މިއަދަކީ އިއްޔެގެ ބަނޑުން ވިހާފައިވާދުވަހެކެވެ. އަދި މާދަމާ ވިހާނީ
މިއަދުގެ ބަނޑުންނެވެ. ހަމަ އެފަދައިން، މާދަމާގެ ޒުވާނުންގެ ކުޅަދާނަކަމާއި،
ހުނަރާއި، ސިއްޙަތާއި، އެމުނިއެކުލެވުމާއި އިޤުތިޞާދީ އުފެއްދުންތެރިކަން
ބިނާވެގެންދަނީ، މިއަދުގެ ކުޑަކުދިންގެ ދުޅަހެޔޮކަމުގެ މައްޗަށެވެ. ވަކިން ހާއްސަކޮށް،
އެ ކުދިންގެ ސިއްޙީ ދުޅަހެޔޮކަމުގެ މައްޗަށެވެ.
އެހެންނަމަވެސް، އަދިވެސް އަޅުގަނޑުމެންނަށް ފެނިގެން ދަނީ މިއަތޮޅުގެ
ރަށްރަށުގެ ހެލްތުޕޯސްޓުތަކާއި ހެލްތުސެންޓަރުތަކާއި އަދި ލ. ގަމުގައި ޤާއިމުކުރެވިފައިވާ
ރީޖަނަލް ހޮސްޕިޓަލުގެ ހުރިހާ ވަސީލަތެއްވެސް، ބަލިމީހުން ސަލާމަތްކުރުމަށް ބޭނުންކުރާ
މަންޒަރެވެ. ގިނަފަހަރު، އެކަމަށް ފުދޭ ވަސީލަތް ނުވެސް ނެތް މެއެވެ. އަނެއްކޮޅުންބަލާއިރު،
ބަލި ނުވަނީސް، ބަލިތަކުން މީހުން ނަޖާކުރަން މި ތަންތަނުން ކުރާ މަސައްކަތް
އަދިވެސް އެތައްތަނަކުން މަދެވެ. އަދި، ހޭލުންތެރިކުރުމުގެ ބައެއްކަހަލަ ހަރަކާތްތައް
އިހުނަށްވުރެވެސް މިހާރު މަދުވެފައިވާކަން ފާހަގަކުރެވެއެވެ.
ކޮންމެގޮތެއް ވިޔަސް، ބަލީގެ ކުރިން ރައްކާވުމަކީ މުހިންމުކަމެކެވެ.
ސިއްޙީފަރުވާ ފޯރުކޮށްދިނުމަކީ ސިއްޙީފަރުވާ ފޯރުކޮށްދޭހިތުން ނުތިބެވިގެން ކުރާ
ކަމެއްނޫނެވެ. އެއީ، ޤައުމު އާރާސްތުކުރުމަށް ބޭނުންވާ ދުޅަހެޔޮ ރައްޔިތެއް
އުފެއްދުމަށްޓަކައި ކުރާ ކަމެކެވެ. އެކަން އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުނަށް
އަދި ފަޙުމް ނުވަނީއެވެ. އެހެންކަމުން، މާޒީވި ވިސްނުން ދޫކޮށްލުމަށްފަހު،
ސިއްޙީފަރުވާގެ ހަޤީޤީ އަމާޒަށް ވާޞިލުވެވޭތޯ މަސައްކަތްތަކެއް ކުރުން
ކިހިނެއްވާނެތޯއެވެ؟
1. ތެދެކެވެ. ކޮންމެ ރަށަކަށް ހަމަ ކޮންމެ ދާއިރާއަކުން ސްޕެޝަލިސްޓުން
ނުލިބިދާނެއެވެ. އެހެނަސް، ދަތުރުފަތުރުގެ ނިޒާމުން ލ. އަތޮޅު ގުޅުވާލެވިފައިވާ
ދުވަސްވަރެއްގައި، އެންމެ ކުޑަމިނުން ރީޖަނަލް ހޮސްޕިޓަލުގައި އެ ފުރުޞަތު
ޤާއިމުކުރުމަކީ، އެ ހޮސްޕިޓަލު ހިންގާ ފަރާތުގެ އިތުރުން އަތޮޅު ކައުންސިލުންވެސް
ޒިންމާނަގަން ޖެހޭ ކަމެކެވެ. ޤާނޫނީ ލޫޕްހޯލްތަކުގެ ތެރެއިން ފިލާތިބެ، މިކަމުން
ރެކުމަކީ، ހަމަކޮންމެ މީހަކުވެސް އޭގެ އިޤުތިޞާދީ އަގެއް ދައްކަންޖެހޭކަމެކެވެ.
2. އާބާދީ ކުޑަޔަސްވެސް، ލ. ގާދޫގަ ވެސް، އަދި ލ. މުންޑޫގަ ވެސް ދިރިއުޅެނީ
ހަމަ އަޅުގަނޑުމެންގެ އެއްބަނޑު އެއްބަފާ މީހުންނެވެ. އެހެންކަމުން ކަނޑައެޅި
ބަޔާންވެފައިވާ ވަކި ތަރުތީބަކުން (މަހަކު އެއްފަހަރު ނުވަތަ އަހަރަކު ދެފަހަރު
ނަމަވެސް)، އަތޮޅުތެރޭގެ އެކިއެކި ރަށްރަށަށް، އެކިއެކި ބަލިމަޑުކަންކަމާއިބެހޭ
ޑަކްޓަރުންގެ ޓީމުތައް ފޮނުވެން އެބަޖެހެއެވެ. އެމީހުނަށްޓަކައެއް ނޫނެވެ. އަޅުގަނޑުމެން
އެންމެނަށްޓަކައެވެ.
3. ކޮމިއުނިޓީ ހެލްތުވޯކަރުންނާއި ފެމިލީ ހެލްތުވޯކަރުން މަސައްކަތްކުރުމުގެ
ނިޒާމު މިހާރުވަނީ ބޮއްސުންލާފައިކަން އެންމެނަށްވެސް އެނގެއެވެ. އެހެނަސް،
އެފަރާތްތަކުގެ އެދެވޭ ބޫނުން ހިފުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމީ،
ކަމާބެހޭ ފަރާތްތަކުން ދޫކޮށްލައިގެން ވާނެކަމެއްނޫނެވެ. އަދި، އެކަން ދާނުދާގޮތް
ރަށުކައުންސިލުތަކުންނާއި އަތޮޅުކައުންސިލުން ފާރަވެރިކަމާއިއެކު ބަލަހައްޓަން
އެބަހެޖެއެވެ.
4. ވެކްސިންދިނުމުގެ ޕްރޮގްރާމަކީ، ސަރަހައްދުގެ ނިސްބަތުން ލ. އަތޮޅުގައި ރަނގަޅަށް
ހިނގަމުންދާ ހަރަކާތެކެވެ. އެހެންކަމުން، އެ ޕްރޮގްރާމް އިހުނަށްވުރެ
ހަރުދަނާކޮށް، ހެދިބޮޑުވުން ބެލުމުގެ ހަރަކާތްތައް ހީވާގިކޮށް، ފުޅާކޮށް، އަދި
އެކަމުން ފެންނަ ނަތީޖާ ދިރާސާކުރަން އެބަޖެހެއެވެ. ހެދިބޮޑުވުމުގެ ޗާރޓާއި
ލިޔެކިޔުން ބަލަހައްޓަނީ ކަރުދާސް ގިނަކުރާކަށްނޫނެވެ. އެއީ، އާބާދީގެ
ދުޅަހެޔޮކަން ވަޒަންކުރުމަށް ކުރާކަމެކެވެ. އެހެންކަމުން، މިކަމާއި ބެހޭ
ދިރާސާތައް ސިއްޙީމަރުކަޒުތަކުންނާއި ރީޖަނަލް ހޮސްޕިޓަލުން ކުރިޔަށް
ގެންދިއުމަށްފަހު، އަތޮޅުގެ އާބާދީގެ ދުޅަހެޔޮކަމާއި ބެހޭ ރިޕޯރޓްތައް
އާންމުކުރުމާއިއެކު، ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަން އެބަޖެހެއެވެ. އަދި.
އެކަމާއިވިދިގެން، ރަށުކައުންސިލުތަކުންނާއި އަތޮޅު ކައުންސިލުން، ރާވަންޖެހޭ
ރޭވުންތައް ރާވާ، ސިއްޙީ ވުޒާރާއާއިގުޅިގެން އިތުރު ކަންކަމަށް ވަންނަން އެބަޖެހެއެވެ.
5. ދުނިޔޭގެ ތަރައްޤީގައި ދިވެހިރާއްޖޭގެ ހަލުއިމިނަކީ ނިސްބަތުން ހަލުއި
މިންވަރެކެވެ. އެހެނަސް، 21 ވަނަ ޤަރުނަށް އައިއިރުވެސް، އަސާސީ ބައެއްކަހަލަ ހަރަކާތްތައް
ރައްޔިތުންނާއިހަމައަށް އައިސްފައެއްނުވެއެވެ. އަޅުގަނޑުގެ ނަޒަރުގައި، މިއަދު
އަޅުގަނޑުމެންގެ ކެރިފޯރުންތެރިކަން ހުރި މިނަށް ބަލާއިރު، ހަމަ ކޮންމެ ކުއްޖެއްގެ
އަސާސީ ބައެއް ތަހުލީލުތައް ސިއްޙީދާއިރާއިން ކުރިޔަށް ގެންދަން އެބަޖެހެއެވެ.
ވަކިން ޚާއްސަކޮށް، އަޑުއެހުމާއި (ކަންފަތް) އަދި ބެލުމާއި (ލޯ) ބެހޭ ތަހުލީލުތައް
ކޮށް، އަތޮޅުގެ ކުދިންގެ ހާލަތު ދަނެގަނެ އެއާއިގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް
އަޅަން އެބަޖެހެއެވެ. ވަޒީފާއަދާކުރުމަކީ، އޮފީހަށް ރިޕޯރޓްކުރީމާ، ވެރިމީހާ
ދެއްކި ކަމެއް ކުރުމުގެ ބަދަލުގައި، މިޒާތުގެ ކަންކަމުގެ ބޭނުންތެރިކަން ދަނެތިބެ،
ރައްޔިތުމީހާގެ ހެވާއި ލާބަޔަށް ހިންގާ ހަރަކާތްތަކެއްގެ މައްޗަށްއެކުލެވޭ
ކަމެކެވެ.
6. މި ފަހަކަށްއައިސް، ޓީވީއާއި އެނޫންވެސް ބައެއް މަގުތަކުން ފެނުނު މަންޒަރުތަކަށް
ބިނާކޮށް މިއަތޮޅުގެ ކުދިންވެސް ދަޅުފުޅިއަށް ގޮސް ވަނީ ހުސްވެފައެވެ. ފައިދާހުރި ކާނާގެ
ބަދަލުގައި 'ޖަންކް ފުޑް' ޚިޔާރުކުރުމުގެ ސަބަބުން ކުދިވެރިންނަށް ލިބެންޖެހޭ
ނިއުޓްރިޝަނުން ވަނީ މަހުރޫމްވެފައެވެ. މިކަން، ކޮންމެ މަޔަކަށް ނޭންގިދާނެއެވެ.
ކޮންމެ ބަފަޔަކަށް ރެއަކާނުލާ ވެދާނެއެވެ. އެހެނަސް، ކަން މިހެން ހިނގަމުންދާތީ،
ކުދިވެރިންގެ ސިއްޙީ ދުޅަހެޔޮކަން ގެއްލި، ފަލަވުމުގެ ތަފާތު ބަލިތަކާއި
އެހެނިހެން ސިއްޙީ ހާޖާނުތަކަށް ހުށަހެޅިފައިވާތީ، މިކަމާއިބެހޭގޮތުން ސިއްޙީދާއިރާ
ހޭލައިގެން ނިކުންނަން އެބަޖެހެއެވެ. ސިއްޙީ ވުޒާރާއިން ބައެއްފަހަރު ކުރިޔަށް
ގެންދިޔަ 'ހޭލުންތެރިކުރުވުމުގެ' އަދި 'ދުޅަހެޔޮކަން ކުރިއެރުވުމުގެ' އިނިޝިއޭޓިވްތައް
ރަށުފެންވަރުގައި އަދި އަތޮޅުފެންވަރުގައި ކުރިޔަށް ގެންދެވެން އެބަޖެހެއެވެ. އަދި
އެކަންކަން ކުރިޔަށްދާކަން، ރަށުކައުންސިލްތަކާއި އަތޮޅު ކައުންސިލުން
މޮނިޓަރކުރަން އެބަޖެހެއެވެ. ރައްޔިތުންގެ ވެރިކަން ރައްޔިތުންނަށް އޮތުމަކީ، 'ރައްޔިތުންނަށްޓަކައި'
ވެރިކަން ކޮށްދޭ ބަޔަކު ވެރިކަމުގައި ތިބުން ނޫންހެއްޔެވެ؟
7. ނަމުގެ ކުރިޔަށް 'ޑަކުޓަރު' ކިޔުމަކީ، ނުވަތަ ތަރުޖަމާނަކަށް ވުމަކީ،
ނުވަތަ ޑިސްޓިންކްޝަނާއިއެކު ނަރުސްކޯރސް ނިންމާލެވުމަކީ ސިއްޙަތާއިބެހޭ ހުރިހާ
ކަމެއް އެނގުންކަމަށް ހިތަށްއެރުމަކީ ގޯހެކެވެ. އަޅުގަނޑަކަށް ނުވަތަ
ތިބޭފުޅާއަކަށްވެސް ހުރިހާ އެއްޗެއް ނޭނގޭނެއެވެ. އެހެންކަމުން، އަޅުގަނޑުމެންނަށް
އޮތީ އުނގެނުމެވެ. ތަރައްޤީވުމެވެ. ހޯދާބެލުމެވެ. ދިރާސާކުރުމެވެ. އަނެކުންގެ ރަނގަޅުކަންކަން
ނަކަލުކުރުމާއި ތިމާގެ ހުނަރު އަނެކުންނަށް ފޯރުކޮށްދިނުމެވެ. އެހެންކަމުން، ބަލިމީހުނަށް
އަޅާލުމާއި، ވާހަކަދެއްކުމާއި، ދާއިރާގެ އަމަލީ ތަޖުރިބާއާއި، ބުރަދަން
ލުއިކުރުމާއި، ސިއްޙީހޭލުންތެރިކަން އިތުރުކުރުމާއި މިނޫންވެސް މިފަދަ ހުރިހާ
ކަމަކާއިބެހޭގޮތުން މެދުކެނޑުމެންނެތި އުނގެނެމުން ދިޔުމަކީ ސިއްޙީދާއިރާގެ ހަމަ
ކޮންމެ މުވައްޒަފަކުވެސް ކުރަންޖެހޭކަމެކެވެ. އެކަމުގައި، އީ-ލާރނިންގ،
ބްލޮކްމޯޑް، ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޕްރޮގްރާމްތައް، މުވައްޒަފުންގެ ތަމްރީން
ޕްރޮގްރާމްތައް، މުވައްޒަފުން ކޯސްތަކަށް ފޮނުވުން ފަދަ މަގުތައް ޚިޔާރުކުރެއްވުން
ހަމަ ރަނގަޅުނޫންތޯއެވެ.
8. ކުޑަކުދިންނަށް ދިމާވާ އެކްސިޑެންޓްތަކާއި އިންޖަރީތަކުން
ސަލާމަތްކުރުމަށްޓަކައި، ސިއްޙީދާއިރާއިން ސުކޫލުތަކާއި ފުލުހުންނާއި ގުޅިގެން،
ގޭގައާއި، ސުކޫލުގައި އަދި އާންމު ތަންތަނުގައި ކުޑަކުދިން އުޅޭއުޅުމުގައި
އަމަލުކުރަންވީ ސިއްޙީ ރަނގަޅު މިންގަނޑުތައް ކަނޑައަޅާ ތަންފީޒުކުރުމަށް އިސްނެގުމަކީވެސް
ނެތްކަމެއްނޫނެވެ.
9. ރަށްރަށުގެ ލޭންޑްޔޫޒް ޕްލޭން ތައްޔާރުކުރުމަކީ އޭގެ ޒާތުން
ސިއްޙީދާއިރާއިން ކުރާކަމެއްނޫނެވެ. އެހެނަސް، ރަށުކައުންސިލްތަކުން
މިކަންކުރާއިރު، ސިއްޙީދާއިރާގެ ބަސް ހޯދުން މުހިންމެވެ. އަދި ސިއްޙީދާއިރާއިންވެސް،
އެކަމުގެ ތެރެއަށް ވަނުމަށް މަސައްކަތްކުރަން އެބަޖެހެއެވެ. ނަތީޖާއެއްގެ ގޮތުން،
މި އަތޮޅުގެ ކޮންމެ ރަށެއްގައިވެސް، އާބާދީގެ ނިސްބަތުން ކުދިން
އެމުނިއެކުލެވިގެން އުޅޭނެ އިންތިޒާމާއި، ކުޅެހަދާނެ ތަންތަނާއި، އެކި
އުމުރުފުރާގެ ކުދިންގެ އިޖުތިމާޢީގުޅުން ބަދަހިކުރާނެ ތަންތަނާއި ކުޅިވަރު
މަރުކަޒުތަކާއި، ކޮމިއުނިޓީ ސެންޓަރުތައް އުފެދުމަކީ އަމާޒެވެ.
10. ދުޅަހެޔޮ ޖީލެއް ބިނާކުރެވޭނީ، ދަރިމައިވާ އަންހެނުންގެ ސިއްޙަތުވެސް
ރަނގަޅުކުރެވިގެންނެވެ. ގައިނޮކޮލޮޖިސްޓުންގެ ޚިދުމަތް ލިބެން ނެތުމުގެ ސަބަބުން މި
އަތޮޅުގެ މާބަނޑު އަންހެންވެރިންނަށް އެތަކެއް އަނިޔާއެއް ލިބޭއިރުވެސް، އެބަޔަކު
ތަރުޙީބުދޭ ސަރުކާރެއް އޮތީމާ ބަހެއް ނުބުނެފައި، އެބަޔަކު ނުރުހޭ ސަރުކާރެއް
އޮތީމާ ހޯބޯލެވުމަކުން މައްސަލަ ހައްލެއްނުވާނެއެވެ. ކަންކަން ހައްލުވާނީ،
ވިސްނުންތެރިކަމާއިއެކު މަސައްކަތްކޮށްގެންނެވެ. މިކަމުގައި ލ. ގަމުގައި ހުންނަ
ރީޖަނަލް ހޮސްޕިޓަލުން އިތުރު އަހައްމިއްޔަތުކަމެއް ދޭންޖެހެއެވެ. ތަނުގެ ހަރުމުދާ
ހިފެހެއްޓުމުގެ އިތުރަށް، ތަނަށް ބޭނުންވާ އެހެނިހެން ވަޞީލަތްތައް ހޯދުމަށް
ކެނޑިނޭޅި މަސައްކަތްކުރަންޖެހެއެވެ. މާބަނޑު އަންހެނުންނަށް ބޭނުންވާ އެންމެހާ
ފަރުވާތައް މެދުނުކެނޑި އަތޮޅުތެރެއިން ލިބެން އެބަހުރިކަން ކަށަވަރުކުރަން
އެބަޖެހެއެވެ.
11. ކޮންމެކަމެއްވެސް، ރަނގަޅަށް ގެންދެވޭނީ އަޅުގަނޑުމެން އެންމެންވެސް،
އެކަމެއް ކުރަން އުޅެގެންނެވެ. އަޅުގަނޑުމެން، ދުންފަތުގެ އިސްތިޢުމާލުކުރާއިރު،
ޖެހިގެން ތިބޭ މާބަނޑު އަންހެނުންނާއި ކުޑަކުދިންނަކީ ޕެސިވް ސްމޯކަރސް ގެ
ގޮތުގައި އަޅުގަނޑުމެންނަށްވުރެ ބޮޑަށް ދުން ބޯ ބަޔަކަށް ވާން ދޫކޮށް
ނުލަމާތޯއެވެ. އޭގެ ސަބަބުން، އަންނަންއޮތް ޖީލުގެ ދުޅަހެޔޮކަމަށް ހުރަސް އެޅޭ
މިންވަރާއިމެދު އަޅުގަނޑުމެން އެންމެންވެސް ވިސަނާލަމާތޯއެވެ. އަދި، މިފަދަ
ކަންކަމާއިބެހޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް، ރަށުކައުންސިލްތަކާއި
އަތޮޅުކައުންސިލްތައް ގުޅިގެން ކުރިޔަށް ގެންދމާތޯއެވެ.
12. ޚާއްސައެހީއަށް ބޭނުންވާ ކުދިންނަކީ، ކޮންމެ މުޖުތަމަޢުއެއްގައިވެސް
އުޅޭނެ ބައެކެވެ. އެއީ، އެކަހެރި ކުރަންޖެހޭ ކުދިންނެއް ނޫނެވެ. ގޭގެ މަހައުލުގައިވެސް،
އަދި ސުކޫލުތަކުގައިވެސް، އަދި ވަޒީފާގެ މާހައުލުގައިވެސް، އެ ކުދިންނަށް އިތުރު
ސަމާލުކަމަކާއި އެހީތެރިކަމެއް ދިނުމަކީ، އެފަދަ އެހީއަށް ބޭނުންވާކުދިންގެ ހަޤީޤީ
އުފެއްދުންތެރިކަން ނެރެދެއްކުމަށް ފަހިވެގެންދާ ކަމަށް ވާނެއެވެ. ހަމަ ކޮންމެ
ކުއްޖަކީވެސް، އަޅުގަނޑުމެން ހުރިހާ އެންމެންގެ ތަރައްޤީއަށް އެތައް ގޮތަކުން
ބޭނުންތެރި ކުއްޖެއްކަން ޔަޤީނެވެ. އެހެންކަމުން، ކައުންސިލުތަކުންނާއި
ސުކޫލުތަކުން ސިއްޙީދާއިރާއާއި ގުޅިގެން، މިފަދަ ކުދިންގެ މުސްތަޤުބަލަށްޓަކައި
އިތުރު މަސައްކަތްތަކެއް ކުރަން އެބަޖެހެއެވެ.
ކަން މިހެން އޮތުމާއިއެކު، އަޅުގަނޑުމެން ހުރިހާ އެންމެންވެސް ހައްޤުތަކުގެ
ވާހަކައިން މުޅި ދުވަސް ހޭދަކުރާއިރު، އަޅުގަނޑުމެންގެ އަމިއްލަ ޒިންމާތަކުގެ
ވާހަކައަށްވެސް ބަލާލުމާއިއެކު އެކަންކަން ވަޒަންކޮށްލުން މުހިންމެވެ. އަދި،
ސިއްޙީ ޚިދުމަތްތެރިންގެ މަސައްކަތަކީ، ބަލިވީމާ ބޭސްދިނުން ނޫން ކަމާއި
ބަލިވުމުގެ ކުރިން އެކަމުން ރައްޔިތުން ނަޖާކުރުމަށް މަސައްކަތްކުރުންކަމުގައި
ދެކުން މުހިންމެވެ. ސިއްޙީ ޚިދުމަތް ފޯރުކޮށްދެނީ، ދުޅަހެޔޮ ރައްޔިތަކު
އުފައްދަންކަން، އަޅުގަނޑުމެންގެ ހިތުގައި އަބަދުވެސް ބިންވަޅުނެގިފައި އޮންނަން
އެބަޖެހެއެވެ. ތަރައްޤީއަކީ، އެކަކަށް ކުރެވޭނެކަމެއްނޫނެވެ. އެއީ ހުރިހާ
އެންމެންވެގެން ކުރެވޭނެކަމެކެވެ. ބަލިކަށިބަޔަކަށްވުރެ ދުޅަހެޔޮ އާބާދީއަކުން
ތަރައްޤީގެ ފޮނިމީރުކަން ހޯދާ މުއްދަތު އަވަސްވެފައި، ދެމެހެއްޓެނިވި ގޮތަކަށް
އޭގެ ލާބައާއި މަންފާ ހޯދަމުންދެވޭނެކަން ޔަޤީނެވެ. ނަތީޖާ ނެރެވޭ، މަސައްކަތްތެރި،
އުފެއްދުންތެރި، އާބާދީއެއް ޤާއިމުކުރުމަށް މިއަދުގެ ކުޑަކުދިންގެ ދުޅަހެޔޮކަން
ކުރިއެރުވުމަކީ ހަމަކޮންމެ މީހެއްގެ ވާޖިބެއްކަމުގައި ދެކެމާތޯއެވެ.





No comments:
Post a Comment