ފިރިހެނާ ފިރިހެނަކަށް ވީތީ ކުރަންޖެހޭ ކަންތައްތަކެއް ހުރެއެވެ. އަންހެނާ އަންހެނަކަށް ވީތީ ކުރަންޖެހޭ ކަންތައްތަކެއް ހުރެއެވެ. މިކަންތައްތައް ފަރުޖެއްސެނީ ޚަރަދުތަކެއް ކޮށްގެންނެވެ. ގިނަފަހަރު އަމިއްލަ ޖީބުންނެވެ. ބައެއް ފަހަރު އެކިއެކި ފަރާތްތަކުގެ އެހީގައެވެ. ބައެއްފަހަރު ދައުލަތުންނެވެ.
އަމިއްލަ ފަރުދަކު ކުރިޔަސް ނުކުރިޔަސް، ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ދައުލަތުން އެ ޚަރަދެއް ކުރުން ދައުލަތުގެ މައްޗަށް ލާޒިމު ބައެއް ޚަރަދުތައް އެބަހުރެއެވެ. މިރާއްޖޭގެ މަސްރަޙަށް ބަލާއިރު ރައްރަށުގެ ބަނދަރު ހެދުމާއި، މަގުބައްތި ދިއްލުން ފަދަ އާންމު ހޭދަކުރުން އޭގެ ތެރޭގައި ހިމެނެއެވެ. ތައުލީމާއި ސިއްހީ ހިދުމަތްފަދަ ބައެއް ޚިދުމަތްތަކަކީ ވިޔަފާރި އުސޫލުން މުޅި ރާއްޖޭގައި ފޯރުކޮށްދެވޭނެކަމަކަށް ނުވާތީ، އެފަދަ ޚިދުމަތްތަކަށްވެސް ދައުލަތުން ހޭދަކުރަން ޖެހެއެވެ.
މީގެ އިތުރުން އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ދުވަސްވީ މީހުންނަށާއި އެކަނިވެރިންނަށް ދެވޭ އިނާޔަތްތައް ދިނުން ފަދަ ކަންކަމަކީވެސް ހަމަ ހޭދައެވެ. އިގުތިޞާދީ ދުވެލި ހަލުއިކުރުމަށް މީހުން ބިނާކުރުމާއި ތަނާއި ވަސީލަތް ވަރުގަދަކުރުމަކީވެސް ނުހަނު ބޮޑު ހޭދައެއް ކުރަންޖެހޭ ކަމެކެވެ. އަދި ވަޒީފާގެ ފުރުޞަތުތައް އުފެއްދުމާއި އިގުތިޞާދު ނެގެހެއްޓުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެނައުމަކީވެސް ކުޑަ ހޭދައެއް ނޫނެވެ.
މި ހޭދަތައް ކުރުމަށްޓަކައި ދައުލަތުގެ އާމްދަނީ އިން ދައުލަތުގެ ޚަރަދުތައް ދެކޮޅު ނުޖެހޭވަރަށް އަހަރަކު ދެތިން ބިލިއަން ރުފިޔާ ބޮޑުކޮށް، މިރާއްޖޭގެ ބަޖެޓް ތައްޔާރުކޮށް ފައިސާތައް ހޭދަ ކުރީމާ، އެކަމުގެ ސަބަބުން ވެއްޓުނު ވަޅުގަނޑުން އަރައިގަތުމުގެ ވޭނާއި ކެކުޅުން މިއަދު މިވަނީ ބަރުދާސްތުކުރަން ޖެހިފައެވެ. އާންމުންގެ ބޭނުންތައް ފަރުޖައްސައިދިނުމަށްޓަކައި ފައިސާ ޗާޕްކުރުމަކީ ހައްލެއްނޫންކަން ޤަބޫލުކޮށް، އެ ނޫން މަގަކުން ހިނގަން ފެށުމަކީ، ދަތިކަމެކެވެ. އެހެނަސް، ފަހަތަށް އެނބުރިއްޖެނަމަ، އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ ދަރިންނަށް އަޅުގަނޑުމެން ފަރާތުން ދޫކުރެވޭ ހަމައެކަނި އެއްޗަކީ ދަރަނިވެރި އިގުތިޞާދެއްގެ ނުރައްކާތެރިކަމެވެ. އެހެންކަމަށް ވުމާއިއެކު، އަޅުގަނޑުމެން މިއަދު ކުރަންޖެހިފައިވާ ކަމަކީ، ލިބޭ އާމްދަނީން ދެކޮޅު ޖެއްސޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ. މި ގޮތުން ކުރެވިދާނެ އެއް ކަމަކީ ޓެކްސް ނެގުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމެވެ.
ޓެކްސް ނަގަންޖެހޭ އެތައް ސަބަބެއް އެބަވެއެވެ. މިރާއްޖޭގެ މުޅި އާމްދަނީގެ 90 އިންސައްތަ މިވަގުތު ވަންނަނީ މުޅި އާބާދީގެ 10 އިންސައްތަ (މުއްސަނދި) މީހުންގެ ޖީބަށެވެ. މާނައަކީ، އާބާދީގެ 90 އިންސައްތަ (ނިކަމެތި) މީހުންގެ މެދުގައި ބެހިގެން މިދަނީ ބާކީ ހުންނަ 10 އިންސައްތަ އާމްދަނީއެވެ. އޭގެން ދައްކައިދެނީ، މުއްސަދިންގެ މުއްސަދިކަމާއި ނިކަމެތިންގެ ނިކަމެތިކަމެވެ. އެހެންކަމުން، ޓެކްސް ނަގަންޖެހޭ އެންމެ މުހިންމު އެއް ސަބަބަކީ މުދަލާއި އާމްދަނީ ބެހުމުގައި އޮންނަ ތަފާތު ނައްތާލުމެވެ. އެކަން ކުރެވޭނީ، މުއްސަދިން އަތުން ޓެކްސް ނެގުމަށްފަހު ނިކަމެތިންނަށް އެ ފައިސާ ދީގެންނެވެ. މަހުޖަނުންގެ އާމްދަނީން މިންވަރެއް ނަގައި ދުވަސްވީ ނިކަމެތިމީހާގެ ޖީބަށް އެފައިސާ ވައްދައިދީގެންނެވެ. މިކަމަކީ، ވިޔަފާރިވެރިންނާއި އެނޫންވެސް މުއްސަނދިން ކަންބޮޑުވާންޖެހޭ ކަމެއް ނޫނެވެ. ސަބަބަކީ، އާންމުންގެ ޖީބުގެ ތިޔާގިކަމުގެ އަސަރު ފުރަތަމަ ފޯރާ ތަންތަނަކީ ވިޔަފާރިތައް ކަމުގައިވާތީއެވެ.
މުދަލާއި ޚިދުމަތުގެ އަގުބޮޑުވާ ވާހަކަ ދުނިޔެ އުމުރު އަޅުގަނޑުމެން ދައްކަމުއެވެ. އަޅުގަނޑުގެ ނަޒަރުގައި، ނިމިދިޔަ ހަތަރު ފަސް އަހަރު މިރާއްޖޭގައި މުދަލާއި ޚިދުމަތުގެ އަގު ބޮޑުވީ މައިގަނޑު ތިން ސަބަބަކާއިހުރެއެވެ. ފުރަތަމަ ކަމަކީ ދުނިޔޭގެ ބާޒާރަށް އައިބަދަލުތަކެވެ. އޭގެ ސަބަބުން މުދާ އަޅުގަނޑުމެންނަށްވެސް ލިބުނު އަގުބޮޑީއެވެ. ދެވަނަ ކަމަކީ، އަޅުގަނޑުމެންނަށް ފުޅާދާއިރާއެއްގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ލިބިގެން ދިއުމެވެ. މިކަމުގައި ކަންހިނގި ގޮތަކީ، އަޅުގަނޑުމެން ބޭނުންވާ ބޭނުންތަކުގެ ވާހަކަ ބުނަން ބިރުގެންފައިވަނިކޮށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެކުގައި އެ ބޭނުންތަކުގެ ވާހަކަ ބުނެ ހާމަކުރަން ފެށީމާ، އެކަންކަން ފަރުޖައްސައި ދިނުމަށް ދައުލަތުން ކުރަންޖެހުނު ޚަރަދު ވަރަށް އަވަސް ދުވެލީގައި މަތިވެގެން ގޮސް، މުދަލަށް ޖެހި، އަގުތައް މައްޗަށް ހިފާލީއެވެ. އަދި ތިންވަނަ ކަމަކީ، ޤައުމީ އުފެއްދުންތެރިކަން ކުރިއަރާދިޔަ މިންވަރަށް ބަލާލުމެއްނެތި، ބިލިއަން ބިލިއަނުން އިތުރު ފައިސާ ޗާޕްކުރުމެވެ. މިކަމުގެ ސަބަބުން، އިގުތިޞާދުގެ ތެރޭގައި އެނބުރެމުންދިޔަ މުދާކޮޅު ފަހައި، މާގިނަ ފައިސާތައް ދުވަން މެދުވެރި ވީމާ، އޭގެ ޒާތުން މުދަލާއި ޚިދުމަތުގެ އަގުބޮޑުވީއެވެ.
މި ބަޔާންކުރި މައްސަލަ ހައްލުކުރުމަށްޓަކައި، ޚިޔާލު ފާޅުކުރުން މަނައެއް ނުކުރެވޭނެއެވެ. ކުރިންޖެހި ފައިސާ އެއީ ނުޖަހާ އެއްޗަކަށްވެސް ނުހެދޭނެއެވެ. އޭގެ ބަދަލުގައި ކަންކުރަންޖެހޭ ގޮތަކީ، އިގުތިޞާދުގެ ތެރޭގައި ދައުރުވަމުންދާ ފައިސާ މިހާރަށްވުރެ ވަކިވަރަކަށް ދަށްކުރުމެވެ. ދައުރުވާ ފައިސާ ހިފަހައްޓަން މިހާރުވެސް މަސައްކަތްތަކެއް އެބަކުރެވެއެވެ. އިތުރަށް އެކަން ކުރެވޭނީ، ޓެކްސް ނަގައިގެންނެވެ. ދައުރުވާ ފައިސާ ވަކި މިނަކަށް މަދުވީމާ، މުދަލަށް ޖެހިފައިވާ މިންވަރު، ހަމަ މިނަށް ރުޖޫއަވެ، އަނެއްކާވެސް އެ މުދަލުގެ އަގު އޭގެ އަސްލަށް ވާސިލުވާނެއެވެ. މާނައަކީ، މިއަދު ޓެކްސް ނެގުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވިއްޖެ ނަމަ، މުދަލާއި އާމްދަނީ ބެހުމުގައި ހަމަހަމަކަން ޤާއިމުކުރުމަށް އެހީތެރިވުމުގެ އިތުރަށް މުދަލާއި ޚިދުމަތުގެ އަގުތައް އަތްފޯރާ ފަށުގައި ހިފެހެއްޓުމަށްވެސް އެހީތެރިވެދޭނެއެވެ. އަދި، ތިޔާގި މުޖުތަމައެއް އުފެއްދުމަށް އޭގެ ސަބަބުން މަގުފަހިވެގެން ދާނެއެވެ.
ހިތާމައަކީ، އިއްޔެ އެކަން ނޭނގުނު ބައެއްފަރާތްތަކުން، ޓެކްސްނެގުމަށް އިންކާރުކޮށް، ޓެކްސް ނުދައްކަން ރައްޔިތުންނަށް ގޮވާލުމަށްފަހު، މިއަދު އެއަށްވުރެ ރަނގަޅު އެހެންނިޒާމެއް ބުއްދިއަށް ނައުމުން، އިހުގައި ތަޢާރަފުކުރި ޓެކްސްތައް ބޮޑުކުރުމުގެ އިތުރަށް އުނިކުރި ޓެކްސްތައްވެސް އަލުން ރުޖޫޢަކުރާތީއެވެ. 'ޤައުމަށްޓަކައި' އަކީ އިއްޔެ ޤައުމު ފުނޑާލަން ނިކުތުމަށްފަހު، މިއަދު ޤައުމު ދަވާލަން ނުކުންނަ ނުކުތުމަށް ކިޔާ އެހެން ނަމެއް ހެއްޔެވެ؟

No comments:
Post a Comment