![]() |
| އިންސާނީ ބުއްދި މިދަނީ ތަރައްޤީވަމުން |
އިންސާނުން
މިދަނީ ތަރައްޤީ ވަމުންނެވެ. ތަހުޒީބު ވަމުންނެވެ. މިއީ، އޭގެ ޒާތުން ވަގުތާއި
އެކުގައި ހިނގަމުން އަންނަ ކަމެކެވެ. ރުހުނަސް އަދި ނުރުހުނަސް މި ބަދަލު
އެބައާދެއެވެ. ބޭނުން ވިޔަސްވެސް، އަދި ބޭނުން ނުވިޔަސްވެސް މި ބަދަލު އެބަ
އާދެއެވެ. ރަނގަޅަކަށް ކަމުގައި ވިޔަސް، ނުވަތަ ނުބަޔަކަށް ހުށަހެޅެމުން ނަމަވެސް
މި ބަދަލު އެބަ އާދެއެވެ. މުޖުތަމަޢުގެ ކޮންމެ ދިމާލަކަށް އަޅުގަނޑުމެން ނަޒަރު ހިންގާލިކަމުގައި
ވީނަމަވެސް، އެކަން ފެންނަން އޮތީ އެހެނެވެ.
މުޖުތަމަޢުއާއި
އެ މުޖުތަމަޢުގައިވާ މާއްދީ ސިފަތަކަށް ބަދަލު އެބައާދެއެވެ. އަޅުގަނޑުމެންގެ ރޫޙިއްޔަތަށް
ބަދަލު އެބައާދެއެވެ. އަޅުގަނޑުމެންގެ ބުއްދިއަށް ބަދަލު އެބައާދެއެވެ.
އަޅުގަނޑުމެންގެ ސިޔާދަތަށާއި ސިޔާސަތަށް ބަދަލު އެބައާދެއެވެ. އަޅުގަނޑުގެ ނަޒަރުގައި
އެންމެ އެދެވޭ ބަދަލެއް އަންނަމުންދަނީ އިންސާނީ ބުއްދިއަށެވެ. އެނޫންކަންކަމުގައި
މި ދެވެނީ ފަހަތަށްކަން ނުވަތަ ކުރިޔަށްކަން ކަނޑައަޅަން އަޅުގަނޑަށް އަދި
ދައްޗެވެ. ކޮންމެގޮތެއް ވިޔަސް، މިއަދަކީ އިއްޔެގެ ބަނޑުން ވިހޭ
ދުވަހެއްކަމުގައިވާތީ، މިއަދުގެ ހުރިހާ ހަރަކާތެއްގައިވެސް އިއްޔެގެ ރަހަގަނޑު
ނުހުރެ ނުދާނެއެވެ.
![]() |
| މިއީވެސް ތަހުޒީބު ހެއްޔެވެ؟ |
ހަމަ ކޮންމެ
މުޖުތަމަޢުއެއްވެސް ތަބީޢީ ހަމަތަކުގެ މަތިން ކުރިއަރާނެއެވެ. އެހެންކަމުން،
އިޖުތިމާއީ ތަރައްޤީއާއި އިޖުތިމާއީ ފޭރާމަކީ ގުޅިލާމެހިފައިވާ ދެ އަސާސެކެވެ. އޭގެތެރެއިން
އިޖުތިމާއީ ފޭރާމުގައި ދައްކައި މިދެނީ މިއަދު މުޖުތަމަޢުގައި ކަންކަން އޮތް
ހާލަތެވެ. އަނެއްކޮޅުން، އިޖުތިމާއީ ތަރައްޤީ ދައްކައިދެނީ މުޖުތަމަޢު ދެކެމުންދާ
ބަދަލުތަކެވެ. މި ބަދަލުތައް ފެންމަތިވަނީ މުޖުތަމަޢުގައިވާ މުއައްސަސާތަކުން އެ
ބައިމީހުންގެ ދައުރު އަދާކުރީމައެވެ. މިސާލެއްގެގޮތުން ބަލާއިރު، ދިވެހި އެތަކެއް
ރައްޔިތުންނަކަށް 2012 ވަނަ އަހަރުގެ ފެބުރުއަރީ 8 ވަނަ ދުވަހު ބައެއް ފުލުހުން
ޖަޒުބާތުގައި ޖެހިތިބެ ކުރި އަނިޔާއަކީ، ހިއުމަން ރައިޓްސް ކަމިޝަނާއި ޕޮލިސް
އިންޓެގްރިޓީ ކަމިޝަނާއި، ހިއުމަން ރައިޓްސް މިނިސްޓްރީން އެބައިމީހުންގެ ދައުރު
އަދާކުރިނަމަ، މިއަދު ތަކުރާރުވާނެކަމެއްނޫނެވެ. ނަމަވެސް، އެ މުއައްސަސާތަކުގެ
ދައުރު އަދާނުކުރުމުގެ ސަބަބުން، މިއަދުވެސް އަދި މާދަމާވެސް ޖަޒުބާތުގެ
ނިވަލުގައި ރައްޔިތުންގެ ގައިގަ ތަޅާ އަނިޔާކުރުމުގެ ވެށި އަދިވެސް އެގޮތުގައި
އެބައޮތެވެ.
![]() |
| ދެކޮޅުވެރިކަމާއި ނަފުރަތު އުފެއްދުމަކީ ތަހުޒީބުވުމެއްނޫން |
ތަރައްޤީއަކީ
މިއަދު އިރުއޮއްސުމަށްފަހު މާދަމާ އަރާ އިރާ އެކު ކުއްލިޔަކަށް މީހާއަށް އަންނަ
ބަދަލެއްނޫނެވެ. އެއީ، ބަޔާންވެފައިވާ ތަރުތީބަކުން، ކަނޑައެޅިފައިވާ
ހަރުފަތްތަކަކުން ބުއްދިއަށް އަންނަ ތަނަވަސްކަމުގެ އިންޤިލާބެކެވެ. މިމޭރުމުން،
އިންޤިލާބުވުމުގައި ދޭދޭ ހުރިހާ މީހުނާއި މުއައްސަސާތައް ހުންނާނީ
ގުޅިލާމެހިފައެވެ. ހަމަ އެކަކުވެސް ނުވަތަ އެންމެ މުއައްސަސާއެއްވެސް ނިދީގައި
އޮވެއްޖެނަމަ، މުޖުތަމައުގެ ހަމަޖެހުން ޤާއިމުކުރުންވާނީ ނާދިރުކަމަކަށެވެ. ދިވެހި
މުޖުތަމަޢުގައި މިއަދު މިފެންނަ ހަމަނުޖެހުމުގެ އަސާސަކީ ރައްޔިތުން
އެދޭމިންވަރަށާއި ރައްޔިތުންނަށް ބަދަލުއައި މިންވަރަށް މުއައްސަސާތައް
ހޭލާފައިނުވުމެވެ. ވަކިން ޚާއްސަގޮތެއްގައި، ވެރިކަން ހިންގުމުގެ ބާރާއި
ޤާނޫނުހެދުމުގެ ބާރުން ހޯދި ކުރިއެރުމާއި ގާތްކުރާ މިންވަރަކަށްވެސް ޝަރުޢީނިޒާމު
ކުރިނޭރުމެވެ. އަދުލުއިންސާފު ޤާއިމުކުރުމުގެ ދާއިރާއިން ތަރައްޤީގެ މަގުގައި
ފައިތިލަ ސާބިތުނުކުރެވުމެވެ.
ނަތީޖާއަކީ،
ވަކިވަކި ފަރުދުންގެ މެދުގައި ހަމަޖެހުން ޤާއިމުނުވުމެވެ. ވަކިވަކި ފަރުދުންނާއި
މުއައްސަސާތަކާއި ދެމެދު ހަމަޖެހުން ޤާއިމުނުވުމެވެ. އެއް މުއައްސަސާއާއި ދެން
ހުންނަ މުއައްސަސާތަކާއި ދެމެދު ހަމަޖެހުން ޤާއިމުނުވުމެވެ. އެހެންކަމުން،
މުޖުތަމަޢުގެ ހަމަ އެންމެ ދާއިރާއަކުންވެސް ދޯހަޅިވެއްޖެނަމަ މުޅި މުޖުތަމަޢު
އެކަމަށް ބަދަލުދޭންޖެހި، ރައްޔިތުންގެ ހިތުގައި މުޅި ނިޒާމަށް އޮންނަ އިތުބާރު
ގެއްލިގެންދެއެވެ. ދިވެހިން އަމިއްލައަށް ގެނައި ޑިމޮކްރެސީއާއިމެދު ސުވާލު
އުފެދިގެން ބައެއްފަހަރު ދިވެހިން އުޅެން މިޖެހެނީ އެހެންވީމައެވެ.
.jpg)


No comments:
Post a Comment