އަދާވާތްތެރިކަމުގައި ހައްދުފަހަނަޅާދިއުމަކީ
ހަމަ އެއްވެސް ކަމަކަށް އޮތް ހައްލެއްނޫނެވެ. ރައީސް ނަޝީދުދެކެ ކިތެންމެ ނަފުރަތު
ކުރިޔަސް، އެ މަނިކުފާނު މި ރާއްޖޭގެ ޑިމޮކްރެސީއަށް ކުރައްވަމުން ގެންދަވާ
މަސައްކަތަކީ ސީނާ ޒާހިރަށްވެސް އަދި އެނޫން ރައްޔިތަކަށްވެސް ދެކޮޅު ހެދެންނެތް
ހަޤީޤަތެކެވެ. 13 މާރޗް 2013 ވީ ބުދަ ދުވަހު ސީނާ ޒާހިރު ދުވަހު ނޫސް ހަވީރަށް
ދިން އިންޓަވިއުއިންވެސް އެކަން ސާފުވެއެވެ.
މިރާއްޖެއަށް ޑިމޮކްރެސީ ގެނައުމުގައި، ރައީސް
ނަޝީދަށް ވެރިކަން ލިބިލެއްވި ފަހުން، އާ ޤާނޫނު އަސާސީގެ މޯހިރުގައި އެ މަނިކުފާނު
ކަންކަން ރަނގަޅަށް ގެންދަވާނެކަމުގައި ހީކުރެވުނަސް އެކަން ދިޔައީ
އެހެންނޫނަކަމަށް ސީނާ ޒާހިރު ބުނުއްވައެވެ. އެހެނަސް، އެކަން އެމޭރުމުން ދިޔައީ
ވަކި ކުރެވިފައިވާ ތިންބާރު އެއް ބާރު އަނެއްބާރުގެ މައްޗަށް ގަދަބަދެވިކަން
ދައްކަން އުޅުމުން ކަމުގައިވެސް ހަމަ އެ ނޭވާގައި ބުނުއްވައެވެ.
ތިމަންނާމެންގެ ބާރުނެތޭ ބުނުއްވާއިރު،
ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ ރައީސް ނަޝީދަށް ވެރިކަން ލިބިލެއްވުމުން،
ތިމަތިމާމެން މަސައްކަތް ކުރީ މިރާއްޖޭގައި ހުރިހާ ކަމެއް ބޮއްސުން ދުއްވާލަން
ކަމެވެ. ބާރުތަކުގެ ވާހަކަ ދައްކަވާއިރު، ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް އޮތީ
ނަޝީދާ އިދިކޮޅު ފަރާތްތަކުގެ އަތުގައެވެ. ނަތީޖާއަކީ، ލާމަރުކަޒީ ބިލާއި
މާލިއްޔަތު ޤާނޫނަށް ގެނައި އިސްލާހާ މިނޫންވެސް ކަންކަމުގެ ތެރެއިން ސަރުކާރަށް
ފިއްތުމެވެ. މީގެ އިތުރުން، ދިގު 30 އަހަރުގެ ތެރޭގައި އަދި ވެރިކަން ފުރޮޅެން
ބައި ގަޑި އިރަށް ވީފަހުންވެސް ސަރުކާރުގެ އިސް މަޤާމުތަކަށް ހަމަޖެއްސި ގިނަ
ވެރިން މެދުވެރިކޮށް ސަރުކަރު ހިންގުމަށް ނުހޮރައްޕާންކުރުމެވެ. އެކަންކަން އެ
މަގުން ހިންގީ ރައީސް ނަޝީދެއް ނޫނެވެ. ދެން ކޮން ބައެއް ތޯއެވެ؟
އަދުލު އިންސާފު ނެތްކަން ޤަބޫލު ނުކުރާ
ބޯކޮޅު މައްޗަށްޖެހި ހަމަ އެކަކުވެސް މި ރާއްޖެއަކު ނެތެވެ. ނަމަވެސް، ޤާނޫނުހަދާ
މަޖިލީހާއި ޖުޑިޝަރީ މެދުވެރިކޮށް އެކަންކަން ހައްލު ކުރުމަށް ރައީސް ނަޝީދު
މަސައްކަތް ފެއްޓެވުމުން ހުރިހާ އެންމެންވެސް ކުރީ ޖެއްސުމެވެ. ކޯރޓްތަކާއި
ޖުޑިޝަލް އެޑްމިނިސްޓްރޭޝަނާއި ޖުޑިޝަލް ސަރވިސް ކަމިޝަނުގެ ތެރެއަށްވެސް އަތްބޭނީ
ރައީސް ނަޝީދެއް ނޫނެވެ. ދެން ކޮން ބައެއް ތޯއެވެ؟
މިހުރިހާ ވާހަކައެއް އެންމެ ފަހުން އައިސް
މިޖެހެނީ އެއްތާކުއެވެ. އެއީ، ތިމާމެން އަތުން ވެރިކަން ބީވެ ރައީސް ނަޝީދަށް
ވެރިކަން ލިބިލެއްވުމުން ތިމާމެން ބޭނުންވީ ރައީސް ނަޝީދަށް ޖެއްސުން ކުރާށެވެ.
ނަމަވެސް، އެ ޖެއްސުން ކުރުންތަކުގެ ޝިކާރައަކަށް މިއަދު ވެފައި މިވަނީ މައުސޫމު
ދިވެހި ރައްޔިތުންނެވެ. ރައީސް ނަޝީދުގެ ވެރިކަމަށް ޖެއްސުންކުރަމުން ދިޔައީ
ކޮންބައެއްތޯއެވެ؟ އެއީ ދިވެހިންގެ ދުޝްމަނުންނެވެ. ސީނާ ޒާހިރުމެންގެ ތިޔަ
ވާހަކަތަކަކީ، މަކަރާއި ޔަހޫދީކަމުން ދައްކަމުންދާ ހޮޅި ވާހަކަތެކެވެ.

No comments:
Post a Comment