އުމަރު ނަސީރުގެ ކާރުން ބަނގުރާ ފެނުން: އެކަމަކު، ކީއްވެ؟

ދިވެހި ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެކެވެ. ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީނެވެ. ދިވެހި ރައްޔިތަކަށް ވެވެނީ ހަމައެކަނި އިސްލާމުންނަށެވެ. ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގެ އަސްލަކީ އިސްލާމީ ޝަރީޢާއެވެ. އިސްލާމްދީނާއި އިސްލާމީ ޝަރީޢާއާ ޚިލާފު އެއްވެސް ޤާނޫނެއް ނުވަތަ ޤަވައިދެއް ހަދާފިނަމަ އެ އެއްޗަކީ ފުރަތަމަ ވަގުތުން ފެށިގެންވެސް ބާތިލު އެއްޗެކެވެ. އަދި، ދިވެހި ރާއްޖޭގައި އިސްލާމް ދީނާއި އިސްލާމީ ޝަރީޢަތާ ޚިލާފު އެއްވެސް ކަމެއް ކުރުމަކީ ކުށެކެވެ. އެހެންނަމަވެސް، ރިޒޯރޓްތައް ހިންގުމަށްޓަކައިކަމަށްބުނެ ދިވެހި ރާއްޖެއަށް ބަނގުރަލާއި އެނޫންވެސް ބާވަތްތައް އެތެރެކޮށް ހަދައެވެ. އެތަކެތީގެ ވިޔަފާރިކޮށް ހަދައެވެ. ހަމަ ހާމަކޮށެވެ. އެހެންނަމަވެސް، ވިޔަފާރިވެރިން ކުރާ ކަމެއްވީމާ، އެއީ އިސްލާމްދީނާ ފުށޫއަރާ ކަމަކަށް ނުވެއެވެ. އިސްލާމްދީނަކީ ވިޔަފާރިވެރިންނާއި އަދާލަތު ޕާރޓީގެ މިލްކަކީ ތޯއްޗެކެވެ.


ރީކޯ މޫސަގެ ކާރުން ރާ ފެނުނުކަމަށް ބުނޭ
ރަލާބެހޭގޮތުން މިފަހަކަށްއައިސް ފާހަގަކުރެވޭ އެހެންކަމެއް އެބައޮތެވެ. އެއީ، ކިނބިގަސްދޮށުގޭ މީހުން ފިޔަވާ ދެންތިބި މީހުންނާއި ރަލާ ގުޅިފައިވާގޮތެވެ. ކެނޑިނޭޅި މައުމޫނުގެ ވާހަކަ އެންމެ ގަދައަށް ދައްކާ ފަރާތަކީ އަބަދުވެސް ރީކޯ މޫސާމަނިކެވެ. އޭނާގެ ކާރުގެ ތެރެއިން ވަނީ ބަނގުރާ ފެނިފައެވެ. ރައްޔިތުންގެ ވޯޓުން މައުމޫނުގެ ވެރިކަން ވައްޓާލުމަށް ފަހު ވެރިކަމަށް ވަޑައިގެންނެވި ކެނެރީގޭ ނަޝީދުގެ ވެރިކަން 7 ފެބުރުއަރީ 2012 ގައި ބަޣާވަތަކުން ވައްޓާލި ދުވަހު އެ މަނިކުފާނު ދިރިއުޅުއްވި މުލީއާގެއިން ވެސް ވަނީ ބަނގުރާ ފެނިފައެވެ.

މުލިއާގެއިން ރާ ފެނުނުކަމަށް ބުނޭ
އެއަށްފަހު، މިއަދު މިއިވެނީ ޕީ.ޕީ.އެމް ގެ ޕްރައިމަރީގައި ވާދަކުރައްވާ އެއް ކެނޑިޑޭޓްކަމުގައިވާ ދޮންޖޭމު އުމަރު ނަސީރުގެ ކާރުން ރާފުޅިއެއް ފެނުނުވާހަކައެވެ. އުމަރުގެ ކެމްޕެއިން މެނޭޖަރ މާޒު ސަލީމާ ހަވާލާދީ ދުވަހު ނޫސްތަކުން ބުނަނީ އެއީ އުމަރުގެ ވާދަވެރިންގެ ނުބައި ރޭވުމެއް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. މިވަގުތު އުމަރު ނަސީރުގެ ވާދަ ވެރިއަކީ މައުމޫނުގެ ކޮއްކޮ އަބުދު ޔާމީނެވެ.

އުމަރުގެ ކާރުން ރާފެނިގެން ޗެކުކުރަނީ
އެހެންކަމުން، ސާފު އެއްކަމެއް އެބައޮތެވެ. ރީކޯ މޫސައަކީވެސް، ރައީސް ނަޝީދަކީވެސް، އުމަރު ނަސީރަކީވެސް ކިނބިގަސްދޮށުގޭ މީހުނެއްނޫނެވެ. މި ހުރިހާ އެންމެންނަކީވެސް މި ވަގުތު ކިނބިގަސްދޮށުގޭ މައުމޫނުގެ ނުވަތަ ޔާމިނުގެ ވާދަވެރިންނެވެ. ރީކޯ މޫސަ ކާރުން އަދި ރައީސް ނަޝީދު އުޅުއްވި މުލީއާގެއިން ރާ ފެނުމުން އެމް.ޑީ.ޕީ ގެ ސަޕޯރޓަރުން ބުނަމުން ގެންދިޔައީ އެއީ ނުބައި ރޭވުމެއް ކަމަށެވެ. އެދުވަހު އުމަރުގެ ސަޕޯރޓަރުން ބުނަމުން ގެންދިޔައީ 'ގަންޖާބޯ' ސަރުކާރުގެ ހާލަތު ކަމަށެވެ. މިއަދު ބުނާނީ ކީކޭ ހެއްޔެވެ؟

No comments:

Post a Comment