ހައްދުންމަތީގެ ތަރައްޤީގައި އެން.ޖީ.އޯ ތަކުގެ ދައުރު ފުޅާކުރުން

މަތިމަރަދޫ ޒުވާނުންގެ ޖަމްޢިއްޔާއިން 2011 ވަނަ އަހަރު ބޭއްވި ކުޑަކުދިންގެ ހަވީރު
ހައްދުންމައްޗަކީ ތަރައްޤީއަށް ފުރުޞަތުއޮތް އަތޮޅެކެވެ. މި އަތޮޅުގެ ޒުވާނުންނަކީ ހުނަރުވެރި، ކުޅަދާނަބައެކެވެ. މިއަތޮޅުގެ އަންހެންވެރިންނަކީ ހީވާގި ބައެކެވެ. މިއަތޮޅުގެ ފިރިހެންވެރިންނަކީ ހިތްވަރުގަދަ ބައެކެވެ. ފާއިތުވެ ދިޔަ ކޮންމެކަމެއްގައިވެސް ފެންނަން އޮތީ އެ މަންޒަރެވެ. ކައްދޫ އެއާރޕޯރޓް ބިނާކުރުމުގެ މަސައްކަތަކީ އޭގެ އަލިގަދަ ދަލީލެކެވެ.


އެހެންނަމަވެސް، މި އަގުހުރި ރައުސްމާލު އެދެވޭ ގޮތުގައި ބޭނުންކުރުމަށް ޝައުގުހުރި ވެރިންނެއް މިއަދަކު ނުފެނެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ރައްޔިތުންވެސް މިހާރުވަނީ، އިޖުތިމާއީ މަސައްކަތުން މާބޮޑަށްވެސް ފެއަށް ޖެހިފައެވެ. އަމިއްލަ ރަށާއި އަތޮޅުގެ ތަރައްޤީއަށް ހުރަސް އެޅޭ މިނަށް ދުރަށް ޖެހިފައެވެ. ނަތީޖާއަކީ، އަޅުގަނޑުމެން ތެރެއިން ހަމަ ކޮންމެ މީހަކަށްމެ ލިބެންއޮތް ތަރައްޤީގެ ފޮނިމީރުކަމަށް ކުރާ އިންތިޒާރީ ދިގުވެގެންދިއުމެވެ. ސަބަބަކީ، އެންމެ އަތަކުން ކުރާ މަސައްކަތަށްވުރެ ގިނަ އަތުން، ނުވަތަ ހުރިހާ އެންމެންގެ އަތުން ކުރާ މަސައްކަތުން ނަތީޖާނެރުން އަވަސްކުރެވޭކަމެވެ. ތަރައްޤީގެ މަސައްކަތުގައި ސާމިލުވާ ފަރާތްތައް މަދުވާ ވަރަކަށް، ތަރައްޤީގެ ދުވެލި ލަސްވާކަމެވެ.

ކަން މިހެން އޮތުމާއި އެކު، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްގެ މައިގަނޑު އެއް ވާޖިބަކީ، ރަށާއި އަތޮޅުގެ ތަރައްޤީގެ މަސައްކަތުގައި ސާމިލުވާ ފަރާތްތައް މިއަދަށްވުރެ ގިނަކުރުމެވެ. އެތައްތަނަކުން ގިނަކުރުމެވެ. އެގޮތުން ބަލާއިރު، ލާމަރުކަޒީ ޤާނޫނުގެ ދަށުން މިރާއްޖޭގެ ރަށްރަށް ލާމަރުކަޒީ އުސޫލުން ހިންގަމުންދާއިރު، މާޒީގައި ވޯޓްފޮއްޓާކުޅުމަށް އެކުލަވާލެވުނު ރ.ކ ކޮމިޓީއާއި، ރަށްރަށުގެ ތަރައްޤީއަށް ބަލަދުނާރަންވެގެން ގެންގުޅު އ.ތ.މ ކޮމިޓީތަކަކީ އިއާދަކުރުން ބުއްދިވެރި ސަޙުސުތަކެއް ނޫނެވެ. އެކަމަކީ، ލާމަރުކަޒީ އުސޫލާ ފުށޫއެރުންތަކެއް ހުރި ކަމެކެވެ. އެހެންކަމުން، މިއަދު މި މަގަށް އެންމެބޮޑަށް ގެންނަންޖެހިފައިވަނީ މި އަތޮޅުގެ ތަފާތު ރަށްރަށުގައި އެކި ކަންކަމުގައި އަދި އެކި ނަންނަމުގައި ހަރަކާތްތެރިވަމުންދާ ޖަމިއްޔާ ޖަމާޢަތްތަކެވެ.  

1. ރަށްރަށުގައި މިވަގުތު ހަރަކާތްތެރިވަމުންދާ ޖަމިއްޔާ ޖަމާއަތްތަކަކީ ކޮބައިތޯ އަހާފުމުން، މި ސުވާލަށް ޖަވާބުދޭން އެނގެނީ މަދު ކައުންސިލަކުންނެވެ. ނަމަވެސް، އަޅުގަނޑުމެންނަށް އެނގެންވީ ވަރަށް މުހިންމު އެއްކަމަކީ، އެ ފަރާތްތަކުގެ މަޤުޞަދަކީވެސް ކައުންސިލްތަކާއިވެސް އެއްފަދައިން ރަށުގެ ތަރައްޤީއަށް މަސައްކަތްކުރުންކަމާއި ތަފާތަކީ އެފަރާތްތަކަކީ މުސާރައަކާއިނުލާ ހިލޭސާބަހަށް މަސައްކަތްކުރާ ބައަކަށް ވާކަމެވެ. އެއް މަޤުޞަދެއްގައި މަސައްކަތްކުރާ ދެ ބަޔަކު މިހާ ދުރުގައި ތިބެންވީ ކީއްވެގެންތޯއެވެ؟ އެއްވާންވީ ނޫންތޯއެވެ؟ އެއްކުރަންވީ ނޫންތޯއެވެ؟ އަޅުގަނޑަށް ފެންނަފެނުމުގައި ރަށުކައުންސިލްތަކުން މިކަމަށް ސަމާލުކަމެއް ދޭން އެބަޖެހެއެވެ.

ރިއަލް އައިލެންޑް ސޮސައިޓީގެ ބަށިކޯރޓް ތައްޔާރުކުރުން
2. ރަށުގެ ތަރައްޤީގެ މަސައްކަތުގައި ޖަމިއްޔާ ޖަމާއަތްތަކުގެ އެއްބާރުލުމާއި އެހީތެރިކަން ހޯދުމަކީ، މި އަހަރަކީ ވޯޓު އަހަރު ކަމުގައިވާތީ، އެ ފަރާތްތަކާއި ބައްދަލުކޮށް ބޭނުންވާ ކަންކަން އެހުމަށްފަހު އެއިން ކޮންމެ ޖަމިއްޔާއަކަށް ޕްރޮޖެކްޓަރެއް ދިނުމެއްނޫނެވެ. މިއުޒިކު ކުޅޭ ސާމާނު ދިނުމެއްވެސް ނޫނެވެ. މިއަހަރުގެ ބަޖެޓްގައި 10 ވަރަކަށް މިލިޔަން ރުފިޔާ ޖަހާފައި އޮތީތީ، ވެރިކަން ހިންގާ ފަރާތުން، ޖަމިއްޔާތަކަށް އެ ފައިސާއިން ރިޝްވަތުދިނުމެއްވެސް ނޫނެވެ.

3. މަތީގައި ބަޔާންކުރެވުނު ފަދައިން، އެ ރަށެއްގައި ހިންގާ ވަކިވަކި ޖަމިއްޔާ ޖަމާއަތްތައް އެ ރަށެއްގެ ރަށު ކައުންސިލަށް އެނގެން އެބަޖެހެއެވެ. އެ ފަރާތްތަކުގެ އެހީތެރިކަމަށް، ސާފުކޮށް، އެދެން އެބަޖެހެއެވެ. ރަޖިސްޓްރީގައި އޮތުމާއި އެނގުމާއި އެއީ ތަފާތު ދެ ކަމެކެވެ.

4. މިފަދައިން ރަށްރަށުގައި ހުރި ޖަމިއްޔާ ޖަމާއަތްތަކަށް އެހީތެރިވުމާއި، އެ ފަރާތްތަކަށް ބޭނުންވާ ތަމްރީނާއި ހުނަރާއި ވަސީލަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވުމަކީ އަތޮޅުކައުންސިލުން ނުކޮށް ދޫކޮށްލައިގެން ވާނެކަމެއް ނޫނެވެ. މި މޭރުމުން ހިނގުމަށްޓަކައި އެންމެ ފުރަތަމަ ކަމަކީ، އަތޮޅުތެރޭގައި ހަރަކާތްތެރިވާ ޖަމިއްޔާ ޖަމާއަތްތަކުގެ މައުލޫމާތު އެއްކުރުމާއި އެފަރާތްތަކުގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، އެފަރާތްތަކުން ހަރަކާތްތެރިވާ މިންވަރު ވަޒަންކުރަމުން ގެންދިއުމާއި، އެފަރާތްތަކުގެ އަހަރީ ރިޕޯރޓްތައް ހޯދާ އެއަށް ރިޢާޔަތްކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ.

5. މިގޮތުން، އެ ފަރާތްތަކަށް އަމާޒުކޮށް ޒަމާނީ އުސޫލުން އެން.ޖީ.އޯ ހިންގުމުގެ އަސާސީ ހުނަރުތައް ފޯރުކޮށްދޭ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަކީ އަތޮޅުކައުންސިލުން ދޫކޮށްލައިގެންވާނެ ކަމެއްނޫނެވެ. ނޫކަށިފުރާ ޒުވާނުން ތިބި ކައުންސިލަކުން ޒުވާނުންގެ ސާމިލުވުމަށް ނޫނެކޭ ބުނާނަމަ އަތޮޅުގެ ތަރައްޤީގެނެވޭނީ ކިހިނަކުންތޯ އަމިއްލައަށްވެސް ވިސްނާލަން ޖެހެއެވެ.

6. މިއަދުގެ އެން.ޖީ.އޯ ތަކާއިއެކު މަސައްކަތްކުރުމުގައި މުވާސަލާތު ހަލުއިކުރުމަކީ ކޮންމެހެންވެސް މަޖުބޫރުކަމެކެވެ. އެހެންކަމުން، އަތޮޅުގެ އެން.ޖީ.އޯ ތަކުގެ ނެޓްވާރކާއި މުވާސަލާތުކުރުމުގައި ސިޓީ މެސެޖްގެ ބަދަލުގައި ސޯޝަލް މީޑިއާގެ ބޭނުންކުރުން ލާޒިމެވެ. ހަމައެއްވެސްކަމަކީ ނުވަތަ އެއްވެސް މައުލޫމާތަކީ ވަކި މީހެއްގެ އަތުގައި ހައްޔަރުވެފައި އޮންނަ ކަމެއް ނުވަތަ މައުލޫމާތެއްގެ ގޮތުގައި ހެދުމަކީ މާޒީއެވެ. މިއަދު ވާނީ ޓްރާންސްޕޭރެންސީއަށް ކަމޭހިތާށެވެ. ޚިއްސާކުރުމަށް ފަސްނުޖެހޭށެވެ. ފާޑުކިޔުމަކީ ކުރިއެރުމެއްކަމަށް ދެކޭށެވެ. ގިނަމީހުންގެ ޚިޔާލުތަކަށް މަރުހަބާކިޔާށެވެ.

7. އަތޮޅުގެ ސްޓްރެޓީޖިކް ޕްލޭނަށް ބަލާއިރު، އެން.ޖީ.އޯ ތަކަށް ކޮށްދޭން ކަނޑައެޅިފައިވާ ކަންކަމާއި އެން.ޖީ.އޯ ތަކުގެ ކިބައިން އެދޭ ކަންކަމަކީ ކޮބައިކަން ސާފުކޮށް އަންގައިދޭން އެބަޖެހެއެވެ. މިކަންކަމަކީ، ވަކި ވަގުތަކު ވަކި މީހަކު ވަކި ފާޑެއްގެ މުހުތާދެއް ފިލުވުމަށް ބޭނުންކުރާ ހުނަރަކަށް ހެދުމުގެ ބަދަލުގައި، މިކަންކަން ކަރުދާސްކުރެވިފައި ހުންނަންވާނެއެވެ.

8. މިކަންކަމާއިބެހޭގޮތުން، ކައުންސިލްތަކާއި އެން.ޖީ.އޯ ތައް އެއްތަންވެ މަޝްވަރާކުރުމަށްފަހު، އަމަލީމައިދާނަށް ނުކުތުމަށް އެއްބަސްވުމަކަށް އަންނަންޖެހެއެވެ. ތަރައްޤީ ގެނެވޭނީ ހުރިހާ ކޮނޑަކުން އުފުލާ އުފުލުމާއި ހުރިހާ ހައްޓަކުން އޮހޮރޭ ދަލަކުން ކަން ހުރިހާ ފަރާތްތަކުންވެސް ޤަބޫލުކުރުން މުހިންމެވެ.

އެން.ޖީ.އޯ ތަކުގެ ބައިވެރިވުން ކަށަވަރުކުރުމުން އިޖުތިމާއީ އެތަކެއް ފައިދާއެއް ލިބޭ
9. އެއަށްފަހު، އެއްގަލަށް އެރޭ ކަންކަން ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކުންވެސް ސާބިތުވުމަށްފަހު، ކަނޑައެޅި ބަޔާންވެވޭ ވަކި އުސޫލަކުން ކަންކަން ތަންފީޒުކުރެވޭ މިންވަރު ވަޒަންކުރަމުން ގެންދިއުމާއި، ނަތީޖާ ނެރެވޭ މިންވަރު ބެލުމާއި، ރަނގަޅަށް ކަންކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމާއި ތަންފީޒީ ބުރު ދައުރުކުރަމުން ގެންދިއުމަކީ އަތޮޅުކައުންސިލުން ނުކޮށް ދޫކޮށްލައިގެން ވާނެ ކަންކަމެއްނޫނެވެ.

ކަންކަމަށް ވަނުމަކީ އޭގެ ޒާތުން އިންސާނުން ނުރުހޭ ކަމެކެވެ. މީހުން އެދެނީ، ފާޑުކިޔާށެވެ. ފާޑު ރައްދުވާކަށް ނޫނެވެ. ކަންކަމުން ރެކޭށެވެ. ކަން ކުރާކަށް ނޫނެވެ. ފުރުޞަތު ހޯދާށެވެ. ފުރުޞަތުގެ ބޭނުން ހިފާކަށްނޫނެވެ. އެހެންނަމަވެސް، ހައްދުންމަތީގެ ރަށުކައުންސިލްތަކާއި އަތޮޅު ކައުންސިލުން، އެފަދަ ތަންތަނަށް ނުވެ، ސާބިތުކަމާއިއެކު މަސައްކަތަށް ނުކުމެ، އާންމުންނާއި ރަސްމީ އިދާރާތަކާއި އެން.ޖީ.އޯ ތަކުގެ އެއްބާރުލުމާއި އެހީތެރިކަން ހޯދައިގެން މި އަތޮޅުގެ ތަރައްޤީއަށް ކުރަންޖެހޭ އެންމެހާ ކަންކަން ފަސްޖެހުމެއްނެތި ކުރަމުންގެންދާ މަންޒަރު ފެންނަން މުޅި އަތޮޅުގެ ރައްޔިތުން އެދެއެވެ.

No comments:

Post a Comment