ވާދަވެރިކަން ދިރުވުމުގެ ތެރެއިން ރައްޔިތުމީހާގެ ޖީބަށް ލުއި ކޮށްދިނުން


ހައްދުންމަތީގެ ރަށްރަށަކީ ހެޔޮވަރުވަރަކަށް އާމްދަނީ ލިބޭ، ރާއްޖޭގެ ނިސްބަތުން ފުދުންތެރި ރައްޔިތެއް ދިރިއުޅޭ ރަށްރަށެވެ. އެހެންނަމަވެސް، މި ރަށްރަށުގައިވެސް ނުފުދި ހުރި އިޖުތިމާއީ ބޭނުންތަކާއި ފަރުދީ ޒަރޫރީ ބޭނުންތައް އިންތިހާއަށް އެބަހުއްޓެވެ.  މި ހުރިކާކަމެއްވެސް ގޮސް ހުއްޓިފައިވަނީ ފައިސާއާއި ހިސާބުގައެވެ. ނުވެ އޮތް ކޮންމެ ކަމެއްވެސް ނުވެ އޮތީ ފައިސާ ނެތިގެންނެވެ.

މައިގަނޑުގޮތެއްގައި މި އަތޮޅަށް ފައިސާ ވަންނަނީ މަސްވެރިކަމުންނެވެ. ދެވަނައަށް އެންމެ ބޮޑު އެއްޗެއް ވަންނަނީ ސަރުކާރުވަޒީފާ އަދާކުރާ މުވައްޒަފުންނާއި އަމިއްލަފަރާތްތަކުން ހިންގާ ވިޔަފާރިތަކުގެ މުވައްޒަފުންނަށް ލިބޭ މުސާރައިގެ ގޮތުގައެވެ. ދަނޑުވެރިކަމުންވެސް ރަނގަޅު އަދަދެއް ލިބެއެވެ. އަތޮޅަށް އެންމެ ބޮޑު އާމްދަނީއެއް ވައްދައިދެނީ ގަންފޮނަދޫ އާއި މާމެންދޫއިންނެވެ. އޭގެ ފަހަތުން މާވަށާއި އިސްދޫއިންނެވެ. ދެންހުރި ރަށްރަށަށް ވަންނަނީ ނިސްބަތުން ކުޑައެއްޗެކެވެ.

އަނެއްކޮޅުން މި ފައިސާ ނުކުމެގެންދަނީ ކިހިނެއްތޯ ބަލާއިރު، އެންމެ ބޮޑުއެއްޗެއް ހޭދަވެގެންދަނީ މާލެއިން ވިޔަފާރިމުދާ ގެނައުމަށެވެ. އެއަށްފަހު، ރާއްޖެއާއި ރާއްޖޭންބޭރުން ސިއްޙީފަރުވާ ހޯދާށާއި ވައިގެ ދަތުރުފަތުރަށް މި އަތޮޅުގެ ރައްޔިތުންގެ އާމްދަނީގެ ބޮޑު އިންސައްތައަކުން ހޭދަކުރެއެވެ.

ތަޖުރިބާގެ ފަރާތުން ފެންނަންއޮތީ، މި އަތޮޅުގެ ރަށްރަށަށް ލިބޭ އެއްޗަކަށްވުރެ އަތޮޅުން ބޭރުވެގެންދާ ފައިސާ ކުޑަތަންކޮޅަކުން ނަމަވެސް ގިނަކަމެވެ. ވަކިން ޚާއްސަގޮތެއްގައި ސިއްޙީ ހިދުމަތަށް ބޭރުވާ ފައިސާއަކީ އޭގެ އިގުތިސާދީ ސީދާ ފައިދާ އަތޮޅަށް ކުރާ މިންވަރު ވަރަށް ދަށްކޮށް ކުރެވެމުންދާ ހޭދައެކެވެ. ނަމަވެސް، އަޅުގަނޑުމެން އެންމެންގެ ހިތްވަރާއިއެކު މިކަންކަން ރަނގަޅުކުރެވިދާނެއެވެ. އަޅުގަނޑުމެންގެ ތަރައްޤީގެ ދުވެލި ހަލުއި ކުރެވިދާނެއެވެ. މި އަތޮޅުތެރެއަށް ވަންނަ އަދި އަތޮޅުތެރޭގައި ދައުރުވާ ފައިސާ ގިނަކޮށްގެން، މިހާރު ނުފުދި ހުރި އެތައް ކަމެއް ފުއްދިދާނެއެވެ. އަޅުގަނޑުމެންގެ އަމިއްލަ މަސައްކަތުން މި އަތޮޅުގެ ރައްޔިތުންނަކީ ފުދުންތެރި ތިޔާގި ބަޔަކަށް ހެދިދާނެއެވެ.

1. އިންވެސްޓަރުންނަށް ފަހި މާހައުލެއް އުފެއްދުމާއި އިންވެސްޓަރުން ހޯދުން
މި އަތޮޅަކީ ވަޞީލަތުގެ ގޮތުން މުއްސަނދި އަތޮޅެކެވެ. އާންމުންގެ ހޭދަކުރުމުގެ ވައްޓަފާޅިއަށް ބަލާއިރު ވިޔަފާރިއަށް ފަހި މާހައުލެއް އޮތް އަތޮޅެކެވެ. އެހެންކަމުން، އެއްވެސް ވިޔަފާރިވެރިޔަކު މި އަތޮޅުގައި އިންވެސްޓްކުރުމަށް ފީސިބިލިޓީގެ ގޮތުން ބަލާއިރު ފަހަތަކަށް ނުޖެހޭނެއެވެ. އިޖުތިމާއިގޮތުން، އެފަދަ ވިޔަފާރިވެރިންނަށް އަޅުގަނޑުމެން ފަރާތުން ކުރެވޭ ބައެއްކަހަލަ ދުއްތުރާތައް މުޅިން ހުއްޓުވިއްޖެނަމަ، އިންވެސްޓްކުރާކަށް މިފަދަ ދެވަނަ ތަނެއް މިރާއްޖެއަކު ނުވާނެއެވެ. އެހެންކަމުން، ކަމާބެހޭ ފަރާތްތަކުން ނިދާފަ ނުތިބެ، އަތޮޅުގެ ރައްޔިތުންގެ ހެވާއިލާބަޔަށްޓަކައި މިވަގުތު ކުރަންވި ވަރަށް މުހިންމު ކަމަކީ މި އަތޮޅުގައި އިންވެސްޓްމެންޓަށް ފަހި މާހައުލެއް އުފައްދުމާއި އިންވެސްޓަރުން ހޯދުމެވެ.

2. ވާދަވެރިކަން ދިރުވުން
ވިޔަފާރިވެރިޔާގެ ޖުމްލަ އާމްދަނީއަކީ ވަކިވަކި ރައްޔިތުންގެ ޖީބުތަކުން ނުކުންނަ ޖުމްލަ އަދަދެވެ. އެންމެ ވިޔަފާރިވެރިޔަކު ހުރީމާ ކަން ހިނގަނީ ކިހިނެތްކަން އަޅުގަނޑުމެންނަށްވަނީ ފެނިފައެވެ. ރާއްޖޭގައި ދިރާގު އެކަނި އޮވެގެން، ސަރުކާރުގެ ކުންފުންޏެއްގެ ގޮތުގައި އޮވެވެސް، ރައްޔިތުން ފެލާލީއެވެ. މިފްކޯގެ ދަށުގައި މާންދޫ އޮތްއިރު މަސް ކިލޯއަކަށް 2.25ރ ދީފަ ރައްޔިތުންގެ މަސްކޮޅުވެސް ފޭރިގަތީއެވެ. އައިލެންޑް އޭވިއޭޝަނުން އެކުރަނީވެސް އިތުރުކަމެއްނޫނެވެ. މިކަންކަމަށް ހައްލު އަންނާނީ ވާދަވެރިކަން ދިރުވައިގެނެވެ. ވަތަނިއްޔާ އައުމުން ރައްޔިތުމީހާގެ ޖީބަށް ލުއި ނުވޭތޯއެވެ؟ ޕްރައިވެޓް ސެކްޓަރއަށް މާންދޫ ހުޅުވާލުމުން މަހުގެ ހަމަ އަގު މަސްވެރިޔާއަށް ނުލިބޭތޯއެވެ؟ އެހެންކަމުން، ކައްދޫ އެއާރޕޯރޓަށް ފްލައިޓް އޮޕަރޭޓްކުރާނެ އިތުރު ފަރާތެއް ނުވަތަ ފަރާތްތަކެއް ހޯދައިފިނަމަ، ވާދަވެރިކަމުގެ ސަބަބުން ރައްޔިތުމީހާގެ ޖީބަށް ލުއިވެގެންދާނެއެވެ. މިޒާތުގެ ކަންކަމަކީ، އިންތިހާބުތަކަށް މިސްރާބުޖަހާފައިވާ ފަރާތްތަކަށް ފެނުމުގެ ކުރިން މިއަތޮޅުގެ އަތޮޅު ކައުންސިލްގެ މެންބަރުން ފެނިގެން، ރައްޔިތުންގެ ހެވާއިލާބަޔަށް ކުރަންޖެހޭ ކަންކަމެވެ.
  
3. ވިޔަފާރީގެ ފުރުޞަތުތައް އުފެއްދުން
އިތުރުވަމުންދާ އާބާދީއާއި އެއްވަރަށް ދައުލަތުގެ ވަޒީފާތައް އިތުރުވާނެކަމަށް ހީކުރުމީ މޮޔަކަމެކެވެ. ފަހުޒަމާނުގެ ދައުލަތް ހިންގުމުގެ ދާއިރާގައި، ދައުލަތް ކުޑަކޮށް އަމިއްލަފަރުދުންގެ ދައުރު ހުރިހާކަމެއްގައިވެސް ފުޅާކުރަމުން ދާ މަންޒަރު އަޅުގަނޑުމެންނަށް އެބަފެނޭ ނޫންތޯއެވެ. އެހެންކަމުން، މިއަދަކީ ބުއްދީގެ އަހުލުވެރިން އަވަސްވެގަންނަންވީ ވަގުތެވެ. ސުކޫލު މަދަރުސާ ނިންމާފަ ނުކުންނަ އާބާދީއަށް އާމްދަނީ ލިބޭނެ ކޮޅުކޮޅު އުފެއްދުމަށް އަވަސްވާންވީ ވަގުތެވެ. އެ ކުދިން ހަމަމަގުން ކަސިޔާރުވެގެން ރަށުތެރެ ސުންނާފަތިކުރާ ބަޔަކަށް ވަންދެން ބަލަން މަޑުކުރުމުގެ ބަދަލުގައި، އެ ކުދިންނަށް ފުރުސަތުތައް ހޯދައިދީގެން އެ ކުދިންގެ ހުނަރާއި ޤާބިލިއްޔަތުގެ ތެރެއިން އަތޮޅު ބިނާކުރުމުގެ މައިގަނޑު ވަޞީލަތްކަމުގައި ހަދަންވީ ވަގުތެވެ. މިކަންކަން ކުރެވޭނީ، އަތޮޅުތެރޭގައި ވިޔަފާރިއާއި އިޤުތިޞާދުގެ އިތުރު ފުރުޞަތުތައް ހުޅުވާލައިގެންނެވެ. ތަރައްޤީއަކީ، އަޅުގަނޑުމެން އިދާރީ އޮފީސްތަކުގެ ފިނިކޮޓަރީގައި ތިބެގެން ކުރެވޭނެކަމެއްނޫނެވެ. ތަރައްޤީއަކީ، އެތިބޭ ތަނެއްގައި ތިބޭއިރު، ވަޒީފާގެ ޒިންމާއަކީ މިފަދަ ކަންކަމާއިދޭތެރޭގައި ވިސްނާ، ރޭވުންތައް ރާވާ، އެކަންކަން ތަންފީޒުކުރުމުގެ ނަތީޖާއެއްގެގޮތުން އާންމު ރައްޔިތުންގެ ފުދުންތެރިކަމަށާއި ދުޅަހެޔޮކަމަށް ވާ ގޮތަށާއި އަންނަ ބަދަލަށް ކިޔާ ނަމެކެވެ.

އެހެންކަމުން، މިހަރަ ކަންކަމުގެ މައްޗަށް ރަށުކައުންސިލްތަކާއި އަތޮޅުކައުންސިލުންވެސް ނަޒަރު ހިންގުމަކީ މުހިންމު ކަމެއްކަމުގައި ދެކެމެވެ. ހަމައެއާއިއެކު، މައިސަރުކާރުގެ ފަރާތުން ނުވަތަ ސަރުކާރުގެ ވުޒާރާތަކުން ނުވަތަ އަމިއްލަ ވިޔަފާރިވެރިން، އެ ފަރާތްތަކުގެ އަމިއްލަ އިޚުތިޔާރުގައި މި އަތޮޅުގައި ހިންގަންބޭނުންވާ މަޝްރޫޢުތަކަށާއި ވިޔަފާރިތަކަށް ކަމާބެހޭ އެންމެހާ ފަރާތްތަކުން ފަހިކޮށް ކަންކޮށްދިނުމަކީ ނުހަނު މުހިންމުކަމެކެވެ.

އެފަދަ ފަރާތްތަކުން ކުރިޔަސް ނުކުރިޔަސްވެސް، ރައްޔިތުންނަށް ޚިދުމަތްކުރުމުގެ އިސް ސަފަށް ނިކުމެތިއްބެވި ރަށްރަށުގެ ކައުންސިލަރުންނާއި އަތޮޅުގެ ކައުންސިލަރުންނާއި އަތޮޅުގެ ރައްޔިތުން ތަމްސީލުކުރާ މެންބަރުން މިޒާތުގެ ކަންކަމާއިމެދު ވިސްނާ މިހާރުން މިހާރަށް ހަރަކާތްތެރިވާންޖެހޭ ކަމަށް ފެނެއެވެ. އަދި ރަށްރަށާއި އަތޮޅުގެ ޒިންމާދާރު ވެރިންނަށްވެސް މިކަންކަން އަމިއްލަ އިޚުތިޔާރުގައި ފެންނަން އެބަޖެހެއެވެ. މިކަންކަމަށް މަސައްކަތްކުރަން އެބަޖެހެއެވެ. މިހާރަށްވުރެ އެތައްތަނަކުން ޒިންމާދާރުވާން އެބަޖެހެއެވެ.

ހައްދުންމައްޗަކީ މިހާރަށްވުރެ އިތުރަށް އާމްދަނީ ވަންނަ، ތިޔާގި މުޖުތަމަޢުއަކަށް ހެދުމަށްޓަކައި މި އަތޮޅުގައި އިންވެސްޓްކުރާނެ ވިޔަފާރީގެ ފުރުޞަތުތައް އުފައްދާ، އިންވެސްޓަރުން ހޯދާ، އިންވެސްޓަރުންނަށް ފަހިކޮށް ކަންކޮށްދީ، ސަރުކާރުގެ މަޝްރޫޢުތަކަށްވެސް މަރުހަބާކިޔާ، ވިޔަފާރިއާއި އިޤުތިޞާދުގެ ދާއިރާ ވާދަވެރިކަމަށް ހުޅުވާލާއިގެން ރައްޔިތުމީހާގެ ޖީބަށް ލުއިވާނެގޮތްތޮތް ހަދައިދޭން އެބަޖެހެއެވެ.

No comments:

Post a Comment