ލ. އަތޮޅުގެ ދަނޑުވެރިން ދަނޑުވެރިކަންކުރުމަށް ބޭނުންވާ ބިން ދޫކުރުން



ދުނިޔޭގެ އާބާދީ ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ރާއްޖޭގެ އާބާދީވެސް ހަމަ އެފަދައެވެ. ހައްދުންމަތީގެ އާބާދީވެސް ހިނގަނީ ހަމަ އެ މަގުންނެވެ. އިތުރުވުމާއި ނުވުމާއިމެދު ސުވާލެއްނެތެވެ. ވަނީ އިތުރުކަން ޔަޤީނެވެ. އެހެނަސް، ދުނިޔޭގައި ލެއްވި ވަޞީލަތްތައް އިތުރެއް ނުވެއެވެ. ނަތީޖާއަކީ، ލިބެންހުރި މަދު ވަޞީލަތްކޮޅު ފަހާ ގިނަ މީހުން ދުވަން ޖެހުމެވެ.  


އެހެންވުމާއިއެކު، ދުނިޔޭގެ ހުރިހާ ޤައުމުތަކުންވެސް، މިހާރު ދަނީ ކާބޯތަކެތީގެ ބާވަތްތައް އިޤުތިޞާދުކުރަމުންނެވެ. އޭގެ އިތުރަށް، ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން މަތިކުރުމަށް އިންތިހާއަށް މަސައްކަތްކުރަމުންނެވެ. އެހެންނަމަވެސް، ގާތްގަނޑަކަށް ހުރިހާ ބާވަތެއްހެން އެތެރެކޮށްގެން ބޭނުންކުރަމުންދާ ދިވެހިންނަށް މިކަން އަދިވެސް ރެއަކާލީހެނެއް ހިޔެއް ނުވެއެވެ. މޫސުމަށް އަންނަ ބަދަލާއި، ގުދުރަތީ ކާރިސާތަކާއި، ދަނޑުވެރި ބިން މަދުވަމުން ދިއުމާއި މިނޫންވެސް މިފަދަ ތަފާތު ސަބަބުތަކާއިހުރެ ދަނޑުވެރިކަން ދަށްވެ، ކާބޯތަކެތީގެ އަގު އުފުލި، ރައްޔިތުން ހަނާވިޔަސްވެސް، އެބަޔަކު ނުރުހޭ ވެރިކަމެއްގައި އަގުބޮޑުވުމުން އެހެން ގޮވާފައި، ރުހޭ ވެރިކަމެއް ވިއްޔާ ކަހާތަން ހިރުވާވެސް ނުލާ، ދިވެހިން ރީތިކޮށް ތިބެނީއެވެ.

އެހެންނަމަވެސް، ހައްދުންމަތީގެ ރައްޔިތުންނަކީ ދަނޑުވެރިކަމާއިގުޅޭ ބައެއް ޤުދުރަތީ ފަސޭހަތައް އަތްމަތިވެފައިވާ ބައެއްކަމުން، މިކަމާއި ދޭތެރޭގައި ވިސްނާ، މިހާރުއްސުރެ ދަނޑުވެރިވުމުގެ މަސައްކަތް ފަށައިގަންނަން އެބަޖެހެއެވެ. މިގޮތުން ބަލާއިރު، ފުޅާދާއިރާއެއްގައި ދަނޑުވެރިކަމަށް ނުކުންނައިރު އޭގެޒާތުން ކުރަންޖެހޭ އަސާސީ ބައެއް ކަންކަން އެބަހުއްޓެވެ. ކާމިޔާބުކަމާއިއެކު ކަމެއް ރާވާލެވިއްޖެ ނަމަ، އެ ކަމެއްގެ ބޮޑުބައި ކާމިޔާބުކުރެވުނީއެވެ. ބާކީ އޮންނަބައި ކާމިޔާބުކުރުމަށް އަލުން އިތުރު ދަތިތަކެއް ނުހުންނާނެއެވެ. ހުރިހާ ކަމެއްވެސް ހުންނާނީ، އިޚުތިޔާރުގެ ތެރެއިން ކުރިޔަށް ގެންދެވޭ ހިސާބުގައެވެ.

1. ކަން މިހެން ހިންގުމަށްޓަކައި، ރަށު ކައުންސިލްގެ ފަރާތުން އިސްނަގައިގެން، ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަމާއިއެކު، އެ ރަށެއްގެ ބިމަކީ ދަނޑުވެރިކަމަށް ފަހި ބިމެއްތޯ ބަލަން އެބަޖެހެއެވެ. ދަނޑުގޮވާމަށް މޮޅު އުފެއްދުންތެރި ބިމެއްތޯއާއި، މޭވާއާއި ތަރުކާރީ އަދި ފަލަމަޑީގެ ބާވަތްތަކުގެ ތެރެއިން ކޮން ބާވަތެއްގެ ހަރަކާތަކަށް މޮޅު ބިމެއްތޯ ބަލަން އެބަޖެހެއެވެ. މިކަން ކުރުމަށްޓަކައި، ދަނޑުވެރިކަމަށް ފަހި މިންވަރު އަންގައިދޭ ސާރވޭއެއް ކުރުމީ، ކަމުގެ ތަޖުރިބާކާރުންގެ އެހީގައި ރަށުފެންވަރުގައި ނުކުރެވޭވަރު ކަމެއްނޫނެވެ.

2. ސުނާމީއަށްފަހު، މި އަތޮޅުގެ ބައެއް ރަށްރަށުގެ ފެނުގެ ފަށަލަ ވަނީ ބޮޑުތަނުން ތަޣައްޔަރުވެފައެވެ. އަދި ފަސްގަނޑަށްވެސް ވަނީ ނުކިއްސަރު އެތައްގޮތެއް ވެފައެވެ. އެހެންކަމުން، ބަޔާންކުރެވުނު ޒާތުގެ ސާރވޭއެއް ހަދާއިރު، ރަށުގެ ފަހާއި ފެނުގެ ތަހުލީލެއް ކުރިޔަށް ގެންދަންޖެހެއެވެ.

3. ބިމުގައި މިންއެޅުމާއި، އަކަޖެހުމާއި ކަޑަޖެހުމަކީ ކޮންމެކޮންމެ މީހަކަށް، ކޮންމެ ކަތީބަކަށް ނުވަތަ ކައުންސިލަރަކަށް އެނގޭ ކަމެއްނޫނެވެ. އެހެންކަމުން، މިކަންކަން ކުރުމުގެ ހުނަރުވެރިކަން ރަށު ކައުންސިލްގެ މުވައްޒަފުންނަށް ފޯރުކޮށްދޭން އެބަޖެހެއެވެ. ބޭނުން ޖެހޭ ކޮންމެފަހަރަކު، ތަނަކުން ބަޔަކު ގެންނަންޖެހޭނަމަ، ލާމަރުކަޒީކޮށް ރަށްރަށެއް ނުހިންގޭނެއެވެ. އަބަދުވެސް ޖެހޭނީ، ވެރިރަށަށް ބަރޯސާވާށެވެ.

4. ގޯތިދޫކުރުމަށްފަހު ބާކީ ހުންނަ ހުރިހާ ބިމަކީ ދަނޑުވެރިކަން ކުރަން ދޫކުރާ ބިމެއް ނޫނެވެ. ދަނޑުވެރިކަމަށް ޚާއްސަ ބިން ކަނޑައަޅާނީ، ރަށުގެ ލޭންޑްޔޫޒް ޕްލޭން ތައްޔާރުކުރުމުގައެވެ. މިގޮތަށް ކަނޑައަޅާއިރު، ދަނޑުވެރިކަމުގެ މަސައްކަތަށް ބޭނުންވާ ބިންމޮޅު، އަދި ފެން ލިބުން ފަސޭހަ ސަރަޙައްދުތައް ކަނޑައެޅުން މުހިންމެވެ. އަދި، ވެރިމީހާ އަށް ގިނަ ބިން ދޭ އުސޫލުގެ ބަދަލުގައި، ޒަމާނީ ހިންގުމުގެ ތެރެއިން، މިކަމާއިބެހޭގޮތުން އުސޫލުތަކާއި ގައިޑްލައިންތައް ތައްޔާރުކުރުން މުހިންމެވެ. އަކުރުން އަކުރަށް ކުރެހުންތަކާއި ލިޔެކިޔުން ހުރުމަކީ ޓްރާންސްޕޭރެންސީއަށްޓަކައި ކޮންމެހެން ބޭނުން ކަމެކެވެ.

5. އެއަށްފަހު، ހަމަހަމަ އުސޫލަކުން ރައްޔިތުންގެ ތެރެއިން އެކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް، ލުއި ފަސޭހަ ކަމާއިއެކު، ދަނޑުވެރިބިން ދޫކުރާނީއެވެ. އެގޮތުން ދޫކުރާއިރު، ކުރުމުއްދަތުގެ ދަނޑުވެރިކަމާއި، ދިގުމުއްދަތުގެ ދަނޑުވެރިކަމާއި، ލަކުޑީގެ ދަނޑުވެރިކަމަށް ރިޢާޔަތްކުރުމީ މުހިންމުކަމެކެވެ.

6. ދިވެހި ދަޢުލަތުގެ ދަރަނި މިއަދު އޮތް ހިސާބަށް ބަލާއިރު، ސަބްސިޑީއަކީ ލިބެންޖެހޭ އެއްޗެއްކަމަށް، ނުވަތަ ދޭންޖެހޭ އެއްޗެއްކަމަށް ހީކުރުމީ، އިޤުތިޞާދީ ނަޒަރުން ބަލާއިރު ވިޔާނުދާކަމެކެވެ. އެހެންކަމުން، ދަނޑުވެރިބިން ދޫކުރުމުގައި އަސާސަކަށް ބެލުން ރަނގަޅީ، ދަނޑުވެރިންގެ ހީވާގިކަމާއި އުފެއްދުންތެރިކަމުގެ ތެރެއިން ދަނޑުވެރި މުދާ އުފެއްދުމުން، އެއަށް މާރކެޓް ހޯދައިދިނުމާއި ދަތުރުފަތުގެ ނިޒާމުގެ ތެރެއިން، އުފައްދާ މީހާގެ އުނގުން ގަންނަމީހާގެ އަތަށް އެ މުދާ އެރުވުމަށްޓަކައި ބޭނުންވާ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ރަށުކައުންސިލްތަކާއި އަތޮޅުކައުންސިލުން ޒިންމާނެގުމެވެ.

ނަތީޖާއެއްގެ ގޮތުން، ލ. އަތޮޅުގެ މީހުން ދިރި އުޅޭ ރަށްރަށުގައި ހުރި، އުފެއްދުންތެރި ބިންތައް އޭގެ ހަޤީޤީ ބޭނުމަށް ބޭނުންކުރަން ފެށޭނެއެވެ. ވަޒީފާ ނެތް އެތައްބަޔަކު، މިފަދަ މަސައްކަތްތަކުގައި ބައިވެރިވެ އާމްދަނީ ހޯދަން ފަށާނެއެވެ. ކެއުންބުއިމަށް ބޭނުންވާ ތަރުކާރީއާއި މޭވާ އަދި ފަލަމަޑީގެ ބާވަތްތައް، އަތްފޯރާފަށުގައި އަތޮޅުތެރެއިން ލިބެން ހުންނާނެއެވެ. އެކަމުގެ ސަބަބުން، މިފަދަ ތަކެތި މާލޭން ގެނައުން މަދުކުރެވޭނެއެވެ. އަދި، އަތޮޅުތެރޭގައި އުފެދެމުންދާ ޓުއަރިޒަމްގެ މާރކެޓަށް ދަނޑުވެރިން ވަނުމަށް ދުރާލާ ތައްޔާރު ވެވޭނެއެވެ. އެހެންކަމަށްވުމާއިއެކު، ރަށުކައުންސިލްތަކާއި އަތޮޅު ކައުންސިލުން މިކަމާ ނޫޅެންވީ ސަބަބެއްނެތެވެ.

No comments:

Post a Comment