ރާއްޖޭގެ މިނިވަން ނޫސްވެރިންނަކީ މުޅިއަކުން މިނިވަން ނޫސްވެރިންނެއް ނޭނެވެ. މައިގަނޑު އޮންލައިން ނޫސްތައް ކަމުގައިވާ ހަވީރު ނޫހާއި ސަން ނޫހަށް ބަލާލިޔަސް އެކަން އޮތީ އެހެންނެވެ. ފެންނަނީ ހަމަ ދިޓީވީންނާއި ވީޓީވީން އަދި ރާއްޖެ ޓީވީންވެސް ފެންނަމުންދާ މަންޒަރެވެ. ތަފާތަކީ އެކަން ޤަބޫލުކުރުމާއި ނުކުރުމުގައި އުޅޭ ތަފާތެކެވެ.
ރައްޔިތުންގެ މަޖިލީސް ހުޅުވުމުގެ ރަސްމިއްޔާތަށް ކުރިއެކޭވެސް އެއްފަދައިން ވަހީދު ވަޑައިގެންނެވީ ޤާނޫނީ ވާޖިބު އަދާކުރުމަށްކަމުގައި ޓްވީޓްކުރައްވަމުންނެވެ. އަދި، ފާއިތުވެ ދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް، މަލާމާތުގެ ހިނިތުންވުމަކާއިއެކު، ހަތަރު ފަސް ފަޅިއަކަށް ބަހައިގެން ކޮށިގޮތަކަށް ބަޔާން އިއްވަވާނިމުމުން، ސަން ނޫހުގެ ލިޔުންތެރިޔާ މަރިޔަމް ރާނިޔާ އަވަސްވެގަތީ "ޤާނޫނީ ވާޖިބު އަދާކުރުމުގައި ވަހީދު ތަންފުކެއްވެސް ދޫނުކުރެއްވި!" ކިޔާ އާރޓިކަލްއެއް ޖެހުމަށެވެ.
ނަމަވެސް، ވަހީދުގެ ޤާނޫނީ ވާޖިބުއަދާކުރެއްވުމުގެ މިންވަރަކީ މިއަދު އެއްވެސް ދިވެއްސަކަށް އޮޅިފައިވާ ކަމެއްނޫނެވެ. އެއިރުއޮތް ވެރިކަމަށް، 2012 ފެބުރުއަރީ 6 ވަނަ ދުވަހުގެ ރެއިން ފެށިގެން ޣައްދާރުވި ބައެއް ސިފައިންނާއި ފުލުހުން ޤާނޫނާއި ޚިލާފަށް ޖުމްހޫރީ މައިދާނަށް އެއްވެ އަޑުއުފުލި އިރު، ޤާނޫނަށް ބޯލެނބުމަކީ ބަހަނާއަކަށް ހަދާފައިވާތީ، ވަހީދުގެ ހުރިހާ ވާހަކައެއްގައިވެސް ޤާނޫނީ ވެރިކަން ނަގަހައްޓާ ވާހަކައާއި ޤާނޫނީ ވާޖިބު އަދާކުރާ ވާހަކަ ދެއްކެވުމަކީ އަދި ޓްވީޓްކުރެއްވުމަކީ ވަހީދުގެ މަތިން ތިއްބެވި ޤައުމުގެ ވެރިންނަށް ބިރުން ވަހީދު ދައްކަވާ ވާހަކަފުޅުތަކެކެވެ. ހަޤީޤަތަކީ، ޤާނޫނީ ވާޖިބުތައް އަދާކުރުމުގައި ވަހީދަށް މައިގަނޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.
ރައީސުލް ޖުމްހޫރިއްޔާގެ ޤާނޫނީ ބާރުތަކާއި ވާޖިބުތަކާއި މަސްޢޫލިއްޔަތުތައް އެންމެ ސާފުކޮށް ބަޔާންކޮށްދީފައިވަނީ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގައެވެ.
1. އެ މާއްދާގެ (ހ) ގައި ވަނީ "މި ޤާނޫނު އަސާސީއާއި ޤާނޫނުން ކަނޑައަޅާ ކަންތައްތައް އިޚުލާސްތެރިކަމާއިއެކު ތަންފީޛުކޮށް، ދައުލަތުގެ މުއައްސަސާތަކުންނާއި ރައްޔިތުން ޤާނޫނު އަސާސީއާއި އެއްގޮތަށް އަމަލުކުރުމަށް ބާރުއެޅުން" އެއީ ރައީސުލް ޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއް ކަމުގައެވެ. އެހެންނަމަވެސް، ފާއިތުވެދިޔަ އަހަރު އަޅުގަނޑުމެންނަށް ފެނުނީ އެ މަނިކުފާނުގެ ޅިޔަނުގެ ޘާމިލުވާ މައްސަލައެއްގައި އޭ.ސީ.ސީ ގެ ފަރާތުން އިމިގްރޭޝަނަށް ވަނުމުން އެތަނުގައި އޭ.ސީ.ސީ ގެ މުވައްޒަފުން ހައިޖެކްކުރީ 'ޤާނޫނީ ވާޖިބު އަދާކުރެއްވުމުގައި ވަހީދު ތަންފުކެއްވެސް ދޫނުކުރެއްވުމުން' ތޯއެވެ؟
2. 115 ވަނަ މާއްދާގެ (ނ) ބުނަނީ "ޤާނޫނުގެ ވެރިކަން (ނުވަތަ ރޫލް އޮފް ލޯ) ކުރިއަރުވައި، އެންމެންގެ ހައްޤުތަކާއި މިނިވަންކަން ރައްކާތެރިކުރުން" އެއީ ރައީސުލް ޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއް ކަމަށެވެ. ޤާނޫނު ތަންފީޒުކުރުމުގެ އެންމެ އިސް ދައުރެއް އޮންނަ ދިވެހި ފުލުހުންގެ އިދާރާއިން ޤާނޫނާ ޚިލާފުވިކަން ސިވިލް ކޯރޓުން ކަނޑައެޅީ 'ޤާނޫނީ ވާޖިބު އަދާކުރެއްވުމުގައި ވަހީދު ތަންފުކެއްވެސް ދޫނުކުރެއްވުމުން' ތޯއެވެ؟
3. 115 ވަނަ މާއްދާގެ (ރ) ބުނަނީ "ދިވެހި ރާއްޖޭގެ މިނިވަންކަމާއި ސަރަހައްދުގެ ރައްކާތެރިކަން ދެމެހެއްޓުމާއިއެކު ބައިނަލް އަޤުވާމީ މުޖުތަމައުގައި ދިވެހިރާއްޖޭގެ ސިޔާދަތަށް އިހުތިރާމްކުރުން އިތުރުކުރުން" އެއީ ކުރަންޖެހޭ ކަމެއްކަމަށެވެ. އެހެނަސް، ޗެޗްނިޔާގެ މުސްލިމުން އަޚުން މަރަމުންދާ ކޮމިއުނިސްޓް ޗައިނާ ފިޔަވާ ދުނިޔޭގައިވާ ހުރިހާ ޤައުމަކާ ގުޅުން ކަނޑުއްވަމުން ގެންދެވުމުގެ ނަތީޖާއެއްގެ ގޮތުން، މި ސަރަހައްދުގެ ރައްކާތެރިކަމަށް ދުވަހަކު ނުވާވަރަށް މިއަދު ނުރައްކާވެފައިވަނީ 'ޤާނޫނީ ވާޖިބު އަދާކުރެއްވުމުގައި ވަހީދު ތަންފުކެއްވެސް ދޫނުކުރެއްވުމުން' ތޯއެވެ؟
4. 115 ވަނަ މާއްދާގެ (ބ) ބުނަނީ "ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅައި އެ ސިޔާސަތުތައް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކަށާއި މުއައްސަސާތަކަށް އަންގައި، އެ ތަންތަނަށް ބޭނުންވާ އިރުޝާދުދިނުން" އެއީ ކޮންމެހެންވެސް ކުރަންޖެހޭ ކަންކަން ކަމަށެވެ. ނަމަވެސް، ޤާނޫނާ ޚިލާފު އަމުރެއް ނުކުރާނަމޭ ކިޔުއްވުން ފިޔަވާ އިތުރު ސިޔާސަތެއް ފާއިތުވެ ދިޔަ އަހަރުދުވަހުގެ ތެރޭގައި މިރާއްޖެއަކު ނެތެވެ. މަސްވެރިކަން، ދަނޑުވެރިކަން، ފަތުރުވެރިކަން، ސިއްހަތު، ތައުލީމާއި ޘަޤާފަތު، ހަކަތަ އާއި އާރާސްތުކުރުން، އިދާރީ ހިންގުން ހަރުދަނާކުރުން، ދަތުރުފަތުރު، ވިޔަފާރި، ވަޒީފާގެ ބާޒާރާއި އަގު އުފުލުން، ޒުވާނުންނާއި ކުޅިވަރު ފަދަ ހުރިހާ ކަމެއް މިވަނީ ބޮއްސުންލާފައެވެ. މިއަދު ދިވެހި ރާއްޖެއަކީ މާ ސިންގާ ކަނޑަށް އެއްލާލާފައިވާ ބޮނބި ދޯންޏެއް ދުވަމުންދާ އުސޫލުން ވަކި މަންޒިލެއްނެތި ލާހޫރެމުންދާ ތަނަކަށް ވެގެން ގޮސްފައިމިވަނީ 'ޤާނޫނީ ވާޖިބު އަދާކުރެއްވުމުގައި ވަހީދު ތަންފުކެއްވެސް ދޫނުކުރެއްވުމުން' ތޯއެވެ؟
ކަން މިހެން އޮތުމާއިއެކު، ދިވެހި ރާއްޖެ ދުވަހަކު ނުދެކޭފަދަ އިޖުތިމާއީ ބަލިތަކުގެ ހާއްޔަކަށް ވެގެން ގޮސްފައިވާއިރު، ދިވެހިންނާއި ފަތުރުވެރިން ގޮތްނޭނގޭ އެކިގޮތްގޮތަށް ފާއިތުވެދިޔަ އަހަރުދުވަހުގެ ތެރޭގައި ކެނޑިނޭޅި މަރުވަމުން ގޮސްފައިވާއިރު، ޒަމާނުއްސުރެ ދިވެހިންގެ އަޚުންކަމުގައި ތިބި ބޮޑެތި ޤައުމުތަކުން ދިވެހިންނަށް އިހުގައި އޮތް އެހީތެރިކަން ކެނޑި ނަފުރަތުގެ ހުޅުރޯވެފައިވާއިރު، އަރަބިއްޔާ ސުކޫލު ހުޅުވުމުގެ ބަދަލުގައި ލާދީނީ އެތައް ހަރަކާތްތަކަކާއިއެކު ނާޗަރަންގީއަށް އޮލިމްޕަސް ހުޅުވާފައިވާއިރު، ޤާނޫނާއި ޤާނޫނު ދެމެހެއްޓުމުގެ ބާރުތަކުގެ މައްޗަށް ދިވެހިން އިތުބާރުކުރާ މިންވަރު އިންތިހާއަށް ކުޑަވެފައިވާއިރު، ރައްޔިތުންގެ ތަރައްޤީއާއި ދުޅަހެޔޮކަމަށް ހިންގަންޖެހޭ ހަރަކާތްތައް ހުއްޓިފައިވާއިރު، މުޅިޤައުމު ބައިބައިވެ ހަމަނުޖެހުމަށް ހުށަހެޅިފައިވާއިރު، އެ ހުރިހާކަމެއް ދާނެގޮތަކަށް ދާން ދޫކޮށްލެއްވުމަށްފަހު، ޖަދަލުކުރުމުގެ ރޫހުގައި ނުކުންނަވާ ރައްޔިތުންގެ މަޖިލީހުގައި ބަޔާނެއް އިއްވެވުމަކީ އެއީ "ޤާނޫނީ ވާޖިބު އަދާކުރެއްވުމުގައި ވަހީދު ތަންފުކެއްވެސް ދޫނުކުރެއްވީ" ތޯއެވެ؟
ނޫނެކެވެ. ރައްޔިތުންގެ ހެވާއި ލާބަޔަށް ކުރަންޖެހޭ އެންމެހާކަންކަމުގައި ވަހީދުވަނީ ވަރަށްބޮޑަށް އިހުމާލުވެފައެވެ.

No comments:
Post a Comment