![]() |
| ހައްދުންމަތީގެ ދަތުރުފަތުރުގެ ނިޒާމު: ހަރުދަނާކުރަންޖެހޭ ކަންކަން އިންތިހާއަށް އެބަހުރި |
ތަރައްޤީއަކީ
ބުރައެއް އުފުލައިގެން ވާކަމެކެވެ. އަޅުގަނޑުމެން، އާންމު މާހައުލުތަކުގައި
ވާހަކަދައްކާއިރު، ދިވެހިރާއްޖެއާއި ސިންގަޕޫރު އެއް ދުވަސްވަރެއްގައި
މިނިވަންވިޔަސްވެސް ތަރައްޤީގެ ދުވެލީގައި ސިންގަޕޫރު އެތައްގުނައެއް
ކުރިޔަށްޖެހި، މުޅި ދުނިޔޭން ވިދާލި އިރު ދިވެހިރާއްޖެއަށް އެ ތަރައްޤީ ނައީ ކީއްވެގެންތޯ
ސުވާލު އުފައްދަމުއެވެ. އެކަމަކު، ސިންގަޕޫރުގެ ރައްޔިތުން ވީފަދަ ޤުރުބާނީއެއް
އަޅުގަނޑުމެންވެސް ޤައުމަށްޓަކައި ވީމުތޯ އެކަކުވެސް ސުވާލެއް ނުކުރަމުއެވެ.
![]() |
| ސިންގަޕޫރުގެ މަގެއްގައި ކާރެއް ދުއްވާލާފަދާއިރު، މަގުހަދާ މިހުން އެމީހުންގެ މަސައްކަތުގައި |
މަގުހެދުމުގެ
ވާހަކައެވެ. ސިންގަޕޫރުގައި އޮންނަނީ އެތެރޭގެ އާންމު ދަތުރުފަތުރުކުރުމުގެ
ނިޒާމެކެވެ. އޭ.ޓީ.އެމް ކަހަލަ މެޝިނަކަށް ފައިސާ ފޮއްޗެއް ވައްޓާލުމަށްފަހު އެ
ލިބޭ މެގްނެޓިކް ކާރޑެއް ހިފައިގެން ކަނޑައެޅޭ މަންޒިލަކަށް އަގުހެޔޮކަމާއިއެކު
ދަތުރުކުރެވެއެވެ. އެކަމަށްޓަކައި ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އުޅަނދުތައް
ތައްޔާރުކުރެވިފައިވެއެވެ. ހުރިހާ މަގުތައް ހެދިފައިވެއެވެ. ހުރިހާ ހިސާބަކަށް
ވާސިލުވެވޭނެކަން ކަށަވަރުކުރެވިފައިވެއެވެ. މުދަލާއި މީހުން އުފުލޭނެ
އިންތިޒާމުތައް ހަމަޖެހިފައިވެއެވެ. މިކަންކަން އޮންނަގޮތް އާންމު ރައްޔިތުންނަށް
އޮޅުންފިލުވައިދެވިފައިވެއެވެ.
އެހެންނަމަވެސް،
މި ޚިދުމަތް ރައްޔިތުންނަށް ފަސޭހަކަމާއިއެކު ލިބެމުންދަނީ ރައްޔިތުންވެސް ވީ
ޤުރުބާނީއެއްގެ ސަބަބުންނެވެ. ފުރަތަމަ ކަމަކީ، އަމިއްލަ ވެހިކަލްތަކުގެ
ބަދަލުގައި އާންމު ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ދަތުރުފަތުރުކުރުމެވެ.
ވަކިބައެއް ނޫނެވެ. ހުރިހާ އެންމެނެވެ. ވަކި ފަންތިއެއް ގިންތިއެއް ނެތިއެވެ.
މުއްސަންޖެއް ފަޤީރެއް ނެތިއެވެ. އެހެންކަމުން، އެ ޤައުމުގައި އަމިއްލަ އުޅަނދު
ގެންގުޅެނީ މަދު ފަރާތަކުންނެވެ. އެކަން އޮންނަނީ ވަރަށް ދަތި ގޮތަކަށެވެ. އެކު ޖުމްލަ
މުޅި ޤައުމުގައި ގެންގުޅެވޭނެ އުޅަނދުގެ ނިސްބަތް ކަނޑައެޅިފައިވެއެވެ. އަމިއްލަ އުޅަނދެއް
ގެންގުޅުމަކީ އާންމު ދަތުރުފަތުރުގެ ނިޒާމުން ދަތުރުކޮށް އުޅުމަށްވުރެ ހާސްގުނަ
ޚަރަދުބޮޑުކަމެއްކަމުގައި ހަމަޖެހިފައިވެއެވެ. މިހުރިހާ ކަމަކާއިހުރެ، ހުރިހާ
އެންމެންވެސް އުސޫލެއްގެ ގޮތުން ބޭނުންކުރަނީ އާންމު ދަތުރުފަތުރުކުރުމުގެ
ނިޒާމެވެ.
ދަތުރުފަތުރުކުރަން
ބަލާއިރު ސިންގަޕޫރުގައި އޮންނަނީ ގަންފޮނަދޫގައި މިހަރަކަހަލަ އޮށްވަޅުގޮނޑި
މަގުތަކެއް ނޫނެވެ. ހުރިހާ މަގެއްވެސް ވަނީ ނުހަނު ފެންވަރު ރަނގަޅުކޮށް
ހަދާފައެވެ. އަދި އެހާމެ ފުރިހަމަކޮށް މަގުތަކާއި އެމަގުތަކާގުޅިފައިވާ ބަގީޗާތައް
ބަލަހައްޓަމުން ގެންދެއެވެ. މުނިސިޕަލް ޚިދުމަތް ފޯރުކޮށްދޭ ފަރާތުން މިކަންކުރަނީ
ނުހަނު ފުރިހަމައަށެވެ. ނަމަވެސް، އެކަން ފަންޑު ކުރަނީ މައިގަނޑުގޮތެއްގައި ކިހިނެއްތޯއެވެ؟
ގޭބިސީގެ އާމްދަނީގެ ނިސްބަތަށް ބެލުމަށްފަހު ޓެކްސްކުރުމަށް ކަނޑައެޅިފައިވާ ގޭބިސީތަކުން
ނެގޭ 'މެއިންޓެނެންސް ޓެކްސް' އިންނެވެ.
އަޅުގަނޑުމެން މިފަދަ ޤުރުބާނީއެއް ވީމުތޯއެވެ؟ ނޫނެކެވެ.
![]() |
| ހައްދުންމަތީ ގަންފޮނަދޫގެ މަގުތަކުގެ ހާލަތު |
ސިންގަޕޫރުގެ
ފުރިހަމަ ދަތުރުފަތުރުގެ ނިޒާމުގެ ވާހަކަ ބޭއްވުމަށްފަހު އަޅުގަނޑުމެންގެ
އަޑިގުޑަން މަގުތައް ތަރައްޤީކުރުމުގެ ވާހަކައަށް ރުޖޫޢަވަމާތޯއެވެ. އެންމެ ފުރަތަމަ
ކަމަކީ، ދަތުރުފަތުރުކުރުން އެއީ ރައްޔިތުން ކުރަންޖެހޭ ކަމެއްތޯ އުފެދޭ ސުވާލަށް
ޖަވާބުދިނުމެވެ. ބައެއް މީހުންގެ ނަޒަރުގައި، ވެރިކަމުގައި ދެމިތިބުމަށް އޮތް
އެންމެ މޮޅުގޮތަކީ، ރައްޔިތުން ހައްޔަރުގައި ބޭތިއްބުމެވެ. އެމީހުންގެ ޚިޔާލާއި
ފިކުރު އެއްތަނުން އަނެއްތަނަށް ވާޞިލުވިޔަނުދިނުމެވެ. އޭގެ އިތުރަށް، އެދެވޭ
މިންވަރަކަށް މުދަލާއި ޚިދުމަތް އެއްވެސް ތަނަކުން ލިބެން ނުބެހެއްޓުމާއިއެކު، އެހުރިހާކަމެއް
ފަރުޖެއްސުމަށް ވެރިންގެ ކިބައިން ސަލާންޖަހަންޖެހޭގޮތަށް ކަންކަން ބޭއްވުމެވެ.
ނަމަވެސް، ދިވެހިރާއްޖޭގައި އެކަމަކީ މިހާރު މާޒީއެވެ. އެންމެންވެސް އެއަށްވުރެ
ބޮޑަށް ހޭލައިފިއެވެ.
ހަޤީޤަތުގައި
މުޖުތަމަޢުއެއް ތަރައްޤީއާއި ތަމައްދުންވަނީ އެބަޔަކު އެކަމަށްޓަކައި ވާ
ޤުރުބާނީގެ ކުޑަބޮޑުމިނާއި، އެއް ބަޔަކު އަނެއް ބައެއްގެ ފަރާތުން އެހީތެރިކަމާއި
މަދަދުވެރިކަން ހޯދާ މިންވަރުގެ މައްޗަށް ބިނާކޮށެވެ. ތިމާ ދިރިއުޅޭ ގޭގެ ނުވަތަ
ގޯތީގެ ހަތަރުފާރުން އެތެރޭގައި ހައްޔަރުވެފައިހުރެ އަނެކުންގެ އެހީތެރިކަމެއް ނުހޯދޭނެއެވެ.
ތިމާ ދިރިއުޅޭ ރަށުގެ ގޮނޑުދޮށުން ބޭރުނުވެހުރެ އަނެކާގެ ޚިޔާލެއް ނުހޯދޭނެއެވެ.
ތިމާ ދިރިއުޅޭ އަތޮޅުގެ އަތޮޅުދުނިން ބޭރުނުވެހުރެ، އަނެކުން އުފައްދާ މުދަލެއް
ނުލިބޭނެއެވެ. ތިމާ ދުނިޔެއުޅޭ ރާއްޖޭގެ އަސްދަނޑިން ބޭރުނުވެހުރެ، އަނެކުންގެ
ޓެކްނޮލޮޖީއާއި ހުނަރުވެރިކަމުގެ ފައިދާއެއް ނުހޯދޭނެއެވެ. އެހެންކަމުން، ތަރައްޤީއާއި
ތަމައްދުން އެދޭ ރައްޔިތަކުދިރިއުޅޭތަނެއްނަމަ އެ ތަނެއްގައި ދަތުރުފަތުރުކުރުމުގެ
ނިޒާމެއް ޤާއިމުކުރުމީ ކޮންމެހެން ލާޒިމުކަމެކެވެ.
އަޅުގަނޑަށް
ފެންނަ ފެނުމުގައި، މުޅި ހައްދުންމަތީގެ ރައްޔިތުންނަކީވެސް ތަރައްޤީއަށް ހިތްކިޔާ
ބައެކެވެ. އެކަން ހާމަކުރެވޭ މިންވަރު މަދެއްކަމަކު، އެކަމަށް ކުރެވޭ މަސައްކަތް
މަދެއްކަމަކު، ތަރައްޤީބޭނުންވެއެވެ. އެހެންކަމުން، ހައްދުންމަތީގައި
ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކޮށް ހިންގުމަކީ ކުރަންޖެހޭ ކަމެކެވެ. މިގޮތުން،
ހައްދުންމަތީގެ އުތުރުބިތުން ދެކުނު ބިތަށް އަދި ދެކުނު ބިތުން އުތުރުބިތަށް، ހުރަހެއްނެތި
ދުވާލަކު އެއްފަހަރު ދަތުރުކުރެވޭނެ ކަނޑުގެ ދަތުރުފަތުރުކުރުމުގެ ނިޒާމު، އާދެ
ފެރީ ނިޒާމު، އޮންނަން އެބަޖެހެއެވެ. މިކަން 2009 ވަނަ އަހަރު ފެށުނީތީ ލައްކަ
ފަސޭހަ ލިބިގެންދިޔަކަމީ ދެކޮޅުހެދެންނެތް ހަޤީޤަތެކެވެ.
އެހެންނަމަވެސް،
މި ނިޒާމުގައި ހަރުދަނާކުރަންޖެހޭ ނުހަނު ގިނަ ކަންކަން އެބަހުއްޓެވެ. ބޭނުންކުރާ އުޅަނދެވެ.
އެ އުޅަނދުގެ ދުވެއްޔެވެ. އެ އުޅަނދުން ލިބެންހުންނަ ޚިދުމަތްތަކެވެ. އެ އުޅަނދުގެ
މުވައްޒަފުންގެ މަސައްކަތުގެ އަޚުލާޤެވެ. އެ އުޅަނދުގެ ތަރުތީބުކަމާއި ގަޑިއަށް
ކަމޭހިތާމިންވަރެވެ. އެ އުޅަނދުން ނަގާ ފީ އެވެ. އެ އުޅަނދު ޖައްސާ ރަށްރަށުގެ
ބަނދަރެވެ. އެ ބަނދަރުތަކުގައި ހުންނަންޖެހޭ ފުރާގިމަތަ އާއި އެތަންތަނުގައި
ހުންނަންޖެހޭ ޚިދުމަތްތަކެވެ. މި ހުރިހާ ޚިދުމަތް ދިނުމުގައި ދައުލަތުގެ
އާމްދަނީއަށް ބަރޯސާނުވެ މިކަން ކުރެވޭނެގޮތެވެ.
މި ހުރިހާކަމަކާއިމެދު
ވިސްނުމަށްފަހު، އެ ރަށެއްގެ ރައްޔިތުންނަށް އުފާފާގަތިކަން ހޯދައިދިނުމަށް
ރަށުކައުންސިލްތަކުން އަޅާކަހާނުލަނީ ކީއްވެގެންކަން ހަމަ ނުވިސްނުވެ. މުޅި އަތޮޅުގެ
ކަނޑުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމުގެ މައްސަލާގައި، މާލޭގައި ހުންނަ
ކޮންމެވެސް އިދާރާއަކަށް ބަރޯސާވެގެން އަތޮޅުކައުންސިލް އޮންނަނީ
ކީއްވެގެންކަންވެސް ހަމަ ނުވިސްނުނެވެ. މިކަންކަން ހަރުދަނާކުރުމަށް
ޤައުމީފެންވަރުގައި ބަސްބުނަން ހޮވުމަށްފަހު ވެރިރަށަށް ފޮނުވާފައިތިބި
އަޅުގަނޑުމެންގެ މަންދޫބުން، އާދެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ބަހެއްވެސް
ނުބުނަނީ ކީއްވެގެންކަމެއް ހަމަ ނުވިސްނުނެވެ. ކައުންސިލްތަކާއި މަޖިލީހުގެ
މެންބަރުންނަކީ ތަރައްޤީގެ ދުސްމަނުންކަމުގައި ނުވާނަމަ، މިކަންކަމަކީ އެ ބައެއްގެ
ވެރިކަމުގެ ދަށުގައިވާ ރައްޔިތުންނަށް ފަހި ކޮށްދިނުމަށް އެ ބަޔަކު އިސްވެ ތިބެ
އިންތިހާއަށް މަސައްކަތްކުރަންޖެހޭ ކަންކަމަށް ނުވަނީ ހެއްޔެވެ؟ އެހެނެއްވެސް
ނޫނެވެ.



No comments:
Post a Comment