![]() |
| މަގުތަކުގެ ހާލަތު: އިޖުތިމާއީ ކަންކަން ހުރީ މިހާލަތުގަ |
އިންތިހާބުތަކުގައި
ވޯޓްހޯދުމުގެ ގޮތުން ކެމްޕެއިންކުރުމަކީ ޑިމޮކްރެޓިކް ވެށީގައި އޮންނަކަމެކެވެ.
ކެމްޕެއިންކުރުމުގައި އެކިފަރާތްތަކުން އެކި އެކި ހުނަރުތައް ބޭނުންކޮށްގެން
އާންމުންގެ ފިކުރާއި ކުޅެލުމަށް މަސައްކަތްކުރާނެއެވެ. އޭގެ ތެރެއިން އެއް ބަޔަކު
ކުރާކަމަކީ ދީނާއި ޤައުމާއި ވަޙުދަތާއި މިއްލަތުގެ ވާހަކައިން މީހުންގެ
އިހުސާސްތަކާކުޅުމަށް މަސައްކަތްކުރުމެވެ. އަނެއްބަޔަކު ކުރާކަމަކީ މެނިފެސްޓޯއެއް
ހަދައިގެން އޭތި ވިއްކުމެވެ. ދެންތިބީންގެ ކަމަކަށް އޮންނާނީ އަނެކުންގެ
ނާޤާބިލްކަމުގެ ވާހަކައިން ވާހަކަފެތުރުމެވެ. އަދި މިނޫންވެސް އެތައް ކަމެއް
އިންތިހާބުތަކުގެ ތެރޭގައި ފެނިގެންދާނެއެވެ.
ކެމްޕެއިން
ކުރުމުގައި މައިގަނޑުގޮތެއްގައި އަޅުގަނޑުމެން ތެރެއިން ފެނިގެންދަނީ ދެ މަގެކެވެ.
ފުރަތަމަ މަގަކީ ކެނޑިޑޭޓެއްގެ ކުޅަދާނަކަމުގެ ވާހަކައާއި ރަނގަޅުކަމުގެ ވާހަކަ
ދެއްކުމެވެ. އަނެއް މަގަކީ އިދިކޮޅު ކެނޑިޑޭޓުގެ ނާޤާބިލްކަމުގެ ވާހަކައާއި
ގޯސްކަމުގެ ވާހަކަ ދެއްކުމެވެ. މި ދެމަގުން ކުރެ ކޮންމެ މަގަކުން ކުރިޔަށް
ދިޔަޔަސް، ކެމްޕެއިންގެ އެހީތެރިން ނުވަތަ އެޖެންޓުން ބޭނުންވެއެވެ. ފަހަކާއިޖެހެންދެން
އެޖެންޓުން ގޮތުގައި ބޭނުންކުރެވުނީ އާއިލާ ބޮޑުކަމަށް ފާހަގަ ކުރެވޭ މީހުނާއި،
އަޑުގަދަކަމަށް ފާހަގަކުރެވޭ މީހުނާއި، މުދާވެރިންނެވެ. އޭގެ އިތުރަށް،
ވޯޓްފޮށީގައި ބަނޑުއެޅުމަށް ހާއްސަކޮށް އެކުލަވާލާފައި އޮންނަ ރ.ކ ކޮމިޓީ އާއި
ރަށްރަށުގެ ވެރިންގެ ބޭނުން ނާޖާއިޒުގޮތުގައި ކުރީކީ މަދަކުންނޫނެވެ.
އެހެންނަމަވެސް،
މިފަހަކަށް އައިސް މައިގަނޑު އެޖެންޓަކީ އެ ސަރަހައްދެއްގައި އެ ޕާރޓީއެއް
ތަމްސީލުކުރާ ގޮފިތަކެވެ. ނުވަތަ އެ ފަރާތުގެ އޮފީހެވެ. ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވެނީ
ސޯޝަލް މީޑިއާއާއި، ވާހަކަދެއްކުންތެރިންނާއި ޒުވާންގުރޫޕްތަކެވެ. މުދާވެރިންވެސް
އަދިވެސް ހިފަހައްޓާލައެވެ.
![]() |
| ކެމްޕޭންކުރުމުގެ މައިގަނޑު ޚަރަދެއްދަނީ ސަޔަށް |
ކޮންމެ
ގޮތެއްވިޔަސް، މި މެދުވެރިންނަކީ ވަކާލާތުކުރުމަށް ނިސްބަތުން މޮޅު ބައެކެވެ.
އެބައިމީހުންގެ ތެރެއިން އެކި މީހުންގެ އިޚުލާސްތެރިކަން އެކި ވަރެވެ. ހަމަ
ރަނގަޅަށް ކެމްޕެއިން ކޮށްދޭ ފަރާތްތަކާއި ނަމަކަށް ހޭކުމަށްފަހު ބޮޑެތި
ފައިދާތައް އަތްމަތިކުރާމީހުން މަދެއްނޫނެވެ. މި ދެގޮތުންކުރެ ކޮންމެ ގޮތެއް
ޚިޔާރުކުރިޔަސް އެ ފަރާތަކަށް ކެމްޕެއިންކުރުމުގެ ޚަރަދާއި އަދި އާންމުން
ހެއްލުމަށް ބޭނުންވާ ބައެއް ޚަރަދުތައް ލިބެއެވެ. މިގޮތުން އާންމުން ހެއްލުމުގެ
ގޮތުން އެކި މެދުވެރިން ހުށަހަޅަނީ އެކި ބާވަތުގެ ކަންކަމެވެ. އެއްބަޔަކު
ބޭނުންވަނީ ގިނަގިނައިން ރައްޓެހިން ގޮވައިގެން ނުވަތަ ކެމްޕެއިން އަމާޒުވާ
ފަރާތްތައް ގޮވައިގެން ކޮފީއަކަށްދާނެ ޕެޓީކޭޝް ކޮޅެކެވެ. އަނެއްބަޔަކު ބޭނުންވަނީ
ޒުވާން ކޮންމެވެސް ގުރޫޕެއް ގަނެލުމަށްޓަކައި ޖާރޒީބައެއް ނުވަތަ
މިއުޒިކުސާމާނުކޮޅެއް ނުވަތަ ޕްރޮޖެކްޓަރެކެވެ. ދެންތިބި ބަޔަކު ބޭނުންވަނީ
މީހެއްގެ ދަރަނި ޚަލާސް ކޮށްދިނުން ނުވަތަ އެހެންވެސް ކޮންމެވެސް މުހުތާދެއް
ޖެހިފައިވާ މީހެއްގެ މުހުތާދު ފިލުވައިދިނުމެވެ. އަނެއްކޮޅުން ބަލާއިރު، އަމިއްލަ
މަސްދޯނީގައި އިންޖީނުއެޅުމާއި، އަމިއްލަ ވިޔަފާރިއަށް މުދާލުމާއި މިނޫންވެސް
ބޮޑެތި އެތަކެއް ފައިދާއެއް ހޯދުމަކީވެސް ބައެއްމީހުން ކޮށްއުޅޭ ކަންކަމެވެ.
ކެމްޕޭނުގެ
މެދުވެރިޔަކަށް ވުމުގެ އުޖޫރައެއްގެ ގޮތުން ބަދަލުހޯދާއިރު ފައިދާ ނުކުންނަކީ
ވަކިފަރުދަކަށްވާނަމަ ދާއިރާއަށް އެއިން ލިބޭ ފައިދާއެއް ނެތެވެ. އަދި އަމުދުން،
ޤާބިލުކަމެއްނެތް، ދޫނުހެލޭ، އުފެއްދުންތެރިކަމެއް ނެތް، ބޭނުމެއް ނުހިފޭ ބޯދާ މީހަކު
ހޮވިއްޖެނަމަ އެނޫން ގޮތަކުންވެސް ދާއިރާއަކަށް ފައިދާއެއް ނުވާނެއެވެ.
![]() |
| އަމިއްލަ އޮޑިދޯނިފަހަރުގެ އިންޖީނުއެޅުމަށްވުރެ މުޖުތަމަޢުގެ ބޭނުން އިސްކުރަންޖެހޭ |
![]() |
| ފެން ޕްލާންޓް: އެއްވެސް ބޭނުމެއް ނުހިފިހުރެ ހަލާކުވަނީ |
މިއީ ކެމްޕެއިން
ފޯވައްސެވެ. ކެމްޕޭންތެރޭގައި އާންމު-ކެމްޕޭން ޚަރަދާއި މީހުން އެގޮތް މިގޮތަށް
އަނބުރާލުމުގެ ޚަރަދަކީ ކުރަންޖެހޭ ޚަރަދެކެވެ. އެއް ފަރާތުގެ ޚަރަދަކީ އަނެއް
ފަރާތުގެ އާމްދަނީއެވެ. އެހެނަސް، މިއަދު އަޅުގަނޑު މިވާހަކަ މިގެނައީ މި މޭރުމުން
އުފެދޭ ހޭދައާއި އާމްދަނީއަކީ ވަކި ފަރުދެއްގެ އެއްޗަކަށް ހެދުމުގެ ބަދަލުގައި އިޖުތިމާއީ
ކޮންމެވެސް ހަރަކާތަކަށް ނުވަތަ އެންމެން ސާމިލުވާގޮތަށް މުޅި މުޖުތަމަޢުގެ ލާބަޔާއި
މަންފާއަށް ކުރެވޭ ކަމަކަށް ހެދުމުގެ މުހިންމުކަމުގެ ވާހަކައިން މިކަމުގައި
ސާމިލުވާ އެންމެހާ ފަރާތްތަކާއި ރައްޔިތުންވެސް ހޭވެރިކުރުވުމުގެ މަޤުޞަދުގައެވެ.
އަޅުގަނޑުގެ އެދުމަކީ، ކުރިޔަށް މިއޮތް އިންތިހާބުތަކުގައި ޕާރޓީތަކުންވެސް
ވަކިވަކި ފަރުދުންގެ ޖީބު ބޮޑުކޮށްދިނުމުގެ ބަދަލުގައި އެ ކުރާކަމެއް މުޅި މުޖުތަމަޢުގެ
ހެވާއި ލާބަޔަށްޓަކައި ކުރުމެވެ. ކެމްޕޭންގެ މެދުވެރިންވެސް، ސިޔާސީ ފަރާތްތަކުގެ
ކިބައިން އެދޭ އެދުމަކީ އެ މެދުވެރިއެއްގެ އަމިއްލަ ބޭނުމެއްގެ ބަދަލުގައި އެ
ކުރާކަމަކީ ހަމަ ސާފުކޮށް މުޅި މުޖުތަމަޢުގެ ކުރިއެރުމާއި ތަރައްޤީއަށް އެދެވޭ
ބަދަލެއް އަންނަ ކަމެއްކަމުގައި ހެދުމެވެ. އަބަދުވެސް، މުޖުތަމަޢުއެއް އޮންނަނީ
'ތިމާ' ގެ ބަދަލުގައި 'ތިމާމެން' ހުރިހާ އެންމެން އެކުވީމަކަން ވިސްނުމުގައި
ބެހެއްޓުމެވެ.




No comments:
Post a Comment