އިޖުތިމާއީ
ފޭރާމުގެ ބަދެހިކަން ހިފެހެއްޓުން ނުވަތަ އެ ފޭރާން ބާވެހަސްނެތުމާއި ވީދުން
ބިނާވެފައިވަނީ މައިގަނޑު ތިން ވާޞިތާއެއްގެ މައްޗަށެވެ. އެއީ، ވާހަކަދައްކާ ބަސް،
އަޅުކަންކުރާ ދީން އަދި މަސައްކަތު މާހައުލެވެ.
އެންމެ ފުރަތަމަ
ދިވެހިން ވާހަކަދައްކާ އުޅޭ ބަހަށް ބަލާލާއިރު، ބައެއް ހިސާބުތަކުގައި
ބަހުރުވައިގެ ތަފާތެއް ހުއްޓަސްވެސް، އުސޫލެއްގެ ގޮތުން ހުރިހާ ދިވެހިންވެސް
ވާހަކަ ދައްކަނީ އެއް ބަހަކުންނެވެ. މިއީ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ
އިތުރަށް އެއް ބައެއް ވަންތަކަން ދެމެހެއްޓުމަށް ދިވެހިންނަށް ލިބިފައިއޮތް
ނަސީބެކެވެ. މި ނަސީބުގެ ޒަރީޢާއިން އަޅުގަނޑުމެން ކުރާ އެންމެ މުހިންމު
މަސައްކަތަކީ މާޒީވި ކާބަފައިންގެ އަގުހުރި ތާރީޚާއި ސީރަތު މިއަދުގެ ޖީލަށް
ނަޤުލުކޮށްދިނުމެވެ. މުވާސަލާތުކުރާނެ ބަހެއް ނެތި އެއްވެސް ބަޔަކަށް
އަނެއްބަޔަކާއި އެއްގަލަކަށް ނޭރޭނެއެވެ. އެހެންކަމުން، ދިވެހި ބަސް ވެގެން
ގޮސްފައިވަނީ ދިވެހިން އެމުނިއެކުލެވިގެން އެކަތިގަނޑެއްގެ ގޮތުގައި އޮތުމަށް
މެދުވެރިވި ވާޞިތާއަކަށެވެ.
އެހެންނަމަވެސް،
ދިވެހި ބަސް ދިރުވާ އާލާކުރުމުގެ ބަދަލުގައި މާޒީގައި ދިވެހި ބަސް ހައްޔަރު
ކޮށްފައި ބޭއްވުމާއި، ދުނިޔެއަށް އަންނަމުންދާ ބަދަލަށް ދިވެހި ބަސް ފައްކާ
ކުރެވިފައި ނުވުމާއި، ދިވެހި ބަހުން ވާހަކަ ދެއްކުމުގެ ހަލުއިކަން މަޑުޖައްސާފައިވުމުގެ
ނަތީޖާއަކީ މުޖުތަމަޢުއަށް އައި ބަދަލާ ނުބައްދަލު މިންވަރަކަށް ފަހަތަށް ދިވެހި
ބަސް ދިއުމުގެ ސަބަބުން ދިވެހިންގެ މެދުގައި ބަހުގެ ގޮތުން ހުރަހުގެ ފާރެއް
ރޭނުމެވެ. ވަކިން ޚާއްސަ ގޮތެއްގައި އިނގިރޭސިބަސް ކިޔެވުމުގެ ފުރުޞަތު އޮތް
މީހުނާއި އެ ފުރުޞަތު ނެތް މީހުންގެ ތަރައްޤީގެ މަގުގައި ދުވެލި ތަފާތުވުމެވެ.
![]() |
| ރައީސް މައުމޫން: ދިވެހިބަސް ލަސްކޮށްލެއްވި |
މި މައްސަލަ
އިތުރަށް ބޮޑުވެގެން ދިޔައީ، ކޮންމެ ކަމެއްގައިވެސް ރައީސް މައުމޫނުގެ ކިބައިން ނަމޫނާ
ނަގަންޖެހޭ ގޮތަށް ދިވެހިން ތަރުތީބުކޮށްގެން އެ މަނިކުފާނު ވެރިކަން ހިންގެވުމުގެ
ސަބަބުންނެވެ. ރައީސް މައުމޫނަކީ ފިސާރި ލަސްލަހުން، ވަކި މަޚުރަޖަކަށް އަކުރު
ވިދާޅުވަމުން، ގަނޑުބަލައިގެން ވާހަކަދެއްކެވި ބޭފުޅެކެވެ. އެ ދުވަސްވަރު،
ދިވެހިރާއްޖޭގައި ބޭއްވި ވާހަކަދެއްކުމުގެ މުބާރާތްތަކުގައި ވަނަ ލިބުންވެސް
ބިނާވެފައި އޮތީ، އަޅުގަނޑުގެ ނަޒަރުގައި، އެ މަނިކުފާނުގެ ވައްޓަފާޅިއަށް
ބަސްމަގު ބެހެއްޓޭ މިންވަރެއްގެ މައްޗަށެވެ. ނޭނގިނަމަވެސް މިކަން ހިނގާފައިވަނީ
އެހެންނެވެ.
![]() |
| ރައީސް ނަޝީދު: ބަސްކޮށާރު މުއްސަނދިކަމާއިއެކު ބަސްމޮށުން ހަލުއި |
ރައީސް އަމީނުގެ ދައުރަށްފަހު، ދިވެހި ބަހުގެ
ތަރައްޤީގެ ދުވެލި މަޑުޖެހިފައިވަނިކޮށް، އެ ބަސް ދިރިގެން އައީ ރައީސް ނަޝީދުގެ
ވެރިކަމުގެ ދައުރުގައި އެ މަނިކުފާނު ގަނޑުބަލައިގެން ވާހަކަދެއްކެވުން
ދޫކޮށްލެއްވުމާއި، އެ މަނިކުފާނުގެ ދުލުގެ ހަލުއިކަމުގެ އިތުރަށް އެ މަނިކުފާނު
ދިވެހި ބަހުގެ ބަސްކޮށާރަށް އަމަލީގޮތުން އިތުރު ކުރެއްވި ގިނަގުނަ ބަސްތަކުގެ
ސަބަބުންނެވެ. ދިވެހިން ނެގިމަޑުވެފައިތިބި ތިބުމަށް ނިމުމެއް އައީ،
ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބުމުގެ ސަބަބުންނެވެ. ކަން މިހެން
ހިނގުމާއިއެކު، ދިވެހިން އެއް ބަޔަކު އަނެއްބަޔަކަށް ބަސްމޮށޭ މިންވަރު
އިތުރުވެގެން ދިޔައެވެ. އަދި އެބަޔަކު ބޭނުންވާ ގޮތް ދުލުން ހާމަކުރާ މިންވަރު
އިތުރުވެގެން ދިޔައެވެ. އަދި، ދިވެހިން އެއް ބަޔަކު އަނެއްބަޔަކާއި ދެމެދު ކުރާ
މުއާސަލާތުގެ މިންވަރު އެތައްތަނަކުން މައްޗަށް ދިޔައެވެ.
![]() |
| ރައީސް ވަހީދު: ބަހަށް ވަރަށް ކޮށި |
އެހެންނަމަވެސް،
ފާއިތުވެ ދިޔަ 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހު ސިޔާސީ ބައެއް
ފަރާތްތަކާއި މަދު ފުލުހުންކޮޅަކާއި ސިފައިންގެ ބައެއް މީހުންގެ އެހީއާއިއެކު، ރައީސް
ނަޝީދުގެ ނައިބުރައީސް ޑރ. ވަހީދު ވެރިކަމަށް ވަޑައިގަތުމުން އަނެއްކާވެސް ދިވެހި
ބަސް އިހު އޮތް ހިސާބަށް ފަހަތަށް ޖެހުނެވެ. އެމަނިކުފާނު ދިވެހި ބަހަށް
ކޮށިކަމުގެ ސަބަބުން، ދިވެހި ބަހުގެ ޗާލުކަން ގެއްލިއްޖެއެވެ. އަދި ކިއެއްތަ،
ދިވެހިން އެއްބަޔަކު އަނެއްބަޔަކަށް މުއާސަލަތުކުރެވޭ މިންވަރު ދަށްވެގެން
ހިނގައްޖެއެވެ. ނަތީޖާއަކީ، އެއް ގަލަށް އެރޭ މިންވަރު ދަށްވުމެވެ. ނަތީޖާއަކީ ކަންކަމާ
ޚިޔާލު ބަދަލުކުރެވޭ މިންވަރު ދަށްވުމެވެ. ނަތީޖާއަކީ އިޖުތިމާއީ ގުޅުން
ހީނަރުވެގެން ދިއުމާއި އިޖުތިމާއީ އަދާލަތު ގެއްލި، އެއްބަޔަކު އަނެއް ބަޔަކަށް
އިތުބާރުނުކުރުމުގެ ސަޤާފަތެއް ރުޖޫޢަވުމެވެ. އެހެންކަމުން، ބަސްމޮށުންތެރިކަމަކީ
އެކަން ކުރިނާރުވައިފިނަމަ، މުޅި މުޖުތަމަޢު ފަނާވުމުގެ ވާޞިތާއެކެވެ.
ކުރިއަރުވައިފިނަމަ، އިންސާނީ ތަރައްޤީގެ ބައިވެރިއެކެވެ.

.jpg)


No comments:
Post a Comment