ދިވެހިންނަކީ އުފެދުމުގައި،
އޭގެ އަސްލުން، ބުދުދީނުގެ އަހުލުވެރި ބައެކެވެ. ބުދުދީނުގައި ޒަމާންތަކެއް
ވުމަށްފަހު، ދިރިއުޅުމުގެ ނިޒާމެއްގެ ގޮތުގައި ދިވެހިންނަށް ބުދުދީން
ގޯސްވެފައިވަނިކޮށް، ޒުވާން، ރީތި، ދިވެހި އަންހެންކުދިންގެ އިއްފަތްތެރިކަން
ފޭރިގަންނަމުންދިޔަ ރަސްގެފާނުގެ ނުހޮރޮށްޕާނުން ދިވެހިން ސަލާމަތްވީ
އަބުލްބަރަކާތު ކިޔާ މީހެއްގެ އަތްމައްޗަށް ދިވެހި ޤައުމު އިސްލާމް ވުމުން
ކަމުގައި ބުނެތެވެ. އެންމެ ފަހުން އިސްލާމްވީ ލ. ދަނބިދޫ މީހުންކަމަށް
ބުނެހަދަތެވެ. އެހެނަސް، މިހަރަ މިހަރަ ކަންކަމުގައި ތާރީޚު އިލްމުވެރިންގެ
މެދުގައި ޚިލާފުހުރިކަން ދަންނައެވެ.
ކޮންމެ ގޮތެއްވިޔަސް، ރާއްޖެ
އިސްލާމް ވުމަށްފަހު، މިރާއްޖޭގައި އިތުރު ދީނަކަށް ޖާގަލިބިފައެއް ނުވެއެވެ.
މަލާބާރީންނާއި ޕޯރޗުގީޒުންގެ ވެރިކަމުގައިވެސް ދިވެހިން އިސްލާމް ދީން މަތީގައި
ދެމިތިބެއްޖައޫއެވެ. ކަން މިހެން އޮއްވާ ދިވެހި ދައުލަތުގެ ވެރިކަން އެގޮތް
މިގޮތަށް ފުރޮޅެމުން އައިސް ދިގު ތިރީސް އަހަރުގެ ޖަންގައްޔަށް ވަދެވުނު ހިނދު،
ދިވެހިންގެ ތެރޭގައި އެކިއެކި ދީނަށް ލޯބިކުރާ ބަޔަކު އުފެދި، ވަކިން
ޚާއްސަގޮތެއްގައި ނަޞާރާދީން ފެތުރުމުގެ ހަރަކާތްތަކެއް ހިނގާދިޔަކަމަށް ތާރީޚު
ހެކިދެއެވެ.
އެހެންކަމުން،
ލަނޑާގިރާވަރުގައި ބުދުކޮއިލު ހެދުމުގެއިތުރަށް ކީރިތި ޤުރުއާނުގެ ތަރުޖަމާއަކީ
ހުއްޖަތެއް ނޫންކަމުގައި ބުނެވުނު ޒަމާނަށް ދިވެހިން ނޫނެކޭ ބުނީ 2008 ވަނަ އަހަރު
ދިވެހިރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިހާބުގައެވެ. އެ އިންތިހާބުގައި ގ.
ކެނެރީގޭ މުހައްމަދު ނަޝީދު ކުރިހޯއްދެވުމަށްފަހު ކާމިޔާބުގެ ވަގުތުގައި
ހިތްތިރިކުރައްވާ، ކުރީގެ ރައީސަށް އަދަބު އިޙުތިރާމްކުރެއްވިއެވެ. އަދި
ދިވެހިރާއްޖޭގެ ހަޔާތުން ފުރަތަމަ ފަހަރަށް އިސްލާމީ ކަންތައްތަކާއިބެހޭ
ވުޒާރާއެއް ޤާއިމުކުރައްވާ، އެ ވުޒާރާއަށް އިސްލާމުން ލެއްވިއެވެ. އެ ވުޒާރާ
ހިންގެވުމަށް ބުދުދީނުގެ އެއްވެސް ބޭފުޅަކާއި ހަވާލެއް ނުކުރައްވައެވެ.
އެހެންކަމުން، ފެލަށްޖެހުނު
ބަޔަކު ފެލަށް ޖެހި، ދީނީ އަސާސްތަކާއިމެދުގައި ތަފާތު ރައުޔުތައް ނެރެ،
'ދިވެހިންގެ ދީން' ދިވެހިންނަށް ގެއްލިއްޖެކަމުގެ ބިރު ހީވެގެން ތެޅިފޮޅިގަތެވެ.
ބައިނަލް އަޤުވާމީ މިންގަނޑުތަކާއި އެއްގޮތްވާގޮތުގެ މަތިން، ދިވެހި
ރާއްޖެއަކީވެސް ދައުލަތަކަށްވާތީ ދައުލަތެއްގެ ހައިސިއްޔަތުން ކުރި
ކޮންމެކަމަކީވެސް، އަދި ވެރިކަން ހިންގުމުގެގޮތުން ކުރި ކޮންމެކަމަކީވެސް 'ލާދީނީ'
ކަންކަން ކަމުގައި ސިފަކޮށް ވެރިކަން ބަދަލުކުރަން މަގުމައްޗަށް ނުކުމެ، ދިވެހި
އަސްކަރިއްޔާގެ އެހީގައި 7 ފެބުރުއަރީ 2012 ވީ އަންގާރަދުވަހު 'ލާދީނީ' ވެރިކަން
ބަދަލުކޮށްފޫއެވެ.
އެއަށްފަހު އިއްޔެއާއި
ހަމަޔަށް އޮތީ، ދިވެހިރާއްޖޭގެ ތަރައްޤީގެ ބައިވެރިޔާ ދިވެހިރާއްޖޭން ފަހާލުމެވެ.
އިއްޔެގެ ނިޔަލަށް އެކަން ނިމުމުން ދިވެހިންގެ އަސްލު ދީނަށް ދިވެހިންނަށް
ރުޖޫޢަވެވުނީބާވައެވެ. އެއީ ބުދުދީންބާވައެވެ. މިއަދު، ބަންޑާރަ ކެއުމަކުން ފާހަގަ
މިކުރެވުނީ، މިރާއްޖޭން އިސްލާމްދީނު ނަގާލާ، ބުދުދީނަށް ރުޖޫޢަވެވުނުކަމުގެ އުފާ
ބާވައެވެ.
ޤައުމަށްޓަކައި، ދީނަށްޓަކައި އެ ފިދާވި ބަޔަކު ފިދާވީ، ދިވެހިރާއްޖޭގައި އިހުގައި އޮތް، ދިވެހިންގެ ދީން (ބުދުދީން) ދިވެހިންނަށް ހޯދައިދޭންބާވައެވެ. ނުވަތަ ގ. ކެނެރީގޭ މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދީނީ ދަންނަބޭކަލުންގެ އެހީގައި، މިރާއްޖޭގައި އިސްލާމްދީން ކުރިއަރާ ދާން ފެށީމާ، އެކަން ހަޖަމުނުވެގެން ބާވައެވެ.

No comments:
Post a Comment