![]() |
| އަތޮޅު ކައުންސިލްގެ މެންބަރުން: ރައްޔިތުންގެ އިނގިލިތައް އަބަދުވެސް ސިޔާސީ ވެރިންނަށް އަމާޒުވާއިރު ޒިންމާދާރުވެރިޔާ ސަލާމަތުން |
ދިވެހި ރައްޔިތުންނަށް އިޚުލާސްތެރިކަމާއިއެކު، ވަކިފަރާތެއްގެ ރުހުން
ހޯދުމަށް މަސައްކަތް ކުރުމެއްނެތި، ސަރުކާރުން އެކަށައަޅާ ސިޔާސަތުތަކާއި
ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިވެދިނުމަކީ ދިވެހި ސިވިލް ސަރވިސްގެ ހަމަ ކޮންމެ
މުވައްޒަފެއްގެވެސް ދައުރެކެވެ. މި މުވައްޒަފުންގެ މަސައްކަތްތައް ރާވާ
ހިންގުމަށްޓަކައި ޒިންމާދާރުކަމުގެ އެކި ފަށަލަތައް ކަނޑައެޅުމަށްފަހު ދިވެހި
ސިވިލް ސަރވިސް ކަމިޝަނުންވަނީ އެކި ފަށަލަތަކަށް ވެރިން ހަމަޖައްސާފައިވެއެވެ. މިގޮތުން،
ހައްދުންމަތީގެ އެންމެހާ ސިވިލް ސަރވެންޓުންގެ އެންމެ އިސްމަޤާމަށްވެސް ޒިންމާދާރު
ވެރިޔަކު ހަމަޖައްސާފައިވެއެވެ. އެ ފަރާތެއް ހަމަޖައްސަވާފައިވަނީ ނުވަތަ އެ
ހަމަޖެއްސުމެއްގެ މަތީގައި ހިފަހައްޓަވާފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދުގެ
79 ވަނަ މާއްދާއާއި އެއްގޮތަށްކަން ނުވަތަ ނޫންކަން ކަށަވަރުކުރައްވަން އަޅުގަނޑު
ދޫކޮށްލާ ހިތް އޮތީ ކިޔުންތެރިންގެ އަތްމައްޗަށެވެ.
![]() |
| ހައްދުންމަތީ އަތޮޅުގެ |
ދިވެހިން ޑިމޮކްރެސީއަށް އާނ ބަސް ދިނުމާއި އެކު 2008 ވަނަ އަހަރު ބޭއްވި
ފުރަތަމަ މިނިވަން އިންތިޚާބަށްފަހު ވެރިންނަކީ ޑިމޮކްރެޓިކް އުސޫލުން ހަމަޖެހޭ
ބަޔަކަށް ވެގެންދިޔައެވެ. އަދި، އެ ވެރިން ނިންމަވާ އުސޫލުން މަސައްކަތްތައް
ކުރިޔަށް ގެންދިއުމަކީ ޒަމާނުއްސުރެ އޮތް ބިއުރޮކްރެޓިކް ސިވިލް ސަރވިސް އެއްގެ
ތެރެއިން ކުރިޔަށް ގެންދާ ކަމެއްގެ ގޮތުގައި އޮވެއްޖެއެވެ. ހަމަ އެއާއިއެކު،
ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ ސަބަބުން ސިވިލް ސަރވެންޓުންގެ މިނިވަންކަން
ބޮޑުވެގެންދިޔައެވެ. ސިޔާސީ ކަސްތޮޅުން ހުރިހާ މުވައްޒަފުން ނެއްޓުނެވެ. ނަމަވެސް،
މި ލިބުނު މިނިވަންކަމުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފީ މަދު
އިންސައްތައެކެވެ. އެއިރުގެ ސަރުކާރުދެކެ ރުހޭ މުވައްޒަފުން ސަރުކާރަށް މަދަދުދާރުވީއިރު،
ނުރުހޭ ކިތެންމެ މުވައްޒަފަކު ދިޔައީ ސަރުކާރަށް ޖެއްސުން ކުރަމުންނެވެ.
ހައްދުންމަތީގެ ޒިންމާދާރުވެރިއަކަށް އައްޔަންކޮށްފައިވާ ފަރާތުގެ ކިބައިން
އެމަންޒަރު ސާފުކޮށް ފެނިފައިވެއެވެ.
![]() |
| އަތޮޅުގެ ވެރިރަށްކަމުގައިވާ ފޮނަދޫ ރައްޔިތުން މުޒާހަރާގައި |
ފެބުރުއަރީ 07 ގައި، އެ ބަދަލުވިގޮތަކަށް ވެރިކަން ބަދަލުވުމަށްފަހު،
ހައްދުންމަތީގެ ޒިންމާދާރުވެރިޔާގެ ހަލުއިކަން ފެނިގެންދާނެކަމަށް ހީވެފައި
އޮތްނަމަވެސް މަސައްކަތުގެ މައިދާނުގައި އެކަން ފެނިފައެއްނުވެއެވެ. ސަރުކާރަށް މަލާމާތްކުރުން
މަދުވުން ފިޔަވާ، އަމަލީ މަސައްކަތުގައި އިތުރު ކުރިއެރުމެއް އައި މަންޒަރެން
ނުފެނުނެވެ. ކުރިން ސަރުކާރު ބޮލަށް ކަނޑާލަމުންދިޔަ ކަންކަން މިހާރު ކަނޑާލެވޭނެ
އިތުރުގޮތެއް ނެތުމުން ހިމޭންވުން ފިޔަވާ އިތުރު ބަދަލެއް ނުފެނުނެވެ. އަތޮޅުގެ މުއައްސަސާތަކުން
ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ރައްޔިތުމީހާއަށް
އެނގިލުންވާނެ ހަމަ އެއްކަމެއްވެސް ހަރުދަނާވެގެން ނުދެއެވެ. ކިތެންމެ ވަރަކަށް
ފެލިޔަސް އޭއްޗަކުން ނުކުންނާނީ އޭއްޗެއްގަ ހުރި ދިޔައެއް ތާއެވެ!
1. އަތޮޅުގެ ޒިންމާދާރު ވެރިޔާގެ މައިގަނޑު
ޒިންމާއަކީ އަތޮޅުކައުންސިލުން ބޭނުންވާ ނަތީޖާތައް ނެރުމަށްޓަކައި ދާއިރާގެ
ޕާރމަނަންޓް ސެކްރެޓަރީގެ ލަފަޔާއި އެއްގޮތަށް މުވައްޒަފުން ލައްވާ މަސައްކަތް
ކުރެވޭނެ އިންތިޒާމު ޤާއިމުކޮށް، އެ އިންތިޒާމު ހަރުދަނާކޮށް ހިންގުމެވެ. އަތޮޅުގެ
ހަތަރުބިތުން އަތޮޅު ކައުންސިލަށް ހޮވާފައިވާ ރައްޔިތުންގެ މަންދޫބުންގެ މައްޗަށް
ވެރިވެގަތުމެއްނޫނެވެ. އަދި، ޒަމާނުއްސުރެ އަތޮޅުއޮފީސް ހިޞާރުކޮށްގެން ހުރުމުގެ
ސަބަބުން އޮތް ނުފޫޒު، އަލަށް އުފަންވި އަތޮޅުކައުންސިލްގެ މައްޗަށް
ފޯރުވުމެއްވެސް ނޫނެވެ. ނަމަވެސް، އަތޮޅު ކައުންސިލްގެ ޔައުމިއްޔާތައް ކިޔާލުމުން،
ކަން ހިނގާފައިވަނީ ކިހިނެތްކަން ސާފުވާނެއެވެ. މުޅި އަތޮޅުގެ ރައްޔިތުން ބޭނުންވާ
ބޭނުންތައް އަތޮޅު ކައުންސިލާއި ރަށުކައުންސިލުތަކުން ނުވެގެން މުޅިއަތޮޅު ރަތަށް
އަރާފައި އޮންނަ އިރުވެސް، އެ އިދާރާ ތަކުގައި މަސައްކަތްކުރާ މުވައްޒަފުން
ހަލާކުކުރުމަށް އިހުގައި ކުރެވުނު މަސައްކަތުގެ ސަބަބުން މިއަދު ކޮންޓްރޯލް
ގެއްލިފައިވާތީ އެ އިދާރާއެއް ދާނެގޮތަކަށް ދާން ދޫކޮށްލައިގެން ހުރެ، މަތިން ތިބޭ
ވެރިންނަށް ފުއްޖެހި މޫނު ދެއްކުން ފިޔަވާ އިތުރު އެއްކަމެއް ކުރާ މަންޒަރެއްވެސް
ނުފެނެއެވެ.
![]() |
| ގޯހުން ގޯހަށް ދިޔައިރު ޒިންމާވާނެ އެކަކުވެސް ނެތް |
2. ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 78
(ށ) އާއި ގުޅޭގޮތުން އަތޮޅުގެ ޒިންމާދާރުވެރިޔާ ކުރައްވަނީ ކޮންމަސައްކަތެއްތޯ
ސުވާލު ކޮށްލަން އެބަޖެހެއެވެ. އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި، ދިވެހި ސިވިލް
ސާރވިސް ގެ ގާނޫނާއި ޚިލާފަށް އުޅެމުންދާ ކިތެންމެ ސިވިލް ސަރވެންޓަކު
އެބައުޅެއެވެ. އުޅޭނެ ގޮތަކަށެވެ. އާންމު ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ
ޚިދުމަތްތައް ރަނގަޅަށް ނުދެވުނުތާނގައި، އިހުގައި ދެމުން ދިޔަ ކިތެންމެ
ޚިދުމަތެއްވެސް މިހާރުވަނީ އުނިވާން ފަށާފައެވެ. މިކަންކަން މިހެން އޮންނައިރު،
އަތޮޅުގެ ޒިންމާދާރުވެރިޔާ އެއްވެސް ޒިންމާއެއް އުފުލާތޯއެވެ؟ އެކި ގިންތީގެ އެކި
ފަންތީގެ މުވައްޒަފުން އާންމުންނާ ބޭނުން ގޮތަކަށް މުއާމަލާތުކުރަމުންދާއިރު
އެކަންކަން އިސްލާހުކުރަން ކުރެވުނީ ކޮންކަމެއްތޯއެވެ؟ އަތޮޅުގެ ޒިންމާދާރު
ވެރިޔާގެ ޒިންމާއަކީ ދިވެހި ސިވިލް ސަރވިސްގެ މަޤްޞަދުކަމުގައި ބަޔާންކޮށްފައިވާ މާއްދާއަކީ
ދޮގެއްކަން އާންމު ރައްޔިތުންނަށް ސާބިތުކޮށް ދިނުންތޯއެވެ؟
![]() |
| ހައްދުންމަތީ (ފޮނަދޫ) ޕޯސްޓްއޮފިސް |
ކޮންމެ ގޮތެއްވިޔަސް، އެނގޭކަމަކީ ހައްދުންމަތީގެ އިދާރީ ހިންގުން އިންތިހާއަށް
ގޯސްކަމެވެ. އަތޮޅުގެ ރަށްރަށުގައިވާ ސަރުކާރުގެ އިދާރާތައް ވަނީ އާންމު
ރައްޔިތުންނަށް ޚިދުމަތްފޯރުކޮށްދިނުމުގައި އިންތިހާއަށް އިހުމާލުވެފައިކަމެވެ. އަދި،
މިކަމުގެ އަސްލަކީ އަތޮޅުގެ ޒިންމާދާރުވެރިޔާއަށް، ދިވެހި ސިވިލް ސަރވިސްގެ
މުވައްޒަފުން ގޮވައިގެން ބިއުރޮކްރެސީގެ ތެރެއިން ޑިމޮކްރެސީއަށް މަދަދުދާރުވާން
ނޭނގޭކަމެވެ. އޭގެ އިތުރުން، ޒާތީ ތަޢައްޞުބުގެ ސަބަބުން އަމިއްލަ މަސްލަޙަތު
އިސްކުރުމާއި ވެރިންނަކީ ރައްޔިތުންގެ ޚާދިމުންކަން ހަނދާން ނައްތާލާފައިވުމެވެ.
ދިވެހިންނަށް ޑިމޮކްރެސީ ތަޢާރަފުވާންފެށި ވަގުތު، މި އަތޮޅުގެ އިދާރާތަކުގައި
ޒަމާނުއްސުރެ ވަކިހިއްޕާލައިގެން ތިބެ ފެހިޖަހާފައިވާ ބިއުރޮކްރެޓިކް ބައެއް
ވެރިންގެ އެންމެ ބޮޑު އުފަލަކަށް ވެގެން ދިޔައީ، ރައްޔިތުމީހާއަށް ޚިދުމަތް ފޯރުކޮށްނުދެވިއްޖެ
ކޮންމެ ކަމެއްގައި ޑިމޮކްރެޓިކް އުސޫލުން ހޮވިފައިވާ ވެރިންގެ ބޮލަށް ފޫޅު
ކަނޑާލުމަށެވެ. އަދި، މި މަޅީގައި މުޅި ދިވެހިރާއްޖެ ޖެހެމުން ދިޔައިރު، މި
އަތޮޅުގެ ރައްޔިތުންވެސް އެއިން މަހުރޫމްވެފައެއް ނުވެއެވެ. ހަޤީޤަތަކީ، މިއަދު
ޤައުމު ބޮއްސުންލާފައިވާ މިންވަރަށް އެކަން ގޮސްފައިވަނީ ސިޔާސީ ފަރާތްތަކުގެ
އިތުރުން ޒިންމާދާރުވެރިންނޭ ކިޔާފައި ތިބޭ ޒިންމާ ނުނަގާވެރިންގެވެސް ނޭއްޤާނީކަމާއިއެކުގައެވެ.
ހަމަގައިމުވެސް ހައްދުންމަތީގެ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ނުލިބި
މިދަނީ ހަމަ އެކަނި ކައުންސިލުތަކުގެ ނާޤާބިލް ކަމަކުން ނޫނެވެ. ޒިންމާދާރު
ވެރިންގެ ޒިންމާދާރުކަމުގެ ބަދަލުގައި އެ ފަރާތްތަކުގެ ކިބައިން ފެންނަ
ނޭއްޤާނީކަމުގެ ސަބަބުންނެވެ. ރަށްރަށުގެ ޒިންމާދާރުވެރިން ޒިންމާދާރުކުރުވުމަށް
އަތޮޅުގެ ޒިންމާދާރު ވެރިޔާ ނުކުޅެދުނީތީއެވެ. އަދި އަތޮޅުގެ ޒިންމާދާރުވެރިޔާގެ
މަސައްކަތް ވަޒަންކުރާނެ އެއްވެސް ފަރާތެއް މިއަދާއި ހަމަޔަށްވެސް ފެންމަތިވެފައި
ނުވާތީއެވެ.
![]() |
| މުޅި އަތޮޅު ވީރާނާވަމުންދާއިރު އަތޮޅުގެ ޒިންމާދާރުވެރިޔާ ޒިންމާ އުފުލާ މަންޒަރެއް ނުފެނޭ |
އެހެންކަމުން، އަޅުގަނޑުގެ އިލްތިމާސަކީ ތަފާތު އެކިއެކި ތަންތަނުގައި،
ތަފާތު އެކިއެކި ފެންވަރުގައި އަޅުގަނޑުމެން ޑިމޮކްރެޓިކް ވެރިން މިނެކިރަމުން ދާ
ބީދައިން، ބިއުރޮކްރެޓިކް ވެރިން ޒިންމާއުފުލާ މިންވަރުވެސް ވަޒަންކޮށް އެކަމަށް
ފާރަވެރިވެ، ފާޑުކިޔާ، އަޑުއުފުލާ އަދި އެހީތެރިވަމުންވެސް ގެންދިއުމެވެ. އަދި،
މިޒާތުގެ ކަންކަމަކީ ސިޔާސީ ވެރިންނަށްވެސް ފެންނަ، ގޮތްހުސްނުވެ ތިބެ
ފިޔަވަޅުއަޅަން ކެރޭ ކަންކަމަށްވުމެވެ. ދިވެހި ސިވިލް ސަރވިސް ކަމިޝަނުންވެސް
މިފަދަ ކަންކަން ހުރި ނެތްގޮތް ބެލުމަށްފަހު، އެންމެ ފަށުވިކޮށް އޮމާންކޮށް ކަމިޝަނަށް
ޖަވާބުދާރީވާ މީހާ ބެލުމުގެ ބަދަލުގައި އެންމެ ހަރުދަނަކޮށް ރައްޔިތުންނަށް
ޚިދުމަތް ފޯރުކޮށްދެމުންދަނީ ކޮންބައެއްކަން ކަށަވަރުކުރުމެވެ. އަތޮޅުގެ ޒިންމާދާރު
ވެރިޔާ އެއްވެސް ޝަރުތަކާނުލާ މިހާރުން މިހާރަށް އަތޮޅުގެ ޒިންމާދާރުވެރިޔާގެ
ހައިސިއްޔަތުން އުފުލަންޖެހޭ ޒިންމާތަކާއި މަސްޢޫލިއްޔަތު އުފުލުމެވެ.







No comments:
Post a Comment