ޤައުމީ ތަރައްޤީގެ ކޮންމެ ދިމާލަކުން ބަލާލިކަމުގައިވިޔަސް، އެ ދިމާލަކުން ޤައުމުކުރިއެރުވުމުގައި ނުކުންނަންތިބި މީހުންގެ ތެރެއިން އެންމެ ކުރީ ސަފުގައި ޚިދުމަތްކުރުމުގެ ލިޔާޤަތާއި ޤާބިލިއްޔަތުކަން ލިބިފައިވާ ޒުވާނުން ލ. އަތޮޅުގެ ހަމަ ކޮންމެ ރަށެއްގައިމެ އެބަތިއްބެވެ. އެހެންނަމަވެސް، ޒަމާނުއްސުރެ އެބައިމީހުން ވަނީ އެފަދަ ހުނަރުތައް ނެރެ ދެއްކުމުގެ އެންމެހާ ފުރުޞަތުތަކުން މަޙުރޫމްކުރެވިފައެވެ. ކަން މިހެން އޮތުމުގެ ނަތީޖާއެއްގެ ގޮތުން، ލ. އަތޮޅު ވެފައިވަނީ ނިސްބަތުން ކުށްކުރުން ގިނަ އަތޮޅަކަށެވެ. އަދި އިޖުތިމާޢީ އަދާލަތުގެއްލި އިޖުތިމާޢީ ފޭރާން ވީދިފައިވާ، ބަލަދުވެރިޔެއް ނެތް އަތޮޅަކަށެވެ.
އަނެއްކޮޅުން ބަލާއިރު، ލ. އަތޮޅުގެ ފަރާތުން ކަންކަމުގައި ވަކާލާތުކޮށް، މި އަތޮޅުގެ ޒުވާނުންނަށް ހެޔޮގޮތް ހޯދައިދިނުމަށް ސިޔާސީ ވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އަތޮޅުގެ އެކިފަންތީގެ ފަރާތްތަކުން މަސައްކަތްކުރާ މަންޒަރު މަދުން ނޫނީ ނުފެނެއެވެ. ބައެއް ފަރާތްތަކުން އިހުމާލުވާއިރު، އަނެއްބައިފަރާތްތަކުން، މި އަތޮޅުގެ ޒުވާނުންގެ ދިފާޢުގައި ކުރަންވީ ކޮންކަމެއްކަން ގިނަފަހަރު ނުވެސް އެނގެނީއެވެ. އޭގެ މައިގަނޑު އަސްލަކީ، އަތޮޅުގައި ކިޔަވައިގެންތިބި މީހުން މަދުވުމެވެ.
ކޮންމެގޮތެއްވިޔަސް، ރާއްޖޭގެ އަތޮޅުތަކުގެ ނިސްބަތުން ސްޓްރެޓީޖިކް އެޑްވާންޓޭޖްތަކެއް ލ. އަތޮޅަށް ލިބިފައިވެއެވެ. ބިމާއި ޤުދުރަތީ ރީތިކަން ލިބިފައިވެއެވެ. ހުނަރުވެރި، ބުއްދިހެޔޮ، ހީވާގި ޒުވާނުން އަތޮޅުގައި އެބަތިއްބެވެ. އެހެންކަމުން، އެ ހުނަރާއި ބުއްދި އަދި ހީވާގިކަން އޭގެ އެންމެ އެދެވޭގޮތުގައި ބޭނުންކުރުމަށްޓަކައި، ރަށު ކައުންސިލުތަކުންނާއި އަތޮޅު ކައުންސިލުން އަދި މައި ސަރުކާރުން ކަންތައްތަކެއް ކުރަން އެބަޖެހެއެވެ.
1. އަޅުގަނޑަށް ފެންނަ ފެނުމުގައި، ލަސްނުކޮށް، މިއަތޮޅުގެ ޒުވާނުން ތަފާތު ކުޅިވަރުތައް ކުޅުމަށް ބޭނުންވާ އިންތިޒާމު ހަމަޖައްސަން އެބަޖެހެއެވެ. އެކަންކުރުމަށްޓަކައި އެރަށެއްގެ ޒުވާނުން ކުޅޭ ހިތްވާ ކުޅިވަރުތަކަކީ ކޮބައިތޯއާއި، އެރަށެށްގައި އެންމެގިނައީ ކޮން ކުޅިވަރެއްގެ ހުނަރުވެރިންނެއްތޯއާއި، އެކިއެކި ކުޅިވަރުތަށް ކުޅުމަށް މިވަގުތު ރަށުފެންވަރުގައި ލިބެންހުރީ ކޮން ވަޞީލަތްތަކެއްތޯއާއި، މިވަގުތު ކުޅިވަރު ދިރުވާ އާލާކުރަންވީ ކޮން އުމުރުފުރައަކަށް އަދި ކޮން ޖިންސަކަށް އަހައްމިއްޔަތުކަންދީގެންތޯއާއި ދިރެމުން އަންނަ ނުވަތަ ނެތެމުންދާ ކުޅިވަރުތަކަކީ ކޮބައިތޯ ބަލަން އެބަޖެހެއެވެ. މިކަމަށްޓަކައި ރަށުފެންވަރުގައި ރަށު ކައުންސިލްތައް ހަރަކާތްތެރިވެފައި، އަތޮޅުގެ ދިރާސާއަށް އަތޮޅު ކައުންސިލުން ޒިންމާ ނުނަގަންވީ ސަބަބެއް ނެތެވެ.
2. ބަޔާންކުރެވުނު ދިރާސާގެ އަލީގައި އަތޮޅުގެ ޒުވާނުންގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމަށްފަހު އަތޮޅު ކައުންސިލުން އެކަމުގައި ޖާމިނުވެ، ކަމާބެހޭ ވުޒާރާތަކާއި ގުޅިގެން އެ ޕްލޭން ތަންފީޒުކުރަން މަސައްކަތްކުރަން އެބަޖެހެއެވެ.
3. ހަމައެއާއިއެކު،
ކުޅިވަރު ބިމާއި، އެހެނިހެން ވަސީލަތްތައް ޤާއިމުކުރުމަށް ބޭނުންވާ އަންދާސީ ހިސާބެއް އެކުލަވާލުމަށްފަހު، އެކަމަށް ބޭނުންވާ ފައިސާ ހޯދުމަކީ އަދި ހޯދުމަށް ވަކާލާތުކުރުމަކީ މަރުކަޒީގޮތުން އަތޮޅު ކައުންސިލުން ކުރިޔަށް ގެންދަން ޖެހިފައިވާ ކަމެކެވެ. އެމޭރުމުން މަސައްކަތްކުރާއިރު، މިކަމާއި ގުޅޭގޮތުން ސަރުކާރުން މި އަތޮޅަށް ކޮށްދެވޭނީ ކޮންކަމެއްތޯއާއި ވެދެއްވޭނީ ކިހާވަރެއްގެ އެހީތެރިކަމެއްކަން ބަލަންޖެހޭނެއެވެ. އަދި މި މަސައްކަތުގައި މަޖިލީހުގައި މިއަތޮޅުގެ ގޮނޑިތައް ފުރުއްވާ ފަރާތްތަކުގެ އެހީތެރިކަން ހޯދުމަކީވެސް އަދި އެފަރާތްތަކުން އެހީތެރިވުމަކީވެސް ކުރަންޖެހޭ ކަމެކެވެ.
4. ހުރިހާ ކަމަކަށް ދައުލަތަށް ބަރޯސާވެއްޖެނަމަ، ޖެހޭނީ ކަންކަން ނުކޮށް ތިބޭށެވެ. ދައުލަތުގެ ކެރިފޯރުން ތެރިކަން ހުރިހާކަމެއް ކުރުމަށް ޖާގައެއްނުދެއެވެ. އެހެންކަމުން، ކަންކަން ތަންފީޒުކުރުމުގައި އެނޫން މަގުތައްވެސް ޚިޔާރުކުރުމަކީ ކުރަންޖެހޭކަމެކެވެ. ކޯރޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ނަންގަވާފާނެ ބައެއް ވިޔަފާރިތައް އަތޮޅުގައި އެބަހުއްޓެވެ. ހަމަ އެހެންމެ، ބިންބިމާއި ފަޅުރަށްރަށް ބިޑަށް ހުޅުވާލާއިރު، ބައެއް މަޝްރޫޢުތަކުގައި ވަކި މިނަކަށް އެހީތެރިވުމަށް ޝަރުތުކުރުމީވެސް ނެތްކަމެއްނޫނެވެ.
5. ބަޔާންކުރެވުނު ފަދައިން، ކަންކަން ރާވާ ހިންގުމުގައި ރަށްރަށުގެ އުމްރާނީ ތަރައްޤީއާއި އެ ރަށްރަށަށް ވަންނަ އާމްދަނީއާއި އާބާދީއަށް ރިޢާޔަތްކުރަން އެބަޖެހެއެވެ. ހަމައެހެންމެ، އަސާސީގޮތުން ކޮންމެ ރަށެއްގައިވެސް މަދުވެގެން ވަކި މިންވަރަކަށް ވަޞީލަތް ޤާއިމުކުރެވިއްޖެކަން ކަށަވަރުކުރަންވެސް އެބަޖެހެއެވެ.
6. ނަތީޖާއެއްގެ ގޮތުން، ތިން ފަށަލަ ހިމެނޭ ކުޅިވަރުތަކުގެ ނިޒާމެއް މި އަތޮޅުގައި އުފެދޭނެއެވެ. އެއީ ރަށުފެންވަރުގެ މުބާރާތްތަކާއި، އަތޮޅު ފެންވަރުގެ މުބާރާތްތަކާއި އަދި ސަރަހައްދީ/ޤައުމީ ފެންވަރުގެ މުބާރާތްތަކަށް ފަހިކޮށް އެކުލަވާލެވޭ ކުޅިވަރު ކުޅުމުގެ ނިޒާމެކެވެ.
7. މިއަތޮޅުގެ ހަމަ ކޮންމެ ޒުވާނަކީވެސް ބޭނުންތެރި ޒުވާނަކަށް ހަދަން މިއަދު މަޖުބޫރެވެ. އެކަމަށްޓަކައި، މިއަދު ހުރި ކުޅިވަރުތަކާއި އެއްސަފަށް، ފިޓްނަސް ކުލަބްތައް ގެންނަންއެބަޖެހެއެވެ. ހަމަ ކޮންމެ ރަށެއްގައިވެސް ފިޓްނަސްގެ ހަރަކާތްތައް ވަކިތަރުތީބަކުން ގެންދެވެން އެބަޖެހެއެވެ. މިއީ، ޚަރަދު ބޮޑު ކަމަކަށްވުމާއިއެކު، ވަކި ފަރުދަކަށް އެކަމެއް ނުކުރެވޭނެއެވެ. އެހެންކަމުން ވަކިވަކި ފަރުދުން ވޯޓްދެއްވައިގެން އެ ފަރުދުންގެ މަށްޗަށް އަމުރު މަޢުރޫފު ހިންގަން ހޮއްވަވާފައިވާ ފަރާތްތަކުން ވާނީ، މިޒާތުގެ އިންތިޒާމުތައް ހަމަޖެއްސުމަށް އިންތިހާއަށް މަސައްކަތްކުރާށެވެ.
8. ކުޅިވަރަކީ ވަކި ޖީލަކާއިއެކު ނިމިގެންދާ އެއްޗަކަށް ވެގެންނުވާނެއެވެ. އެހެންކަމުން، ޒުވާނުންގެ ތަރައްޤީގެ މަޝްރޫޢުގައި ހިމެނޭ ދާއިރާތަކަށް އަލިއަޅުވާލެވޭ ގޮތަށް، ސުކޫލުތަކުގެ ކުޅިވަރުތައްވެސް ތަރުތީބުކޮށްލެވެން ޖެހޭނެއެވެ. ނަތީޖާއެއްގެ ގޮތުން، ހަމަ ކޮންމެ ކުޅިވަރަކީވެސް، ފަނޑުކަމެއްނެތި ތާއަބަދަށް ދިރުވޭ ކުޅިވަރަކަށްވާނެއެވެ.
9. ކޮންމެ މަސައްކަތެއްވެސް ވަޒަންކުރެވެންވާނެއެވެ. އެހެންކަމުން، ކުޅިވަރުތަކުގެ އެހީގައި ލ. އަތޮޅުގެ ޒުވާނުން ތަރައްޤީކުރެވުނީ ކިހާ މިންވަރަކަށްކަން ދެނެގަތުމަށްޓަކައި، ކުރިން ބަޔާންކުރެވުނު ފަދައިން ރަށުފެންވަރުގެ، އަތޮޅުފެންވަރުގެ އަދި ސަރަޙައްދީ/ޤައުމީ ފެންވަރުގެ މުބާރާތްތައް ޤަވާއިދުން ރާވާ ހިންގުމުގައި އެއްވެސް ބަޔަކު އިހުމާލުވެގެން ކަމަކު ނުދާނެއެވެ. މުބާރާތަކީ އިމްތިޙާނެއެވެ. މި އަތޮޅުގެ ޒުވާނުން، ޤައުމީ ފެންވަރުގެ ކުޅިވަރުތަކުގައި ވާދަކޮށް ކާމިޔާބު ހޯދާނަމަ، އެއީ ލ. އަތޮޅުގެ ކޮންމެ ރައްޔިތަކުމެ އެކަމާ އުފާފާޅުކުރާނެކަމެކެވެ.

No comments:
Post a Comment