މުދަލާއި ޚިދުމަތުގެ އަގަކީ މަދު ޙާލަތެއްގައި މެނުވީ އަބަދުވެސް މައްޗަށް
ހިފާފައި ހުންނަ އެއްޗެކެވެ. ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވަމުން ދިޔަ
ދުވަސްވަރެއްގައި ސިޔާސީ މަންފާހޯދަން ޗާންދަނީ މަގު ހަތަރުއަނގޮޅިއަށް
ނުކުތުމަށްފަހު ރައްޔިތުން ހަނާވަނީއޭ ގޮވިޔަކަސް، މުދާ އެތެރެކުރުމަށް
ބަރޯސާވެފައިވާ ދިވެހި ރާއްޖޭގައި، މުދަލާއި ޚިދުމަތުގެ އަގުތަކަށް އެންމެ ބޮޑަށް
އަސަރުކުރުވަނީ އަބަދުވެސް ދުނިޔޭގެ ބާޒާރުގެ އަގުތައްކަން އަޅުގަނޑުމެން
އެންމެނަށްވެސް އެނގެއެވެ. އެހެން ނޫންނަމަ، އިހުގައި އޮތް ސަރުކާރު
ވައްޓާލުމަށްފަހު ރައްޔިތުން ހަނާވުމުން ނަޖާކުރުމަށް ވެރިކަމަށް އައި ސަރުކާރެއް
އޮންނަ އިރުގައި އަގުތައް އަތްފޯރާ ފަށަށް ތިރިވާނެއެވެ. ކަން ހިނގީ އެހެނަކުން
ނޫނެވެ.
![]() |
| ދުނިޔޭގެ ބާޒާރުގައި 2012 ވަނަ އަހަރު އަގުއުފުލޭ ނިސްބަތްދިޔައީ ދަށްވަމުން، އެހެނަސް ރާއްޖޭގެ ރައްޔިތުންނަށް އެކަމުން ލިބުނު ފޮނިމީރުކަމެއް ނެތް |
ހަމަގައިމުވެސް، 2011 ގައި ދުނިޔޭގެ ބާޒާރުގެ އަގުތައް ދިޔައީ 30-40 އިން
ސައްތައިން ބޮޑުވަމުންނެވެ. އެހެނަސް ދިވެހި ރާއްޖޭގެ މުދަލާ ޚިދުމަތުގެ އަގު
ބޮޑުވެފައިވަނީ އެއަށްވުރެ މާބޮޑަށްވެސް ދަށް ރޭޓެއްގައެވެ. އެހެންނަމަވެސް، 2012
ގެ މެދުތެރޭގައި ދުނިޔޭގެ ބާޒާރުގައި އަގުތައް ތިރިވެގެން ދިޔަ އިރުވެސް ދިވެހި
ރާއްޖެއަކަށް އޭގެން ލިބުނު ފޮނިމީރުކަމެއް ނެތެވެ. އަގުތަކަށް އައި ދަށްވުމެއް
ނެތެވެ. އަމިއްލަ އެދުން ބޮޑު ދިވެހި ވިޔަފާރިވެރިންގެ ފަރާތުން ރައްޔިތުންނަށް
ދެވުނު ލުޔެއް ނެތެވެ. ރައްޔިތުން ހަނާވިޔަނުދޭން ވެރިކަމަށް އައި ފަރާތްތަކުން
އަގުތައް ތިރިކުރުމުގައި އެއްވެސް ކަމެއް ނުކޮށް، ވެރިކަމުގައި ބެއްދުމަށް
ތިބީއެވެ. ނަތީޖާއަކީ ޖެނުއަރީ 2012 އިން ޖެނުއަރީ 2013 ގެ ނިޔަލަށް ދިވެހި
ރާއްޖޭގެ އަގުތައް 4.33 އިން ސައްތަ އުފުލުމެވެ.
![]() |
| ދެރަނިކަމެތިން ބޭނުންކުރާ މުދަލާއި ޚިދުމަތުގެ އަގުތައް 2012 ވަނައަހަރު އިންތިހާއަށް އުފުލުނު |
މިއީ ހިތާމަހުރި ކަމެކެވެ. ސަބަބަކީ، މުއްސަނދިން މުއްސަނދިވަމުން ދާއިރު ފަޤީރުން
އިތުރަށް ފަޤީރުވާތީއެވެ. ދައުލަތުން ދޭ ސަބްސިޑީގައި ކާރޑްގެ ބާވަތްތައް
ނުއަގުގައި ހޯދައިގެން، ވިޔަފާރިވެރިންނާއި ރިސޯރޓްތަކުގެ ވެރިން ދަނީ
އިންތިހާއަށް ފައިދާ ނަގަމުންނެވެ. އަނެއްކޮޅުން، ޕެންޝަންވެރިންނާއި، އެކަނިވެރި
މައިންނާއި، 65 އަހަރުން މަތީގެ ދުވަސްވީމީހުނަށް ދައުލަތުން ދޭ އިނާޔަތް އަދިވެސް
އޮތީ ކަނޑައެޅިފައިވާ އަދަދެއްގައި ކަމުން، އެ ފަރާތްތަކުގެ މުދާ ގަތުމުގެ
ޤާބިލުކަންވަނީ އިންތިހާއަށް ދަށްވެފައެވެ.
މިކަން އިންތިހާއަށް ގޯސްވެގެންދަނީ ބަޣާވާތަށްފަހު އަގުތައް އުފުލެމުން ދިޔަ
މުދަލާއި ޚިދުމަތުގެ ބާވަތުގެ ގޮތުންނެވެ. ފާއިތުވެ ދިޔަ އަހަރުދުވަހުގެ ތެރޭގައި
މައިގަނޑުގޮތެއްގައި އަގުތައް އުފުލިފައިވަނީ ފަޤީރުންނާއި ދެރަނިކަމެތިން
ގަނެއުޅޭ މުދަލާއި ޚިދުމަތްތަކުންނެވެ. އޭގެތެރެއިން އެންމެ ބޮޑު އިތުރުވުމެއް
އައިސްފައިވަނީ ކޮންމެ އަހަރަކު ޘާނަވީ ނިންމާ ދިހަވަރަކަށް ހާސް ދަރިވަރުން،
ޘާނަވީ ނިންމުމަށްފަހު ހަދާ އެކިފާޑުފާޑުގެ ކޯސްތަކުގެ ފީއަށެވެ. ތަޢުލީމު
ފޯރުކޮށްދިނުމަކީ މައިންބަފައިން ނުކައިނުބޮއެ ތިބެ ނަމަވެސް ފަރުޖައްސާ
ޚަރަދަކަށްވާއިރު، މުއްސަނދި އަމިއްލަ ފަރާތްތަކާއި ދިވެހިރާއްޖޭގެ ޤައުމީ
ޔުނިވަރސިޓީންވެސް ވަނީ ކޯސްތަކުގެ ފީ އިންތިހާއަށް ބޮޑުކޮށްފައެވެ. މި ދާއިރާއިން
އަގުތައް އުފުލުން އުޅެނީ 22.84 އިން ސައްތައިގައެވެ. އޭގެ މާނައަކީ، ކޯރސްފީގެ
ގޮތުގައި ކުރިން 100 ރުފިޔާ ދައްކާ ކުއްޖާ މިހާރު 122 ރުފިޔާ ދައްކަންޖެހޭކަމެވެ.
ނަމަވެސް، އިތުރުވި 22 ރުފިޔާ ދެއްކުމަށް ރައްޔިތުމީހާގެ އާމްދަނީއިން 22 ރުފިޔާ
އިތުރުވެފައެއް ނުވެއެވެ. ނަތީޖާއަކީ، ކެއުންބުއިމަށް ހުރި ލާރިކޮޅުން ފީދައްކަން
22 ރުފިޔާ އިތުރަށް ހޭދަކުރަންޖެހުމެވެ. އޭގެ ސަބަބުން، ދެންހުރި ކަންކަމަށް
ދަތިއުނދަގޫވެ، މުޅި ދިރިއުޅުން ޚަރާބުވެގެން ދިއުމެވެ.
ފާއިތުވެ ދިޔަ އަހަރުދުވަހުގެ ތެރޭގައި ދެވަނައަށް އެންމެ ބޮޑަށް އަގުތައް
އުފުލުނީ ޕްރީސުކޫލާއި ޕްރައިމަރީ ސުކޫލުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ބޭނުންވާ
މުދަލާއި ޚިދުމަތުގެ ބާވަތްތަކުންނެވެ. މިދާއިރާއިން 10.40 އިން ސައްތަ
މަތިވިއެވެ. މީގެ އިތުރަށް، ކުޅޭތަކެއްޗާއި ކުޑަކުދިންގެ ބޭނުންތަކަށް ގަނެހަދާ
ބާވަތްތަކުން 6.65 އިން ސައްތަ މައްޗަށް ދިޔައެވެ. އެހެންކަމަށްވުމާއިއެކު، ދެރަ
ނިކަމެތި މީހާއަށް މިކަން ވެގެން ގޮސްފައިވަނީ ނުއުފުލޭފަދަ ބުރައަކަށެވެ. ނަތީޖާއަކީ
ދަރަނިވެރިން ގިނަވުމާއި، ދަރަނިވެރިންގެ ދަރަނިވެރިކަން ބޮޑުވުމާއި،
ވައްކަންކުރުމާއި ފޭރުން އިތުރުވުމާއި ޚަރަދުތައް ދެކޮޅުނުޖެހި ދިރިއުޅުން މުޅިން
ހާޖާނުވުމެވެ. އަނެއްކޮޅުން ބަލާއިރު، އާބާދީގެ މަދު އިން ސައްތައެއް ކަމުގައިވާ
މުއްސަނދިންގެ ޖީބުތައް ފުރިބާރުވުމެވެ.
އެހެންކަމުން، 2012 ވަނަ އަހަރު މި ރާއްޖޭގެ މުދަލާއި ޚިދުމަތުގެ އަގުތައް
މައްޗަށް ދިއުމުގެ މައިގަނޑު ސަބަބުތައް ކަމުގައި އަޅުގަނޑަށް ދޭހަވަނީ،
ވިޔަފާރިވެރިންގެ ސާފު ނޭއްޤާނީކަމާއި ސަރުކާރުގެ ނުކުޅެދުންތެރިކަމެވެ.
ސަރުކާރުންވެސް ދިޔައީ މުއްސަނދިންގެ ޖީބުތަކަށް ފައިސާފޮތި ލައިދެމުންނެވެ.
ރަށްރަށުގެ މުއްދަތު އިތުރުކޮށްދިނުމާއި، ކުލިތައް މާފުކޮށްދިނުމާއި
ކުޑަކޮށްދިނުމާއި، ކުލި ދައްކާ މުއްދަތު ދިގުދަންމައިދިނުމާއި، ބައެއް
ވިޔަފާރިވެރިން އަތުން ބޮޑުއަގުގައި ކުރުމުއްދަތުގެ ޓީ-ބިލް ގަތުމާއި، ސަރުކާރުގެ
ކުންފުނިތައް ބައެއް ވިޔަފާރިވެރިންނަށް ވިއްކާލުމުގެ ތެރެއިންނެވެ.
އެހެންނޫންނަމަ، ދުނިޔޭގެ ބާޒާރުގައި އަގުތައް އުފުލޭ އިންސައްތަ ދަށްވަމުން
ދިޔަ އަހަރެއްގައި، މިރާއްޖޭގެ އަގުތައް މި ޒާތަށް އުފުލިގެން ނުދިޔައީހެވެ. ސަރުކާރުގެ
ކިރިޔާވެސް އިޚުލާސްތެރިކަމެއް ހުރިނަމަ، މަދު ވިޔަފާރިވެރިން ކޮޅެއް ނުކުމެ
ރައްޔިތުންގެ ޖީބުތައް ފެލާލާ މަންޒަރު ނުފެނުނީހެވެ. މުއްސަނދިންނާއި ފަޤީރުންގެ
އާމްދަނީގެ ތަފާތު މިހާ ފުޅާވަމުން ނުދިޔައީހެވެ. ނިކަމެތިންގެ ހިތުގައި
ވިޔަފާރިވެރިންނަށް ނަފުރަތު އުފެދިގެން ނުދިޔައީހެވެ. ރައްޔިތުން ހަނާ ނުވީހެވެ.


No comments:
Post a Comment