކުޑައެވެ. ގިނަ ސުކޫލުތަކުގައި
ޤުރުއާން މުދައްރިސުންނެއް ނެތެވެ. ކަން މިހެން އޮތުމާއިއެކު، އެ ރަށެއްގެ
ސުކޫލާއި ރަށު ކައުންސިލް ގުޅިގެން ކޮންމެ ރަށެއްގައިވެސް ތަމްރީނުވެފައިވާ
ޤުރުއާން މުދައްރިސުން ތިބިކަން ކަށަވަރުކުރުމަށް ކަމާބެހޭ ފަރާތްތަކާއިގުޅިގެން
މަސައްކަތްކުރުން ކޮންމެހެންވެސް ލާޒިމެވެ. މިއަދުވެސް، ލ. ކުނަހަންދޫ ސުކޫލް ނުހުޅުވިގެން
އުޅޭ އެއް ސަބަބަކީ އެ ރަށުގައި ޤުރުއާން ޓީޗަރަކުވެސް ނެތުން ކަމުގައި އެ ރަށުގެ
ރައްޔިތުން ބުނެ ހަދަތެވެ.
4. ކީރިތި ޤުރުއާނަކީ ކޮންމެ ކޮންމެ މުދައްރިސަކަށް ކިޔަވައިދެވޭނެ
މާއްދާއެއް ނޫނެވެ. އެހެންކަމުން މަތީގައި ބަޔާންކުރެވުނު މޭރުމުން މުދައްރިސުން
ހޯދުމަށްފަހު، ކަނޑައެޅި ބަޔާންވެވޭ ތަރުތީބަކުން ހަމަ ކޮންމެ ސުކޫލެއްގައިވެސް
ދަރިވަރުންނަށް ޤުރުއާން ކުލާސްތައް ނަގައިދޭން އެބަޖެހެއެވެ. ކަރިކިއުލަމްގައި ހިމެނިފައިވާ
ގަޑިތައް ނަގައިދިނުމުގެ އިތުރަށް، ޤުރުއާން މަޚުރަޖައިން ކިޔަން ދަސްކޮށްދޭ
ކުލާސްތަކާއި ޤުރުއާން ހިތުދަސްކޮށްދޭ ކުލާސްތައް އަޅުގަނޑުމެންގެ ދަރިވަރުންނަށް
ނަގައިދޭން އެބަޖެހެއެވެ. މިކަމުގައި ސުކޫލުތަކުގެ ވެރިން ޚާއްސަ ސަމާލުކަމެއް
ދިނުން މުހިންމެވެ. ރަށުކައުންސިލުންނާއި އަތޮޅުކައުންސިލުންވެސް މިކަމުގައި
ސުކޫލުތަކަށް މަދަދުދާރުވުމަކީ ނުހަނު މުހިންމުކަމެކެވެ.
5. އިސްލާމީ ދިރިއުޅުމެއް ލިބޭނީ ކީރިތިރަސޫލާއާއި އިސްލާމީ ޚަލީފާއިންނާއި
އެނޫންވެސް މޭސްތިރިން ދުނިޔެ އުޅުއްވިގޮތް ދިރާސާ ކޮށްގެންނެވެ. އިސްލާމީ ސީރަތުގެ
ތެރެއިންނެވެ. އެހެންކަމުން، ސުކޫލުތަކުން އުނގަންނައިދިނުމުގައިވެސް ފޮތް
ކަވަރުކުރަން އުޅުމުގެ ބަދަލުގައި މިކަމަށް ސަމާލުކަން ދިނުން މުހިންމެވެ. މި މަޤުޞަދު
ހަނދާންނައްތާނުލުން މުހިންމެވެ. އެއަށްފަހު، ދަރިވަރުންގެ ހިތުގައި އިސްލާމީ ދަންނަބޭކަލުންގެ
ދިރިއުޅުއްވުން ހުރިނެތްގޮތް އަށަގެންނެވުމަށްޓަކައި ތަފާތު ޕްރޮޖެކްޓް
މަސައްކަތްތައް ދެވިދާނެއެވެ. ސުވާލު މުބާރާތްތަކާއި ބަހުސްތައް ބޭއްވިދާނެއެވެ. މަޒުމޫނު
މުބާރާތްތައް ބޭއްވިދާނެއެވެ. ތަފާތު އުމުރުފުރާތަކާއި ގުޅޭގޮތަށް އުނގެނުމުގެ
ހަރަކާތްތައް ކުރިޔަށް ގެންދެވިދާނެއެވެ.
6. ދީނީ އިލްމު އުނގެނުމަށާއި ހެވާއި ނުބައި ވަކިކުރުމަށްޓަކައި ބުއްދިކުރުމަކީ
ކޮންމެހެންވެސް މުހިންމުކަމެކެވެ. އެހެންކަމުން މިއަދު ސުކޫލުތަކުން ބަލަންވީ
ފޮތުގައި އޮތް އެއްޗެއް އެ އޮތް ގޮތަކަށް ހިތުދަސްކުރުމަށް މަޖުބޫރުކުރުވުމުގެ
ބަދަލުގައި ކަންކަމާއިމެދު ދަރިވަރުން ބުއްދިކުރުމުގެ ފުރުޞަތު ފޯރުކޮށްދޭށެވެ.
އޭގެ ނަތީޖާނެރުމަށްޓަކައި ތަފާތު ފޯރަމްތަކާއި ބަހުސްތައް ބޭއްވުމަކީ
ކުރެވިދާނެކަމެކެވެ.
މީގައި ދަންނަންވި އެންމެ މުހިންމު ކަމަކީ، އަޅުގަނޑުމެންކުރެ ކޮންމެ
މީހަކުވެސް ކަންފަސޭހައަށް އަޅާނުލާ ދޫކޮށްލައިފިނަމަ، އަޅުގަނޑުމެންގެ
ފަރުވާކުޑަކުރުމުގެ ނަތީޖާގެ ގޮތުން ވިޔާނުދާ ހަމަ އެންމެ ދަރިވަރަކު އުފެދުނު
ކަމުގައި ވިޔަސް އެ ދަރިވަރެއްގެ ސަބަބުން ދެންތިބީންގެ މުދަލާއި ޖާނާއި
ފުރާނައަށް ނުރައްކާވާނެކަމާއި، އެހެންކަމުން ހަމަ އެންމެ ދަރިވަރަކުވެސް
ދޫކޮށްލުމަކާއިނުލާ ހުރިހާ ދަރިވަރުންނަށްވެސް އަޅާލާންޖެހޭކަމެވެ. އެއްވެސް މީހަކު،
އެމީހެއްގެ ޒިންމާގެ ފުޅާމިނަކީ އެ މީހެއްގެ ގޭގެ ހަތަރުފާރުން އެތެރެ ކަމުގައި
ދެކުމަކީ މޮޔަކެމެވެ. ހައްތާވެސް ދަރީންނެވެ.



No comments:
Post a Comment