![]() |
| ވަސްވެރިންގެ މަހަށް ހަމަ އަގު ދޭން އެބަޖެހޭ |
މިފްކޯ އިން
ހިންގަމުން ދިޔައިރު އިންތިހާއަށް ގެއްލުންވާތީ މާންދޫ ޕްރައިވެޓައިޒްކުރުމަށްފަހު
ހޮރައިޒަން ފިޝަރީޒްގެ ފަރާތުން މާންދޫގެ އިންވެސްޓްމެންޓް ފުޅާކޮށް، އިތުރު
ޕްލާންޓްތައް ބަހައްޓާ، އުފައްދާ މުދަލުގެ ބާވަތްތައް ގިނަކުރުމުގެ ނަތީޖާއަކަށް
ވެގެންދިޔައީ، ކުންފުނީގެ ޕްރޮޑަކްޓް ޑައިވާރސިފިކޭޝަންގެ ސަބަބުން، އިގުތިޞާދަށް
އަންނަ ކުދިކުދި ލޮޅުންތަކުގައި ކުންފުންޏަށް ލިބޭ ގެންލުމުގެ މިންވަރު ކުޑަވެގެން
ދިއުމެވެ. އަނެއްކޮޅުންބަލާއިރު، މިކަން ވެގެންދިޔައީ ހައްދުންމަތީގައި ވަރަށްގިނަ
ވަޒީފާގެ ފުރުޞަތުތައް އުފެދިގެން ދިޔަ ކަމަކަށެވެ. ހަމައެއާއިއެކު، ތަނުގެ
މުވައްޒަފުންނަށް ލިބޭ މުސާރައަށްވެސް ހެޔޮބަދަލެއް އައިކަމަކަށެވެ. މިކަމުގައި އެންމެ
ބޮޑު ފައިދާއެއް ލިބުނީ މާންދޫގެ ދެ ފަރާތުން އޮތް ގަންފޮނަދޫއަށެވެ.
![]() |
| އިމާރާތްބޮޑު ކުރާއިރު، މުވައްޒަފުން ތަރައްޤީކުރަން އެބަޖެހޭ |
ކޮންމެވެސް
މިންވަރަކީ އެންމެ އެދެވޭ މިންވަރެއް ނޫނެވެ. އެކަމަކުން ނުކުންނަންޖެހޭ ފުރިހަމަ
ނަތީޖާ ނުނެރެވޭ ކަމަށް ވަންޏާ، އަދި މުޅިއަކުން އެކަމެއް އެދަނީކީ ރަނގަޅަކަށް
ނޫނެވެ. މިގޮތުން ބަލާއިރު، މާންދޫ ތަރައްޤީވެގެން އެދަނީކީ ހައްދުންމަތީގެ
ރައްޔިތުންނަށް އެންމެ އެދެވޭ ފައިދާއެއް ލިބޭ ގޮތަކަށް ނޫނެވެ. އެތަނުގެ ބިމު
ކުލި ވެސް އެދަނީ ދާންޖެހޭ މަގަކުންނޫނެވެ. އެތަނުގެ ބެލެހެއްޓުންތެރިކަމާއި
އުފެއްދުންތެރިކަންވެސް އެދަނީ އެތަނުގައި މަސައްކަތްކުރާ މި އަތޮޅުގެ
މުވައްޒަފުންނަށް ނުރައްކަލުގެ ސިގުނަލްތައް ދެމުންނެވެ. މިހަރަ ކަންކަން ރެއަކާލާނީ
އިގުތިޞާދީ ނަޒަރަކުން އެއްފަހަރުވެސް އެތަނާއި ދޭތެރޭގައި ވިސްނާލައިފިނަމައެވެ.
މާންދޫއަކީ
ޕްރައިވެޓް ސެކްޓަރ ވިޔަފާރިއަކަށް ވިޔަސްވެސް، އެތަނަށް ލިބޭ މޮޅާއި ދެރަވެސް
ހިއްސާކުރަން ޖެހޭ އެއްބަޔަކީ މި އަތޮޅުގެ ރައްޔިތުންގެ ތެރެއިންވާ މީހުނާއި
އެމީސްމީހުންގެ އާއިލާތައް ކަމުގައިވާތީ އެތަނުގެ ތަރައްޤީގެ މައްޗަށް
ވާހަކަދައްކަން އެބަޖެހެއެވެ.
1. ތަނުގެ
އިސް ބައެއް މަޤާމުތަކުގައި ދުވަސްވީ ބޯދާ މީހުންގެ ބޯ ފަށަލައެއް އޮތުމުގެ
ސަބަބުން ފަހުޒަމާނުގެ ހިންގުމުގެ ހުނަރުގެ ކުލަވަރުވެސް ނެތީތީ ހުނަރުވެރި
ޒުވާނުންގެ އެދެވޭ ބޭނުން ވަނީ ނުކުރެވިފައެވެ. މިކަން ހައްލުކޮށް، އެތަނުގައި
މިއަތޮޅުގެ ޒުވާނުން ހަރުލެއްވުމަކީ އަޅުގަނޑުމެންވެސް އަދި އެތަނުގެ
ވެރިފަރާތުންވެސް ވިސްނުމުގައި ބަހައްޓަންޖެހޭ ކަމެކެވެ.
![]() |
| ދިވެހިން ވަޒީފާއަށް ނަގާ މިންވަރު އިތުރުކުރަން އެބަޖެހޭ |
2. މަސް ގުދަންކުރުމާއި،
މަހުގެ އުފެއްދުންތައް އުފެއްދުމާއި އެތަކެތި ބަންދުކޮށް ލޭބަލްކުރުން ކަހަލަ
މަސައްކަތްތަކުގައި ބޭނުންކުރާ ގިނަ ދިވެހިންނަކީ އެކަމުގެ ހުނަރު މަދު ބައެކެވެ.
އެހެންކަމުން، ކުރާ ހޭދައާއި އަޅާބަލާއިރު މުވައްޒަފުންގެ އުފެއްދުންތެރިކަން އުޅެނީ
ވަރަށްވެސް ދަށުގައެވެ. އެހެންނަމަވެސް، އެ ފަރާތްތަކަށް ބޭނުންވާ އިންޑަކްޝަން،
އޮންދަޖޮބް ޓްރެއިނިންގ އަދި މަސައްކަތުގެ ފެންވަރު ވަޒަންކުރުން ފެންނަނީ ވަރަށް
ވަނދުކޮށް އޮތް މަންޒަރެވެ. އެހެންކަމުން، މިހާރުން މިހާރަށްވެސް އެކަންކަން
ހަރުދަނާކުރުމަށް އެތައް ފިޔަވަޅުތަކެއް އަޅަން އެބަޖެހެއެވެ. އެތަނުގެ މުވައްޒަފުން
ވަކި ޕާރޓީއަކަށް ފޯރމް ފުރާ މިންވަރަކީ އެ މުވައްޒަފުންގެ ހީވާގިކަމުގައި
ބަލާނަމަ ދުރުމުސްތަޤުބަލުގައި މި އަތޮޅަށާއި ތަނުގެ ވެރިޔާއަށްވެސް ލިބޭނީ
ފޫނުބެދޭވަރުގެ ގެއްލުމެވެ.
3. މާންދޫގެ
ޕްރޮޑަކްޓްމިކްސްއަކީ މިހާރުވެސް ދުނިޔޭގެ ބާޒާރުގައި ނަންހިނގާ ކާމިޔާބު ޕްރޮޑަކްޓްތައް
ހިމެނޭ ޕްރޮޑަކްޓްމިކްސް އެކެވެ. އެހެނަސް، ތާރޑް ޕާރޓީ ސަރޓިފިކޭޝަން
ހޯދައިފިނަމަ މިހާރަށްވުރެވެސް މާރކެޓްފުޅާވެ، އަލަށް ބިނާކުރެވުނު ޕްލާންޓްތަކުގެ
ބޭނުން އެދެވޭގޮތުގައި ހިފި، މި އަތޮޅުގެ ޒުވާނުންނަށް އިތުރު ވަޒީފާގެ ފުރުޞަތުތައް
ކަށަވަރުވެގެންދާނެކަން ޔަޤީނެވެ.
4. ދިވެހި
ރުކާ ބުނާހެން، ދިވެހި ކަނޑު މަހަކީވެސް އޭގެ ހުރިހާބައިތަކެއްވެސް ބޭނުންކުރެވޭ
ގުދުރަތީ ވަޞީލަތެކެވެ. އެހެންކަމުން، މައިގަނޑު ޕްރޮޑަކްޓްތަކުގެ އިތުރަށް ތަފާތު
އެކިއެކި ބައި-ޕްރޮޑަކްތައް އުފައްދާ މިންވަރު އިތުރުކުރަން އެބަޖެހެއެވެ. އަދި،
މިޒާތުގެ ވެލިއު އެޑެޑް ޕްރޮޑަކްޓްތަކަކީ ރާއްޖެއާއި ރާއްޖޭންބޭރަށްވެސް
މާރކެޓްކުރެވިދާނެ އެއްޗަކަށްވާތީ، ބޭކާރުވާ ވަޞީލަތް މަދުކުރުމުގެ މައްޗަށް
ހުރިހާ ފަރާތްތަކުންވެސް ވިސްނުން މުހިންމެވެ.
އަޅުގަނޑަށް
ފެންނަ ފެނުމުގައި، މި އަތޮޅުގެ ހުރިހާ ބިތެއްގެ މަސްވެރިންނަށާއި، އަތޮޅުތެރެއިން
އައިސް މާންދޫގައި ވަޒީފާއަދާކުރާ އެންމެހާ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލީ
މެންބަރުންގެ ދުޅަހެޔޮކަމަށްޓަކައި، މި އަތޮޅުގައި ހުރި މައިގަނޑު އިޤުތިޞާދީ ކާރުޚާނާ
ހަރުދަނާކުރުމަކީ، ރިޔާސީ އިންތިހާބަކަށް ކުރިމަތިނުލިޔަސްވެސް، އެތަނުގެ
ވެރިފަރާތުން އަބަދުވެސް ވިސްނުމުގައި ބަހައްޓަންޖެހޭ ކަމެކެވެ. ހަމަ އެންމެ
މީހެއްގެ އާމްދަނީ ލިބޭ ކޮޅު ބަންދުވިޔަސް އޭގެ ސަބަބުން މި އަތޮޅުގެ އާންމު
ދުޅަހެޔޮކަމަށް އަސަރުފޯރާނެތީ ކަމާބެހޭ ފަރާތްތަކުންވެސް މިކަމާއިމެދު މިއަދު
ވަނީ މިހާރަށްވުރެ ސީރިއަސްކޮށް ވިސްނަންޖެހިފައެވެ.
![]() |
| ކޯރޕަރޭޓް ސޯޝަލް ރެސްޕޮންޒިބިލިޓީނަގާމިންވަރު އިތުރުކުރަން އެބަޖެހޭ |
ހަމައެހެންމެ،
މިޒާތުގެ ބޮޑެތި އިންވެސްމެންޓްތަކުންވެސް ވިސްނަންޖެހޭ އެތައް ކަމެއް އެބަހުއްޓެވެ.
ވަޒީފާގެ ބާޒާރުގައި ކަން އޮތްގޮތް އެނގިތިބެ، މި އަތޮޅުގެ ޒުވާނުންނަށް ވަޒީފާގެ
ފުރުޞަތުތައް އިތުރުކުރުމާއި، މަސްވެރިންގެ އާމްދަނީ ކަށަވަރުކޮށްދިނުމާއި،
މަސްވެރިންގެ މަހަށް ހަމަ އަގު ދިނުމާއި، މިހާރަށްވުރެ އެތައް ގުނައެއް ބޮޑަށް ކޯރޕަރޭޓް
ސޯޝަލް ރެސްޕޮންޒިބިލިޓީ ނެގުމަކީ ކޮންމެހެން ކުރަންޖެހޭކަމެކެވެ. މާތްﷲ ދެއްވި
އެއްވެސް ނިއުމަތަކީ އަދި އެއްވެސް މުދަލަކީ ވަކިފަރާތަކަށް ދެއްވި އެއްޗެއް
ނޫންނެވެ. އެއީ އޭގެ ބަލަދުވެރިންނެވެ. އެހެންކަމުން، މާންދޫގެ ވެސް އެންމެ އެދެވޭ
ފައިދާ މި އަތޮޅުގެ އެންމެހާ ފަރާތްތަކަށް ފޯރުކޮށްދިނުމަކީ އެތަނުގެ ބަލަދުވެރިން
ނުކޮށް ދޫކޮށްލައިގެންވާނެކަމެއްނޫނެވެ.




No comments:
Post a Comment