ތަޖުރިބާ ކުޅައުމުގެ ފަރާތުން ފެންނަން އޮތްގޮތުގައި
"ހަޤީޤަތް" އެއީ އަޅުގަނޑުމެންނަށް ހިތި އެއްޗެކެވެ. އެހެންކަމުން،
ހަޤީޤަތުގެ މައްޗަށް ބުރަވެ، އަޅުގަނޑުމެންގެ ލާބަޔާއި މަންފާއަށްޓަކައި ދިވެހި
ދައުލަތުގެ ވެރިކަން ހިންގެވުމަކީ އެއްވެސް އިރެއްގައި އަޅުގަނޑުމެން
ބަލައިގެންފައިވާކަމެއްނޫނެވެ. ތާރީޚުގައި މިނޫން ގޮތަކަށް އެއްވެސް ވާހަކައެއް
އޮތްނަމަ އެއީ ތާރީޚު އޮޅުވާލާފައިއޮތް އޮތުމެކެވެ.
ދެކެވޭ ވާހަކާގައި ކިތެންމެ އޮމާންކޮށް ބަސްމަގު
ހުއްޓަސްވެސް، އަޅުގަނޑުމެންގެ އަމަލުތައް ފެންނަންހުރީ އެހެނެއްނޫނެވެ. އިސްލާމީ
ވަޙުދަތުގެ ވާހަކައިން އަޅުގަނޑުމެންގެ ލޭ ކެކިގެން ދިޔަޔަސްވެސް،
އަޅުގަނޑުމެންނަކީ ދީންވެރިބައެއްވެސް ނޫނެވެ. ޤައުމިއްޔަތުގެ ވާހަކައިން އަޅުގަނޑުމެންގެ
ޖަޒުބާތު ކެކި އެރިޔަސްވެސް އަޅުގަނޑުމެންނަކީ ޤައުމީވަންތަ ބައެއްވެސް ނޫނެވެ. ރޫޙާނިއްޔަތުގެ
ވާހަކައިން އަޅުގަނޑުމެން މަޑުމައިތިރިކަން ހޯދިޔަސްވެސް އަޅުގަނޑުމެންނަކީ
ރޫޙީގޮތުން ބަލާއިރު ހަމައެއް ލަމައެއް އޮތްބައެއްވެސް ނޫނެވެ. އަޅުގަނޑުމެންނަކީ
މަކަރުވެރިކަމުގެ ޝިކާރައަކަށްވެފައިވާ ބަލިކަށި ބައެކެވެ. އަޅުގަނޑުމެންނަކީ
އަމިއްލަ އެދުމުން ފޯވެފައިވާ ނާތަހުޒީބު ބައެކެވެ. އަޅުގަނޑުމެންނަކީ އިޚުލާސްތެރިކަމާއި
އިހުސާންތެރިކަން ގެއްލިފައިވާ ޖާހިލު ބައެކެވެ.
ކަން މިހެން އޮތުމާއިއެކު، އެމީހަކު އެދޭ ކޮޅަށް "އާޚިރު
ނަތީޖާ" ނެރުމަށްޓަކައި އަތްފައިން ކޮންމެ ފަދަ ޖަރީމާއެއް ހިންގުމަކީވެސް
އަޅުގަނޑުމެންގެ ނަޒަރުގައި އެކަން އޮންނަންޖެހޭގޮތް ކަމުގައި ވަނީ ވެފައެވެ. ހައްޤެއް
ބާތިލެއް ބެލުމެއްނެތިއެވެ. އެހެންކަމުން، އެމީހެއްގެ އަމިއްލަ އެދުން
ފުއްދުމަށްޓަކައި ކުރަންޖެހުނު ކޮންމެކަމެއްވެސް މިއަދު ދަނީ ކުރެވެމުންނެވެ. އާންމު
ރައްޔިތުމީހާ އިން ފެށިގެން ދައުލަތުގެ އެންމެ މަތީ ވެރިންނާއި ހަމަޔަށްވެސް
އެކަން އޮތީ އެހެނެވެ.
މި އަހަރަކީ އިންތިޙާބުގެ އަހަރެވެ. ދިވެހި ދައުލަތުގެ
އިސްވެރިޔާ ހޮވުމަށް އިންތިހާބު ބާއްވާ އަހަރެވެ. އެހެންކަމުން، މާޒީގެ ސަފުޙާތަކަށް
ބަލާ، ދިރާސާކުރުމާއިއެކު، އަދި މިއަދު އަޅުގަނޑުމެންގެ ބުއްދި ހުރިގޮތް ކިރާ
ވަޒަންކުރުމާއިއެކު، ކުރިމަގުގައި އަޅުގަނޑުމެން ބޭނުންވަނީ ކޮން ޒާތެއްގެ
ވެރިއެއްކަން މިވަނީ ކަނޑައަޅަން ޖެހިފައެވެ.
އަޅުގަނޑަށް ފެންނަ ފެނުމުގައި މިރާއްޖޭގައި ބޮޑަށް
ތަރުހީބު އޮތީ، ހެޔޮވަރުވަރަކަށް މަކަރުވެރިކަން ކުރިޔަށް ނެރޭ ފަރާތްތަކަށެވެ. ދީން
ހަތިޔާރަކަށް ހަދާ ފަރާތްތަކަށެވެ. ޤައުމިއްޔަތުގެ ވާހަކައިން އަނެކުން
ޖަޒުބާތުގައި ޖައްސާ ފަރާތްތަކަށެވެ. އެންމެ ގާތް އެކުވެރިންނަށާއި ގާތް
މީހުނަށްވެސް އިތުބާރު ނުކޮށް އެ މީހުނަށް ކެހިދޭން އެންމެ މޮޅު ފަރާތްތަކަށެވެ.
މުދަލާއި އަންހެނުންނަށް އެ ފަރާތަކުން ހިތް ނުކިޔާކަމަށް އާންމުންނަށް ދޭހަ
ކޮށްދޭ ފަރާތްތަކަށެވެ. މީހުންގެ ލޯބި ހޯދުމަށްވުރެ މީހުން ބިރުގަންނުވައިގެން އަދަބު
އިހުތިރާމް ކުރުވައިގެން ގަދަބާރުން ވެރިކަން ކުރާ ފަރާތްތަކަށެވެ. އެއްވެސް
އިޚުލާސްތެރިކަމެއް ނެތް ފަރާތްތަކަށެވެ.
ޤަބޫލުކުރަން އުނދަގޫކަމުގައި ވިޔަސްވެސް، އަޅުގަނޑުމެންގެ
އަތްފައިން ކަން ހިންގާފައިވާކަމަށް ތާރީޚު ހެކިދެނީ އެގޮތަށެވެ. 7 ފެބުރުއަރީ
2012 ވީ ކަޅު ބުރާސްފަތި ދުވަހު، ސިޔާސީ ބައެއް ފަރާތްތަކާއި އާންމުންގެ ބައެއްމީހުނާއި
ގުޅިގެން ފުލުހުންނާއި ސިފައިންގެ އެހީތެރިކަމާއިއެކު އެއިރު މިރާއްޖޭގައި އޮތް
ފުރަތަމަ ޑިމޮކްރެޓިކް ވެރިކަން ގަދަބާރުން ފުރޮޅާލުމުން، ދިވެހިން ބޭނުންވަނީ
އިސްވެ ބަޔާންކުރެވުނު ސިފަތައް ހުރި ރައީސެއްކަން ވަނީ ކަށަވަރުވެފައެވެ.

No comments:
Post a Comment