ހައްދުންމަތީ އިސްދޫ ދަރިކޮޅުން، މި ރާއްޖޭގައި ވެރިކަންކުރުމަކީ މާޒީއެވެ. މި
ޒަމާނުގައި އެކަން ކުރަނީ މާލޭ މީހުންނެވެ. އެ މީހުންނަކީ މި ރާއްޖެ ތިޔާގި
ތަނަކަށް ހެދުމުގެ ނިޔަތުގައި އުޅޭ ބައެއް ނޫނެވެ. އެ މީހުންގެ ބޭނުމަކީ، ވެރިކަމުގެ
ހުރިހާ ބާރެއް ވެރިރަށް މާލެ އަށް ބޮނޑިކޮށްފައިބޭއްވުމެވެ. 1990 ގެ
އަހަރުތަކުގައި، މި ރާއްޖޭގެ ވެރިކަން ފިރުކައިގަތުމަށް ވަކި މީހަކު ޤަސްތުކޮށް،
އެކަން އެމަގުން ހިންގުމުގެ މައި މަރުކަޒެއްގޮތުގައި ހައްދުންމަތި ބޭނުންކުރުމަށް
ޤަސްތުކުރި ހިނދު، ހައްދުންމައްޗަށް ނުހަނު ބާރު މިނުގައި ތަރައްޤީގެ ކުލަވަރު
އައިކަން އެއީ ދެކޮޅުހެދެން ނެތް ހަޤީޤަތެކެވެ. އެހެނަސް، 1993 ވަނަ އަހަރުން
ފެށިގެން ހައްދުންމަތީގެ ދުވެލި ވަނީ ހުއްޓިފައެވެ. އެއަށްފަހު، މާލޭގެ
ހަތަރުފާރުން އެތެރޭގައި ތިބެގެން މިރާއްޖޭގެ ވެރިކަން ކުރުމަށް ދެވިހިފާފައިވާ މީހުންވަނީ
ހައްދުންމަތީގެ ތަރައްޤީއަށް ކަނޑައެޅިގެން ހުރަސްއަޅާފައެވެ.
އެކަން އެގޮތަށް ވެފައިވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ފުރަތަމަ ސަބަބަކީ
ހައްދުންމަތީގެ ބިންބޮޑުކަމާއި، ޤުދުރަތީ ވަޞީލަތުގެ ގިނަކަމާއި، މި އަތޮޅުގެ
ސްޓްރެޓީޖިކް ލޮކޭޝަނެވެ. ދެވަނަ ސަބަބަކީ، ހައްދުންމަތީގެ އަޑު އުފުލާނެ އެއްވެސް
ބައެއް އެއްވެސް ޒަމާނެއްގައި އުޅެފައިނުވުމާއި، ތަޢުލީމާއި ހުނަރުގެ ގޮތުން
ކުރިއަރާފައިވާ މީހުންގެ ތަދުކަމުގެ ސަބަބުން، މި އަތޮޅުގެ ފަރާތުން ކަންކަމުގައި
ވަކާލާތުކުރުމުގެ ދޮރު ބަންދުވެފައިވުމެވެ. ތިންވަނަ ސަބަބަކީ، ކޮންމެ ފަދަ
ހާލެއްގައި އަތޮޅުގެ ރައްޔިތުން އުޅެންޖެހިފައިވިޔަސް، ޖާހިލުކަމުގެ ތެރެއިން
ވެރިންދެކެ ގަންނަ ބިރާއި، ވޯޓުފޮށީގައި ބަނޑުއަޅައިގެން ނަމަވެސް
އިންތިޚާބުތަކުގެ ނަތީޖާ ނުކުންނަ ގޮތުގެ ސަބަބުން، އިންތިޚާބެއް ކައިރިވުމުން
ނޫނީ ވެރިކަމުގެ ފަރާތުން ހައްދުންމައްޗަށް އަޅާލުމަކީ އެހާ މުހިންމުކަމަކަށް
ނުވުމެވެ.
ކަން މިހެން އޮތުމާއިއެކު، ހައްދުންމަތީގެ ރައްޔިތުންގެ ގޮތުގައިތިބެ،
މާޒީގައި ފަޤީރުކަމުގައި ފަނާވެދިޔަ މީހުނާއި، މިއަދުވެސް އަނގަޔާއި އަތާއި
ދިމާނުވެގެން އުޅޭ ނިކަމެތިން މި އަތޮޅުގައި އުޅުމަކީ ތަބީޢީކަމެކެވެ. އެއީ،
ވެރިކަމުގެ ފަރާތުން އަޅާނުލުމާއި އަދި އަޅާލުން ހޯދުމަށް މަސައްކަތްނުކޮށް ތިބި
ތިބުމުގެ ނަތީޖާއެވެ. އެހެންކަމުން، މިއަދުގެ ޖީލުން މިކަމާއިމެދު ބުއްދިކޮށް، ހައްލުތަކެއް
ވަނީ ހޯދަންޖެހިފައެވެ.
1. އަޅުގަނޑަށް ފެންނަ ފެނުމުގައި އިދާރީ ވެރި ރަށެއްގެ ގޮތުގައި ލ. ފޮނަދޫ
އޮތަސްވެސް، ވިޔަފާރީގެ ވެރިރަށެއްގެ ގޮތުގައި ލ. ގަން ތަރައްޤީކުރަން
އެބަޖެހެއެވެ. މިކަމަށްޓަކައި ލ. ގަމު ކައުންސިލްގެ ފަރާތުން އިސްނެގުން މިއަދު
ވާޖިބެވެ. އަދި، މިކަމުގައި އަތޮޅު ކައުންސިލުގައި ލ. ގަން ތަމްސީލުކުރައްވާ
މެންބަރުން މުހިންމު ދައުރެއް އަދާކުރަންޖެހެއެވެ. ހަމަ އެހެންމެ،
އަތޮޅުކައުންސިލުގައި ދެން ތިއްބެވި ފަރާތްތަކުންވެސް، ޕޮޒިޓިވްކޮށް
ކަންކަމާއިމެދު ވިސްނެވުމާއިއެކު، ލ. ގަމަކީ އަތޮޅުގެ ވިޔަފާރީގެ ވެރިރަށަށް
ހަދަން އެބަޖެހެއެވެ. މިކަމަކީ، ދުނިޔޭގައި އާކަމެއްވެސް ނޫނެވެ.
2. މި ގޮތުން ހަދާ ހެދުމުގައި، ކައްދޫ އެއާރޕޯރޓް އިންޓަރނޭޝަނަލް
އެއާރޕޯރޓަކަށް ހެދުމާއި، ލ. ގަމު މަތިމަރަދޫ ބޮޑު(މަގު) ފާލަން ސަރަހައްދަކީ، ސަރަހައްދީ
ކަސްޓަމުގެ އިދާރާކަމުގައި ހަމަޖެއްސުމަކީ ރަނގަޅުކަމެކެވެ. މީގެ އިތުރުން، ހޯލްސޭލް
އުސޫލުން ލ. ގަމުގައި ވިޔަފާރި ކުރުމަށްފަހި މާހައުލެއް ލ. ގަމު ކައުންސިލުގެ
ފަރާތުން ފޯރުކޮށްދެވިދާނެއެވެ.
3. މި މޭރުމުން، މިކަން ކުރާއިރު، އަތޮޅުގެ އިތުރު ދެ ސަރަހައްދެއްގައި ވިޔަފާރި
މަރުކަޒުތައް ހުންނަން ޖެހެއެވެ. އަޅުގަނޑުގެ ނަޒަރުގައި ހައްދުންމަތީގެ ދެކުނު
ބިތުން އިސްދޫ އަދި އުތުރު ބިތުން ހިތަދޫ ނުވަތަ މާވަށް އެއީ މަރުކަޒުތައްކަމުގައި
ބެލިދާނެއެވެ. މިކަން ކުރުމުގެ ބޭނުމަކީ، ތަރައްޤީގެ ފޮނިމީރުކަން ވީހާ ފުޅާކޮށް
ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
4. ރަށެއްގެ ކުޑަބޮޑު މިނަށް ނުވަތަ އާބާދީއަށް ބަލާ، އެއްވެސް ރަށެއް
ދޫކޮށެއް ނުލެވޭނެއެވެ. އެހެނަސް، ހުރިހާ ރަށަކަށް ހުރިހާ ކަމެއް ނުކޮށްދެވޭނެކަން
އެންމެންވެސް ދަންނާނެތާއެވެ. އެހެންކަމުން، ހައްދުންމަތީގެ އުތުރު ބިތުގެ
ރައްޔިތުންނަށް ސަރަހައްދީ ވިޔަފާރި މަރުކަޒުކަމުގައިވާ އިސްދޫއަށް އަދި އަތޮޅުގެ
ވިޔަފާރީގެ ވެރިރަށްކަމުގައިވާ ގަމަށް، ފަސޭހަކަމާއިއެކު ދަތުރުފަތުރު ކުރެވޭނެ
އިންތިޒާމު ހަމަޖެއްސުމާއި ހައްދުންމަތީގެ ދެކުނު ބިތުގެ ރައްޔިތުންނަށް ސަރަހައްދީ
ވިޔަފާރި މަރުކަޒުކަމުގައިވާ ހިތަދޫ ނުވަތަ މާވަށަށް އަދި އަތޮޅުގެ ވިޔަފާރީގެ
ވެރިރަށްކަމުގައިވާ ގަމަށް، ފަސޭހަކަމާއިއެކު ދަތުރުފަތުރު ކުރެވޭނެ އިންތިޒާމު
ހަމަޖެއްސުމަކީ އެ ރަށްރަށުގެ ކައުންސިލުތަކުގެ އެހީތެރިކަމާއިއެކު،
އަތޮޅުކައުންސިލުން ކުރަންޖެހިފައިވާ ކަންކަމެވެ. ދަތުރުފަތުރުގެ ނިޒާމަކީ މީހުން
އުފުލުމުގެ އިތުރަށް، މުދާވެސް އެއްތަނުން އަނެއްތަނަށް އުފުލައިދިނުމަށްފަހި ނިޒާމެއްކަން
ކަށަވަރުކުރުން މީގެތެރޭގައި ހިމަނަންޖެހެއެވެ.
ނަތީޖާއަކަށްވާނީ، ހައްދުންމައްޗަކީ ކަނޑައެޅި ބަޔާންކުރެވިފައިވާ ވަކި
އިންތިޒާމެއްގެ ތެރެއިން، އިޤުތިޞާދީގޮތުން ފުއްދުންތެރި ތަނަކަށްވެ، ހޭދަކުރުމާއި
އިންވެސްޓްކުރުމުގެ ނިޒާމެއްގެ ތެރެއަށް އިތުރު ފައިސާ ވަދެ، އޭގެން ފައިސާ
ނިކުންނަ ކޮޅުކޮޅަކީ މަސައްކަތުމީހާއާއި (މުސާރަ)، ވިޔަފާރިވެރިޔާއާއި (ފައިދާ)، ފައިސާވެރިންނާއި (އިންޓަރެސްޓް)، އަދި ބިމާއި އެނޫންވެސް ވަޞީލަތްތަކުގެ މިލްކުވެރިންގެ (ކުލި) ޖީބުތައް
ކަމުގައިވެ، ހުރިހާ އެންމެންވެސް ތިޔާގިވުމެވެ. މީގެ އިތުރަށް، ހައްދުންމައްޗަކީ
ހުރިހާ ސަރުކާރަކުންވެސް އެ ތަނެއްގެ ތަރައްޤީއަށް އަބަދުވެސް އަހައްމިއްޔަތުކަން
ދޭންޖެހޭ ތަނަކަށް ވެގެންދާނެއެވެ.



މުޅިއަކުން މި ލިޔުމާ މެދު އެއްބަސް ވެވޭކަށް ނެތް. އެހެނަސް ލ.ގަމަކީ އަތޮޅުގެ އާރބަން ސެންޓަރގެ ގޮތުގައި ތަރަށްޤީކރުމުގެ ހިޔާލަށް ތާއީދު، ކައުންސިލް ތަކުގެ ދުއުރު އުފުލުމަށް ގޮވާލާފައިވާ ގޮވާލުމަށްވެސް ތާއީދު. އާޓިކަލްގަ ގެނެސްފައިވާ ކަންކަން ގެނެސްފައި އެވަނީ ޕްރިއޮރިޓީ އަށް ބަލައިގެން ނޫންކަން ފާހަގަކުރެވޭ. ބޮޑު ވަރަގަދަ ހަބަކަށްވަނީ ވެސް އާބާދީއެއް އެޓްރެކްޓިވް ކުރެވިގެން. އާބާދީއެއް އެޓްރެކްޓިވް ވުމުގެ މައިގަނޑު 3 ކަމަކީ ސިއްޙީ ފަރުވާ، ތައުލީމް އަދި ވަޒީފާ. ބޮޑު އާބާދީއެއް އައުމުން ވިޔަފާރި ރޯވާނެ ކަމަށް ދެކެން.
ReplyDeleteހުސައިންގެ ކޮމެންޓަށް މަރުޙަބާ. މާތްﷲ ގެ އިރާދަފުޅާއިއެކު، ކުރިޔަށް އޮތްތަނުގައި އެވާހަކަތައް ހިމެނޭ އާރޓިކަލްތައް ގެނެސްދޭނަން. ޝުކުރިއްޔާ
Delete