ދިވެހިންނަކީ ތާސްބައިގެ ކުޅިވަރުތަކަށް އާ ބައެއްނޫނެވެ. ބައެއްގައި ދެކުޅުންތެރިން ހިމެނޭގޮތަށް އެކުޖުމްލަ ހަތަރު ކުޅުންތެރިން ތިބެގެން، ބަޔަށް، ތާސްކުޅުމަކީ ދިވެހިން އާންމުކޮށް ކުރާކަމެކެވެ. ބަރަކާތްތެރި ރަމަޞާންމަހަށް މިކަން ބޮޑުވެއެވެ. އަޅުކަމުގެ މަސްވަރަކަށްވުރެ ބޮޑަށް ކުޅިވަރާއި މަޖަލުގެ މަސްވަރެއްގެ ގޮތުގައި އެ މަސް ފާހަގަވެގެން ދިޔައީ ނުވަދިހައިގެ އަހަރުތަކުގައި ދައުލަތުގެ ޓީވީން އެކަން އެމޭރުމުން ބައްޓަންކުރީތީ ކަމުގައިވެސް ވެދާނެއެވެ. މާލޭގައި ގުރޫޕްތަކަށް އައިޑެންޓިޓީ ދިނުމާއި ގުރޫޕްތަކާއި ގޭންގްތަކަށް ފަހިކޮށް އެދުވަސްވަރު ސަރުކާރުން އެތައްކަމެއް ރާވާ ހިންގިފަދައިންނެވެ.
ތާސްކުޅުމުގެ ވާހަކައަށް ރުޖޫޢަވަމާހިންގަވާށެވެ. ތާސްކުޅުމަކީ ދިވެހިންގެ ޘަޤާފަތުގައި ހިމެނޭކަމެކެވެ. މި ކުޅިވަރަކީ ދިވެހިންގެ ކުދިބޮޑު އެންމެން ކުޅޭ ކުޅިވަރެކެވެ. ދަންނަ ކުޅިވަރެކެވެ. ފަރިތަކުޅިވަރެކެވެ. ތާސްބައިގެ ރަނގަތައް ކަމުގައިވާ ކާލާ، ލާލު، ރުމާ އަދި ޗިޅިޔާ އަކީ ކުޑައިރުއްސުރެ ދަންނަ ނަންނަމެވެ. ކާލާގެ މަންނަ އެއީ ކިހާ ބުރަދަންބޮޑު އެއްޗެއްކަމާއި ހުކުމުގެ 2 (ދޭއް) ވެސް އެއީ ކިހާ ބާރުގަދަ އެއްޗެއްކަން އެއީ ދަންނަ ކަންކަމެވެ. ރަނގަ ހުސްވީމާ، ހުކުން އެޅޭކަމާއި ހުކުމް އެޅުމުގެ ދަނޑިވަޅުތަކަކީ ތަޖުރިބާކުރެވިފައިވާ ކަންކަމެވެ.
ހުކުން އެޅުން އެއީކީ ހަމައެއް ލަމައެއް ނެތި ކުރާ ކަމެއްނޫނެވެ. ހުކުން އެޅުމުގެ ޝަރުތުތަކެއް ވެއެވެ. އެންމެ ފުރަތަމަ ޝަރުތަކީ އެންމެ ފަހުން ޖެހީ ގަޑިކަށީގެ ކަނާތުން އިން އިދިކޮޅު ކުޅުންތެރިޔާ ކަމުގައިވުމާއި ދެން ކުޅެންޖެހެނީ އަޅުގަނޑު ކަމުގައި ވުމެވެ. އަޅުގަނޑު ކުޅެން ނުޖެހެނީހެއް އަޅުގަނޑަކަށް ހުކުމެއް ނޭޅޭނެއެވެ. ކިތެންމެ އަޅާހިތުން އިނަސްވެސް އަޅުގަނޑު މިޖެހެނީ ހިމޭނުން އިންނާށެވެ. ދެވަނަ ޝަރުތަކީ ތަޅުމުގައި ހިނގަމުންދާ ރަނގާއިގެ ގަނޑެއް އަޅުގަނޑުގެ އަތުގައި ނެތުމެވެ. މިހާލަތުގައި އޮތީ ހުކުން ބެލުމެވެ. އަދި އެއަށްފަހު ހުކުން އެޅުމެވެ. އިހުގައި ހުކުން ބަލާފައިވާނަމަ ހުކުން އެޅީމާ އެ ވީއެވެ.
ހުކުން އެޅުމުގެ ނަތީޖާ ދަންނައެވެ. ހުކުން އެޅުމުގެ ކުރީގައި ކޮންމެ ރަނގައަކުން ކުޅެފައި އޮތަސްވެސް، ނުވަތަ ކޮންމެފަދަ ބޮޑު ބުދެއް ޖަހާފައި އޮތަސްވެސް، ނުވަތަ ކޮންމެ މިސްރާބަކަށް އަތް އޮތަސްވެސް ހުކުން އެޅުމުން އަތް އެނބުރިގެން އަންނާނީ ހުކުން އެޅި މީހާއަށެވެ. އެހެންކަމުން ހުކުމަކީ އެންމެ ގަދަފަދަ ވަސީލަތެވެ. ކުޅޭ ރަނގައިގެ މަންނަ އަށްވުރެ ހުކުމުގެ 2 (ދޭއް) ވެސް ބާރުގަދަވާނެއެވެ. ކުރިން ކުޅުނު ހުރިހާ ކުޅިއެއް މުގުރާލެވޭނެއެވެ. އަތް ލިބޭނެއެވެ.
އަތް ހޯދުމުގެ އެދުމުގައި ބައެއް މީހުން ކޮށްފަނުކުރާނެކަމެއް ދެނެގަތުމަކީ އުނދަގޫކަމެކެވެ. ބައެއް މީހުން ކުޅިވަރުގެ ހުނަރުތައް ކުރިޔަށް ނެރޭއިރު އަނެއްބައިމީހުން މަކަރާއި ޔަހޫދީ ހެދުމަކީވެސް އާންމުކަމެކެވެ. އަދި، ރަނގައިން ގަނޑު ހުށްޓާ، ނޭނގިހުރެ ހުކުން އެޅުމަކީވެސް ބައެއްފަހަރު ކުރެވޭކަމެކެވެ. މޮޔައެއްކަމުގައި ހެދިގެން ހުރެ، ހުންނަ ނުލަފާކަމުގައި، ރަނގައިން ގަނޑު އެބަހުރިކަން އެނގިހުރެ ހުކުން އެޅުމަކީވެސް ކޮށްއުޅޭކަމެކެވެ. މަޤުޞަދަކީ އަތް ހޯދުމެވެ. ކޮންމެފަދަ ޖަރީމާއެއް ހިންގައިގެން ކަމުގައި ވިޔަސްވެސް، މޮޅުވީމާ ފެންނާނީ މޮޅުވެފަ އޮތްތަން ނޫންހެއްޔެވެ؟ ރަނގައިން ގަނޑު ހުއްޓާ، ހުކުން އަޅައިގެން އަތްލިބުމުން އެކަން ފަޅާއަރައިފިނަމަ، އެ ފަހަރަކު އެމީހަކަށް އެލިބެނީ ގުއިކޯޓަކަށް ވުމަކީ އަދި އެހެންކަމެއްނޫންހެއްޔެވެ؟
މިއީ، މިއަދު އަޅުގަނޑުމެން ވިސްނާލަން ޖެހިފައިވާ ކަމެކެވެ. ފެންނަން ހުންނަ ހަޤީޤަތްތަކަށް އިންކާރުކޮށް ހަދާ މީހުން އަޅުގަނޑުމެންގެ ތެރޭގައި ނުހަނު ގިނަވެއްޖެއެވެ. ޤާނޫނު އަސާސީގައި ވަކި ގޮތަކަށް ވަކިކަމެއް ކުރުމަށް ހުދާއި ކަޅުން ލިޔެފައިވަނިކޮށް ތިމާމެންގެ އަމިއްލަ އެދުމެއް ހާސިލުކުރުމުގެ ގޮތުން، އެ ޤާނޫނު އަސާސީ ބޮލާލާޖެހުމަށްފަހު ފެންނަ ގޮތަކަށް ކަންކުރުމަކީ އާންމުވެއްޖެ ކަމެކެވެ. ހުރިހާ ދިމާލެއް ފަސާދަވެ ދިއުމުގައި ދައުލަތުގެ އެއްވެސް ބާރެއް އެއިން ނަޖާވާތަނެއް ނުފެނެއެވެ.
އެންމެފަހުން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ މައްސަލައެވެ. މަޝްހޫރު ޤާނޫނީވަކީލު މުހައްމަދު ނަޝީދުވެސް ވިދާޅުވެފައިވާ ފަދައިން ހުޅުމާލެއަކީ މާލޭގެ އަވަށެއް ކަމާއި، މާލޭގައި ހުންނާނީ ކޮންބާވަތެއްގެ ކޯޓުތަކެއްކަމާއި، މެޖިސްޓްރޭޓް ކޯޓް ހުންނާނީ ކޮންތަންތަނެއްގައިކަމާއި، މިހެން މިހެން ހުރި އެންމެހާ ކަންކަން ޤާނޫނު އަސާސީގައި ސާފުކޮށް ބަޔާންކޮށްފައި ވަނިކޮށް، ސުޕްރީމް ކޯރޓުގެ އިސް ފަނޑިޔާރުގެ ރަޢުޔަކީ ޚިލާފު ރަޢުޔަކަށްވެ، އެތަނުގައި ތިއްބެވި ހަތް މެންބަރުންގެ ތެރެއިން ހަތަރު މެންބަރެއްގެ އަޣުލަބިއްޔަތުން ހުޅުމާލޭ ކޯޓަކީ ސައްޙަ ކޯޓެއްކަމަށް ކަނޑައެޅީމާ، ކަނޑައެޅި ފަރާތްތަކަށް އެލިބެނީ ގުއިކޯޓެއް ފިޔަވައި އެހެން ކޮން އެއްޗެއްހެއްޔެވެ؟
ސިޔާސީ ފިކުރުގައިޖެހި ސިކުނޑި ތަޣައްޔަރުވެފައިވާ ކޮންމެ ފަރާތަކުން ކަމުގައި ވިޔަސް ޤާނޫނު އަސާސީ ގައި އެކަމަކާއި މެދުގައި އަމަލުކުރަންވީގޮތް ސާފުކޮށް ބަޔާން ކޮށްފައި އޮންނަ ކަންކަން އެނޫން މޭރުމަކުން ގެންދިޔައީމާ، ރައީސް ނަޝީދު ވިދާޅުވާހެން، އެ މީހަކަށް ނުވަތަ އެބަޔަކަށް އެ ލިބެނީ ގުއި ކޯޓެކެވެ.
އެހެންކަމުން ބުއްދީގެ އަހުލުވެރިންނަށް އޮތް މަސައްކަތަކީ، މިފަދަ ކަންކަމާއިމެދުގައި ބުއްދިކޮށް، ފުނަށް ފީނާ ހެދުމަށްފަހު، މިޒާތުގެ ގުއި ކޯޓުތަކުން އެންމެހާ ދިވެހިން ނަޖާކުރުމަށް މަސައްކަތްކުރުމެވެ. ޖިހާދަކީ އެއީއެވެ. އިސްލާމުންގެ އާބާދީ އެންމެބޮޑު އަދި ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެސީ ކަމުގައިވާ އިންޑިއާއާއި ގުޅުން ކަނޑާފާ، ޗެޗްނިޔާއާއި އެނޫންވެސް އެފަދަ މުސްލިމް މުޖުތަމަޢުތަކަށް ކެނޑިނޭޅި ހަމަލާދީ އިސްލާމުން މަރަމުންދާ ކޮމިއުނިސްޓް ޗައިނާގެ ނިވަލަށްވަދެ، ވަކިބާވަތެއްގެ ކަލާންގެވަންތަވެރި ފާދިރީއަކަށް ބަންޑާރާ ބޮޑު ޖާފަތެއް ދިނުމީ، ކޮން ޤައުމަކަށްޓަކައި ނުވަތަ ކޮންދީނަކަށްޓަކައި ކުރާކަމެއްހެއްޔެވެ؟

No comments:
Post a Comment