![]() |
| ރައްޔިތުންގެ މަޖިލީހުގެ 2009 ވަނަ އަހަރުގެ އިންތިހާބުގައި ޕާރޓީތަކުގެ މެދުގައި ގޮނޑިތައް ބެހިގެން ދިޔަގޮތް |
ތަޣައްޔަރުނުވާ އަޣުލަބިއްޔަތަކުން ހިންގާ ޠާހިރުވެރިކަމަށް ކިޔަނީ ޕޮލިޓީ އެވެ. ޑިމޮކްރެސީއަކީ ތަޣައްޔަރުވެފައިވާ އަޣުލަބިއްޔަތަކުން މުޅި އާބާދީގެ މައްޗަށް ވެރިކަން ހިންގާ ނިޒާމަކަށް ކިޔާނަމެކެވެ. އެއީ މުޅިއަކުން ޠާހިރުވެރިކަމެއް ނޫނެވެ. އެހެނަސް، ނިސްބަތުން ނުޠާހިރުމީހުން ގިނަ މިއަދުގެ މާހައުލަށް މި ނިޒާމަކީ ހެޔޮވަރުވަރަކަށް ކަމުދާ ނިޒާމެކެވެ.
![]() |
| ރީކޯ މޫސަ: ޕްރައިމަރީއާނުލާ ޖާގަ ކަށަވަރުކުރައްވާނެކަމަށް ވިދާޅުވި |
އިންސާނުންނަކީ
އޭގެ ޒާތުން އަމިއްލަ އެދުންބޮޑު ބައެއް ކަމުން، ޑިމޮކްރެސީގެ ނަމުގައި
މަސައްކަތްކުރާ ބައެއް ފަރާތްތަކުގެ ބާރާއި ނުފޫޒުން ހޯދާ އަޣުލަބިއްޔަތެއްގެ
ތެރެއިން މުޅި އާބާދީގެ މައްޗަށް އަމިއްލަ އެދުމުގެ ސިޔާސީ ހުނަރުތައް
ތަންފީޒުކުރުމަކީ މަދެއްކޮށް ފެންނަ މަންޒަރެއްނޫނެވެ. މިޒާތުގެ ކަމަކަށް
އެންމެފަހުން ފެނިގެން ދިޔައީ މިހާރު ރައްޔިތުންގެ މަޖުލީހުގައި އެމް.ޑީ.ޕީ
ތަމްސީލުކުރެއްވުމަށް ތިއްބެވި މެންބަރުންނަށް، އެ މެންބަރުން ކޮށްދެއްވި
މަސައްކަތްތަކުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން، ކުރިޔަށް އޮތް މަޖުލިސް
އިންތިހާބުގައި ޕްރައިމަރީއެއްނެތި އޮޓަމެޓިކުން ޖާގަ ކަށަވަރުކުރެއްވުމަށް
މަސައްކަތްކުރައްވާނެކަމަށް އެމް.ޑީ.ޕީ ގެ ޗެއާރޕާރސަން ރީކޯ މޫސާ މަނިކު އިއުލާނުކުރެއްވި
މަންޒަރެވެ.
ތެދެކެވެ.
މިރާއްޖެއަށް ޑިމޮކްރެސީ ގެނައުމުގައި އެންމެ ބޮޑު ޤުރުބާނީއެއްވީ ކުރިން އޮތް
މައުމޫނު އަބުދުލްޤައްޔޫމުގެ ދިގު 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނެސް
ރައްޔިތުންނަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހޯއްދަވައިދެއްވުމަށް ގިނަގުނަ
ވަގުތާއި ހަކަތަ ހުސްކޮށްދެއްވައި މި ރާއްޖޭގައި ސިޔާސީ ޕާރޓީތައް އުފެއްދުމުގެ
ފުރުޞަތު ހޯއްދަވައިދެއްވި ގ. ކެނެރީގޭ މުހައްމަދު ނަޝީދާއި އޭނާގެ
ބައިވެރިންނެވެ. އޭގެ ތެރޭގައި، ޤާސިމް އިބުރާހީމާއި، އިބުރާހިމް އިސްމާއީލާއި،
ޑރ. މުހައްމަދު ވަޙީދު ހަސަންމަނިކާއި ރީކޯ މޫސާ މަނިކުވެސް އެކިއެކި
މަރުހަލާތަކުގައި އެކިއެކި މިންވަރަށް ބައިވެރިވެލެއްވިއެވެ. ހަމަ އެހެންމެ، މި
ވަގުތު އެމް.ޑީ.ޕީ ގެ ޕާރލަމެންޓަރީ ގުރޫޕްގައި ތިއްބެވި ބޭފުޅުންނަކީ ދިވެހިން
ނިދާފައި ތިބި ދުވަސްވަރު ހޭލައިގެން ބިރުފަހަނަޅައި ގޮސް އަނިޔާވެރިކަމާއި
ދެކޮޅަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެވި ފަރާތްތަކެކެވެ. ހަމަ އެފަދައިން،
ޖުމްހޫރީ ޕާރޓީއާއި ޕީ.ޕީ.އެމް ގައިވެސް މަދުންނަމަވެސް އެފަދަ ބައެއް ފަރާތްތައް
އެބަތިއްބެވިއެވެ.
އެހެންކަމުން
އެފަރާތްތަކުގެ އަގުވަޒަންކުރުމަކީ ނެތްކަމެއް ނޫނެވެ. އެފަރާތްތަކަށް ދޭންޖެހޭ
ހައްޤު ޤަދަރާއި އިއްޒަތް ދިނުމަކީ ނެތްކަމެއްނޫނެވެ. އެފަރާތްތަކަށް ހައްޤު އުޖޫރަ
ދިނުމަކީ ނެތްކަމެއްނޫނެވެ. ކަން މިހެން އޮތުމާއިއެކު، އެ މަގުން ހިނގުމަށްޓަކައި
އަމަލުކުރަންވީގޮތް ވަރަށް ސާފުކޮށް ޤާނޫނު އަސާސީގެ ވަކި ބާބެއްގައި އެބައޮތެވެ. އެކަން
އެމަގުން ހިންގީމާ، މާޒީގައި ވަކި ފަރާތަކުން އަދާކުރި ޚިދުމަތަކަށް ހައްޤުވާ
އުޖޫރައެއް ނުދެވި ނޯންނާނެކަން ކަށަވަރެވެ. ފަހަރުގައި، މަޖިލިސް މެންބަރެއްގެ
ޒިންމާއާއި ވާޖިބުތައް އަދާކުރުމުގައި ނަމަކަށް ދެމިތިބެ، އަތުންފައިން އެއްވެސް
ކަމެއް ނުކުރާ ބައެއް ފަރާތްތަކަށް ނުހައްޤު ތަޢުރީފާއި، ނަމާއި، ލައްޒަތާއި،
އިއްޒަތާއި، ފައިސާއާއި، އިތުރު އިނާޔަތްތައް ލިބިދާނެ ތޯއްޗެކެވެ.
![]() |
| މުޅިމަޖިލީހުންވެސް އެންމެ ވަނދުކޮށްފެނުނު ލ. އަތޮޅުގެ 4 މެންބަރުން |
ޤަބޫލުކުރަންޖެހިފައިވާ
ހަޤީޤަތަކީ މިއީ ކަމުގައި ވުމާއިއެކު، ޤާނޫނު އަސާސީގައި ބުނާ މިންވަރަށްވުރެ
އިތުރު އިނާޔަތެއްގެ ގޮތުގައި ދެވަނަ ދައުރެއްގެ ޓިކެޓް ކަށަވަރުކޮށްދިނުމަކީ
ބުއްދީގެ އެއްވެސް ހަމަޔަކުން ބަލާއިރު ދެކޮޅުޖެހޭ ކަމެއްކަމުގައި ނުފެނެއެވެ.
އޭގެ ބަދަލުގައި އެއީ، މިވަގުތު ތިބި ބައެއްގެ އަމިއްލަ މަސްލަޙަތުދިރުވުމަށް
ހިންގާ ޖަރީމާއެއްކަމުގައި ފެނެއެވެ. އެހެން މިނަންގަތީ، އެ މެންބަރެއްގެ
ޒިންމާއާއި ވާޖިބު އަދާކުރި މިންވަރަށް ބަލާ ޤާނޫނީގޮތުން އެ މެންބަރަކަށް އަރުވާ
އިނާޔަތެއްގެ ބޭރުން ގަދަބާރުން އިނާޔަތެއް ހޯދުމަކީ ޚުދުމުހުތާރުކަމުގެ
ތެރެއިންވާ ސިފައަކަށްވާތީއެވެ. އަޣުލަބިއްޔަތަށް ތަބާވުންކަމުގައި ނުވާތީއެވެ.
އެހެނެއް
ނޫނެވެ. މިހާރުގެ މެންބަރުންވެސް އަދި އަލަށް ކުރިމަތިލައްވަން ޤަސްތުކުރައްވާ
ފަރާތްތަކުންވެސް، އެ ދާއިރާއެއްގައި ބާއްވާ އެ ޕާރޓީއެއްގެ ޕްރައިމަރީގައި
ވާދަކުރައްވާ، މަޤުބޫލުކަން ވަކަރަށް ޖައްސަވަންވީއެވެ. ރައްޔިތުން ބަލައިގަންނަ
މިންވަރު ވޯޓުފޮށި މެދުވެރިކޮށް ސާބިތުކޮށްދެއްވަންވީއެވެ. އެ މެންބަރަކު މާޒީގައި
އެ ދާއިރާއަކަށް ޚިދުމަތްކޮށްދީފައިވާކަމަށް ރައްޔިތުން ޤަބޫލުކުރާނަމަ، އެ
މެންބަރަކަށް ރައްޔިތުން ފުރުޞަތު އަރުވާނެތެވެ. އިހުމާލުވެފައިވާނަމަ، ރައްޔިތުން
އެ މެންބަރަކަށް ދެވަނަ ފުރުޞަތެއް ދިނުމަށް ނޫނެކޭ ބުނެ، މުޅިން އާ ފަރާތަކަށް
އެފުރުޞަތު ހުޅުވާލާނެތެވެ.
އެހެންކަމުން،
މިހާރުގެ މެންބަރުންގެ އުފެއްދުންތެރިކަމާއި، ޚިދުމަތްތެރިކަމާއި، ދާއިރާގެ
ރައްޔިތުންނާއިއެކު ބޭއްވެވި ދޭދޭ ގުޅުމުގެ ބަދެހިކަމާއި މިނޫންވެސް ކަންކަމުގެ
މައްޗަށް ބިނާކޮށް މެންބަރުންގެ އެކައުންޓެބިލިޓީ ކަށަވަރުކުރަން ރައްޔިތުންނަށް
ލިބޭ ފުރުޞަތުނަގާލުމަށް މަސައްކަތްކުރެއްވުމަކީ ބަލައިގަނެވޭނެކަމެއްނޫނެވެ.
ޕްރައިމަރީ ވާނީ ބާއްވާށެވެ. ޚިދުމަތްކުރެވުނު މިންވަރު ވަޒަންކުރަން ރައްޔިތުންގެ
އަތްމައްޗަށް ދޫކޮށްލައްވާށެވެ. ގަދަބާރާއި މަކަރުވެރިކަމުގެ ތެރެއިން ދެވަނަ
ދައުރެއްގެ ޓިކެޓް ކަށަވަރުކުރެއްވުމުގެ ބަދަލުގައި ދާއިރާގެ އަޣުލަބިއްޔަތަށް ތަބާވެލައްވާށެވެ.
ސިޔާސީ ވާދަވެރިކަމަށް ހުރަސްނާޅުއްވާށެވެ. ކަންބޮޑުވެ ނުލައްވާށެވެ. މާޒީގައި
ޚިދުމަތެއް ކޮށްދެއްވާފައިވާނަމަ ރައްޔިތުން ފުރުޞަތުދޭނެތެވެ. އެދެވޭ
މިންވަރަކަށް ޚިދުމަތްކުރެވިފައި ނުވާނަމަ ރައްޔިތުން ނޫނެކޭ ބުނާނެތެވެ. ކާމިޔާބުވެލައްވައިފިނަމަ
ހިތްތިރިކުރައްވާނީއެވެ. ނާކާމިޔާބުވެލައްވައިފިނަމަ ހިތްވަރުގަދަކުރައްވާނީއެވެ.



No comments:
Post a Comment